Roadha Mihaaru
ރައީސަށް ކުރި ތުހުމަތަށް އަލީ އާރިފާ ސުވާލުކޮށްފި

ރައީސަށް ކުރި ތުހުމަތާ ގުޅިގެން އަލީ އާރިފާ ސުވާލުކޮށްފި

27 ފެބުރުއަރީ 2019

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތް ކަމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ކުރެއްވި ތުހުމަތާ ގުޅިގެން އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތް ކަމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ކުރެއްވި ތުހުމަތާ ގުޅިގެން އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އަލީ އާރިފްއާ ސުވާލު ކުރި ކަން އޭސީސީން ކަށަވަރުކޮށްދެ އެވެ. އެކަމަކު ތަހުގީގު ކުރިއަށް ދާތީ، ތަފްސީލެއް އެ ކޮމިޝަނަކުން ނުދެ އެވެ.

ހިޔާނާތުގެ ފައިސާ އިން މަނީ ލޯންޑަރިން ހިންގެވި ކަމުގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ޔާމީން ބަންދުކުރީ ސިޔާސީ ގޮތުން ކަމަށް ވިދާޅުވެ، ހިތްހަމަޖެހިވަޑައިނުގެން އަލީ އާރިފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑު ތުހުމަތެއް ކުރައްވައިފަ އެވެ.

ޔާމީންގެ ސަޕޯޓަރުންނާ އެކު އައިޖީއެމްއެޗުގައި ހުންނަވައި އަލީ އާރިފް ވިދާޅުވީ ޚިޔާނާތުގެ ފައިސާ އިން "32 މިލިއަން" ރިޝްވަތުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތް ކަމަަށެވެ. އެގޮތަށް ވިދާޅުވީ، އެކަން ހިނގި ގޮތް އެނގިވަޑައިގަންނާތީ ކަމަށް ވެސް އަލީ އާރިފް ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ މުޒާހަރާއެއްގެ ތެރެއިން އަލީ އާރިފް ވާހަކަ ދައްކަވަނީ: ހިޔާނާތުގެ ތަހުގީގަށް އޭސީސީން ވަނީ އޭނާއާ ސުވާލުކޮށްފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޕީޕީއެމްގެ މުޒާހަރާއެއްގެ ތެރެއިން އަލީ އާރިފް ވާހަކަ ދައްކަވަނީ: ހިޔާނާތުގެ ތަހުގީގަށް އޭސީސީން ވަނީ އޭނާއާ ސުވާލުކޮށްފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަލީ އާރިފްގެ އެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު ދޮގު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ރައީސަށް އަމާޒުކޮށް ކުރާ ފައިސާގެ ތުހުމަތަކީ "ބުހުތާނު ދޮގެއް" ކަމަށެވެ. އެ ތުހުމަތު އެޅުވީ ރައީސަށް އަމާޒުކޮށް ކޮންމެވެސް ވާހަކައެއް ދެއްކުމުގެ ނިޔަތުގައި ކަމަށް ވިދާޅުވި އެވެ. ޕީޕީއެމުން ރައީސަށް ކުރާ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަން ސާބިތު ކޮށްދެއްވަން ހޫދު ވިދާޅުވީ، މެލޭޝިއާގެ ބޭންކެއްގައި އެމަނިކުފާނުގެ އެކައުންޓެއް ހުރި ކަމަށް އެޅުވި ތުހުމަތަކީ ވެސް ކަނޑައެޅިގެން ދޮގެކެވެ.

"އެއީ، އެއްވެސް ހަގީގަތެއް އަދި އޮއްޓަރެއް ހުރި ވާހަކަތަކެއް ނޫން،" ހޫދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފުރިހަމަ ތަހުގީގެއް ހިންގަން ކުރިން ވެސް އެންމެ ބޮޑަށް ބާރު އެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާއި ރިޕޯޓު އާއްމުވުމާ އެކު މި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ގޮތުން ފިޔަވަޅު އެޅުއްވި ކަން ހޫދު ފާހަގަކުރެއްވި އެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި އެސްއޯއެފުން ފައިސާ ޖަމާކުރި 155 މީހުންގެ ނަން ހިމަނާފައިވެ އެވެ. އޭގެތެރޭގއި ހިމެނިވަޑައިގެންނެވި މި ސަރުކާރުގެ އިސްބޭފުޅުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެކަމަކު، އެއީ ހިޔާނާތުގައި ދައުރެއް އޮތް މީހުން ކަމެއް އޭސީސީގެ ރިޕޯޓަކު ނެތެވެ. ފިޔަވަޅު އެޅީ އޭސީސީން މައްސަލަ އިތުރަށް ތަހުގީގުކޮށް ނިމެންދެންނެވެ.