Roadha Mihaaru
ނިހާންގެ ދިފާއުގައި ޝަމީމް އަދި މަހްލޫފް ހާޒިރުކުރަނީ

ނިހާންގެ ދިފާއީ ހެކިންނަށް ޕީޖީ ޝަމީމް، މަހްލޫފް އަދި އަލީ ވަހީދު ހާޒިރުކުރަނީ

15 ސެޕްޓެމްބަރ 2022

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކުރާ ދައުވާތަކުގައި ދިފާއީ ހެކިންގެ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ނަން ބަލައިގަނެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކުރާ ދައުވާތަކުގައި ދިފާއީ ހެކިންގެ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ނަން ބަލައިގަނެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މިއީ ރާއްޖޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅަކު ޖިނާއީ މައްސަލައެއްގައި ދިފާއީ ހެއްކެއްގެ ގޮތުން ކޯޓަކުން ބަލައިގަތް ފުރަތަމަ ފަހަރެވެ.

ނިހާންގެ މައްޗަށް ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާއެއް ކުރަނީ އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިވެގެން ގިނަ އަދަދެއްގެ ފައިސާ އާއި ރޮލެކްސް ގަޑިއެއް ހޯއްދެވި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ޕީޖީ ޝަމީމްގެ ނަން ދިފާއީ ހެއްކެއްގެ ގޮތުގައި ނިހާންގެ ފަރާތުން ހުށަހެޅުއްވީ އަދީބުގެ ވަކީލަކަށް ޝަމީމް އުޅުއްވިއިރު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ޝަމީމްގެ ނަން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅުމުން އެކަން ބަލައިނުގަތުމަށް އެދި ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ދައުލަތުން ހުށަހެޅި އެވެ.

ޕީޖީ ޝަމީމް --- ފޮޓޯ/މިހާރު

ޕީޖީ ޝަމީމް --- ފޮޓޯ/މިހާރު

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުށަހެޅުންތަކާ މެދު ގޮތް ނިންމަމުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ދިފާއީ ހެއްކެއްގެ ގޮތުން ޝަމީމްގެ ނަން ބަލައިނުގަނެވޭނެ ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށެވެ. އެހެންވެ، ދިފާއީ ހެއްކެއްގެ ގޮތުން އޭނާ ބަލައިގަތުމަށް ނިންމީ ކަމަށް ގާޒީ ވިދާޅުވި އެވެ.

މަހްލޫފްގެ ނަން ނިހާންގެ ފަރާތުން ހުށަހެޅީ މަޖިލިސް މެމްބަރަކަށް ނިހާން ހުންނެވިއިރު ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގައި ނިންމުންތައް ނިންމުމުގައި އަމަލުކުރި ގޮތް ސާބިތުކޮށް ދިނުމަށެވެ. އަދި އަލީ ވަހީދުގެ ނަން ހުށަހެޅީ އަދީބުގެ ފޯނުގެ މޮބައިލް ފޮރެންސިކް ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަން ސާބިތުކުރުމަށެވެ.

އެ ދެ ބޭފުޅުންނަކީ ވެސް ދައުވާއާ ނުގުޅޭ ހެކިން ކަމަށް ބުނެ ދިފާއީ ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ދައުލަތުން ހުށަހެޅި އެވެ. އެކަމަކު ގާޒީ ނިންމެވީ އެ ދެ ބޭފުޅުން ދިފާއީ ހެކިންގެ ގޮތުގައި ބަލައިގަތުމަށެވެ.

ރައީސާއި ނައިބު ރައީސްގެ ނަން ދިފާއީ ހެއްކަކަށް ބަލައިނުގަތް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމްގެ ނަން ވެސް ނިހާންގެ ދިފާއީ ހެކިންގެ ލިސްޓުގައި އޮތެވެ. އެއީ މާލިއްޔަތު ކޮމެޓީގައި އޮޑިޓް ރިޕޯޓްތަކާ މެދު އަމަލުކުރި ގޮތް ސާބިތުކުރުމަށެވެ.

އެ ދެ ބޭފުޅުން ވެސް ދިފާއީ ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ދައުލަތުން ހުށަހަޅާފައިވެ އެވެ. ގާޒީ ވެސް ނިންމެވީ އެ ދެ ބޭފުޅުންނަކީ ދައުވާއާ ގުޅުންހުރި ހެކިން ކަމަށް ނުވާތީ އާއި މާލިއްޔަތު ކޮމެޓީގައި އަމަލުކުރި ގޮތަކީ ދައުވާގައި ހިމެނޭ ކަމަކަށް ނުވާތީ ރައީސާއި ނައިބު ރައީސް ދިފާއީ ހެކިންގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.

ރައީސާއި ނައިބު ރައީސް --- ފޮޓޯ/މިހާރު

ރައީސާއި ނައިބު ރައީސް --- ފޮޓޯ/މިހާރު

އެހެން ނަމަވެސް ޕީޕީއެމްގެ ކުރީގެ އަދި މިހާރުގެ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންގެ ދިފާއީ ހެކިންގެ ގޮތުގައި ބަލައިގަތުމަށް ގާޒީ ނިންމެވި އެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ އާއި ކުރީގެ މެމްބަރުން ކަމަށްވާ އަލީ އާރިފާއި އިބްރާހިމް ޝުޖާއު އާއި އިބްރާހިމް ފަލާހާއި މެމްބަރު އަބްދުﷲ ރިފާއު ވެސް ހިމެނެ އެވެ.

ނިހާންގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅީ ދައުލަތުގެ ހެއްކެއްގެ ގޮތުގައި އަދީބު ބަލައިނުގަތުމަށާއި އޭނާއާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުން ހޯދުމަށާއި އޭނާގެ މޮބައިލް ފޮރެންސިކް ރިޕޯޓް ބަލައިނުގަތުމަށާއި ނިހާންގެ ބޭންކް ސްޓޭޓްމަންޓްތައް ހެކީގެ ގޮތުގައި ބަލައިނުގަތުމުގެ އިތުރުން އިޖްރައާތު ފުރިހަމަނުކޮށް ދައުވާ ކުރުމާއި ދައުވާ ކުރުމުގައި ތަފާތުކުރި ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެއިން އެއްވެސް ހުށަހެޅުމެއް ނިހާނަށް ކާމިޔާބެއް ނުވި އެވެ. އެގޮތުން އަދީބުގެ ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށާއި އަދި އޭނާގެ އިއުތިރާފް އެއްބަސްވުން ހާމަކުރަން ނޭންގޭނެ ކަމަށް ގާޒީ ނިންމެވި އެވެ. އަދި ދައުވާ ކުރުމުގައި ތަފާތުކުރި ކަމަށް ނުބެލެވޭނެ ކަމަށް ވެސް ގާޒީ ނިންމެވި އެވެ.

އެ މައްސަލާގައި ދެން އޮންނާނީ ޝަރީއަތުގެ މަރުހަލާ ފެށުމެވެ. ހެކިންގެ ހެކިބަސް ނަގާނީ އެ މަރުހަލާގަ އެވެ.