Roadha Mihaaru
މަލީހު ވަކިކުރިޔަސް އިންޓަނެޓުގެ ސްޕީޑް އަވަހެއް ނުވި

މަލީހު ވަކިކޮށްގެން އިންޓަނެޓުގެ ސްޕީޑް އަވަހެއް ނުވޭ، މަބްރޫކް ވިދާޅުވަނީ ހައްލު އޮތީ މި އަހަރު ކަމަށް

01 އެޕްރީލް 2021

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުން މުހައްމަދު މަލީހް ޖަމާލު ވަކިކުރިޔަސް އިިންޓަނެޓްގެ ސްޕީޑް އަވަސް ނުވާ ކަމަށާއި އެކަމަށް ހައްލެއް ލިބޭނީ ކުރިން ވެސް ރާވާފައިވާ ގޮތަށް މި އަހަރު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އިއްޔެ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުން މުހައްމަދު މަލީހް ޖަމާލު ވަކިކުރިޔަސް އިިންޓަނެޓްގެ ސްޕީޑް އަވަސް ނުވާ ކަމަށާއި އެކަމަށް ހައްލެއް ލިބޭނީ ކުރިން ވެސް ރާވާފައިވާ ގޮތަށް މި އަހަރު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އިއްޔެ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، އޭނާ މަގާމުން ވަކިކުރީ މިދިޔަ މަހުގެ 1 ގަ އެވެ. އެކަމުގައި އިސްކޮށް ތިއްބެވީ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެމްބަރުންނެވެ.

މަލީހުގެ ބަދަލުގައި އާ ވަޒީރަކު ހަމަނުޖައްސާ މައްސަލައިގައި، އިއްޔެ މީޑިއާ ބްރީފިންގައި "މިހާރު" އިން ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ، މަލީހު ވަކިކުރިޔަސް އިންޓަނެޓުގެ ސްޕީޑަށް ބަދަލެއް ނާންނަ ކަމަށެވެ.

މަލީހުގެ ބަދަލުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމަށް އާ ބޭފުޅަކު އައްޔަން ކުރުމުގެ މަޝްވަރާ އަދިވެސް ކުރިއަށް ދަނީ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އިންޓަނެޓުގެ އަގުހެޔޮ ނުވުމާއި ސްޕީޑް ދަށް މައްސަލައިގައި، މަލީހު ވަޒީރުކަމުގައި ހުންނެވިއިރު ބައެއް މީހުން ވަަރަށް ބޮޑަށް އޭނާ އަށް ފާޑުކިޔެވެ. އެ އިލްޒާމު މަލީހުގެ އިސްތަށިފުޅުގައި އޭރު އެޅުވި ނަމަވެސް އޭނާ މަގާމުން ވަކިކުރުމުން ވެސް ހައްލެއް ނައުމުން މިހާރު ގިނަ މީހުން ދައްކަނީ އެ ވާހަކަ އެވެ.

ތުރޮޓަލް ނުވަތަ ކަނޑައާ ޑޭޓާ ހަމަވުމުން އިންޓަނެޓްގެ ސްޕީޑް ދަށްނުކޮށް، ރަނގަޅު ސްޕީޑެއްގައި އިންޓަނެޓް ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށާއި އެ މައްސަލަ މި އަހަރު ނިމުމުގެ ކުރިން ހައްލު ކުރާނެ ކަމަށް މަބްރޫކް އިއްޔެ ވިދާޅުވި އެވެ.

އިއްޔެގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އިއްޔެގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

"ވިސްނުމަކީ ޓެލެކޮމް ކުންފުނިތަކުގެ ސާވިސް ކޮލިޓީ ރަނގަޅު ކުރުމަށް މަަސައްކަތް ކުރުން. އެންމެ މުހިންމު ކަމެއް ދޭނެ އެއް ކަމަކީ އެ ބޭފުޅުން ވިދާޅުވާ ސްޕީޑުގައި ތުރޮޓަލް ނުވެ އިންޓަނެޓްގެ ހިދުމަތް ދެވޭނެކަން ކަށަވަރު ކުރުން،" މަބްރޫކް ވިދާޅުވި އެވެ.

އެ މަސައްކަތް ކުރަން ކޮމިއުނިކޭޝަން އޮތޯރިޓީ މޯލްޑިވްސް (ކެމް) އަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ރެގިއުލޭޓް ކުރަން ބޭނުންވާ ކަންކަން ނިންމުމުގައި 1.5 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓް ހިމަނާފައިވާ ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

މިހާރު ޓެލެކޮމް އޮތޯރިޓީން ޕީއޯއާރްއެއް ތައްޔާރުކޮށް، އިންޓަނެޓް މައްސަލަ ރަނގަޅު ކުރަން ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މަލީހަށް އާންމުންގެ ފަރާތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އިންޓަނެޓް ސްޕީޑް އަވަސް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު އަދިވެސް ނުފުއްދި އޮތް މައްސަލައިގަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އޭނާ ވަކި ކުރީ ގަވައިދުތަކެއް ނުހަދާ އޮތް މައްސަލައަކާ ގުޅިގެނެވެ. އެކަން ވެސް މަލީހު ވަނީ ދޮގުކުރައްވައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މެމްބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވައިފަ އެވެ.

މަލީހު، މަގާމުން ވަކިކުރިއިރު އޭނާ ވަނީ އިންޓަނެޓްގެ ސްޕީޑް ރަނގަޅުކޮށް، އަގުހެޔޮ ކުރެވޭނެ ގޮތްތަކެއް ތައްޔާރުކޮށް، ރައީސް އޮފީހަށް ހުށަހަޅުއްވައިފަ އެވެ. އެހެންވެ، އެކަމުގައި ވަކި ގޮތެއް ނިންމުމުގެ ބާރު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ރައީސް އޮފީހަށެވެ. އެއީ މުޅި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ނިންމަންޖެހޭ ކަމެކެވެ.

މަގާމުން ވަކިކުރުމާ ހަމައަށް ވެސް މަލީހު ވިދާޅުވަމުން ގެންދެވީ، އިންޓަނެޓުގެ އަގުހެޔޮ ކުރުމުގައި އެންމެ ފަހުގެ ގޮތް ނިންމޭނީ ރައީސް އޮފީހަށް ކަމަށާއި އޭނާގެ ހިސާބުން ކަންކަން ނިންމާފައިވާނެ ކަމަށެވެ.