Roadha Mihaaru
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ބާރު އޮތީ ރައީސްއޮފީހަށް

އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމުގެ ބާރު ދެން އޮތީ ރައީސް އޮފީހުގެ އަތްމަތީގައި: މަލީހް

03 އޮކްޓޯބަރ 2019

އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި ފަހުގެ ނިންމުން ނިންމުމުގެ ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގައި ކަމަށް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި ފަހުގެ ނިންމުން ނިންމުމުގެ ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގައި ކަމަށް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެކަމަކު މި ވެރިކަމަށް، އަންނަ މަހުގެ ތެރޭގައި އަހަރެއް ފުރޭއިރު އަދިވެސް އިންޓަނެޓް އަގުހެޔޮ ކުރުމާ ގުޅޭގޮތުން ގޮތެއް ނުނިންމެ އެވެ. ކުރިއަށް އޮތް ފަސް އަހަރަށް ސަރުކާރުން ކަނޑައަޅައި ރޭ އިއުލާން ކުރި ސްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތުން ވެސް، އިންޓަނެޓުގެ ޚިދުމަތާ ގުޅޭ ގިނަ މަސައްކަތްތައް ރާވާފައި ވަނީ އަންނަ އަހަރާއި 2021 ވަނަ އަހަރަށެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ބުނަމުން އައީ އެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށާއި ވަރަށް އަވަހަށް އެކަމުގެ އުފާވެރި ޚަބަރު ލިބޭނެ ކަމަށެވެ.

އެކަމަކު، މި މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަން މިިނިސްޓަރު މަލީހް ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް އެ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައި، މިދިޔަ ޖޫން މަހުގެ 19 ގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނަށް އެ ނިންމުންތައް ފޮނުވާފައިވާ ކަމަށެވެ. އެހެންވެ، ދެން ކުރަން ޖެހޭ އަމަލީ މަސައްކަތްތައް މިނިސްޓްރީން ކުރާނީ ރައީސް އޮފީހުން އެކަމަށް އިރުޝާދު ދިނުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ދުވަހުގެ އެކްޝަން ޕްލޭން އިފުތިތާހް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެ އެކްޝަން ޕްލޭން ބައްލަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މި ސަރުކާރުގެ ފަސް އަހަރުގެ ދުވަހުގެ އެކްޝަން ޕްލޭން އިފުތިތާހް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެ އެކްޝަން ޕްލޭން ބައްލަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ދެން މިކަމާ ގުޅޭގޮތުން މި ވަގުތު އަޅުގަނޑުމެން ކުރަންޖެހޭ އިތުރު މަސައްކަތެއް ނެތް. އިންޓަނެޓް އަގުހެޔޮ ކުރުމަށް މިހާތަނަށް އަޅުގަނޑުމެން ކުރީ ވަރަށް ބުރަ މަސައްކަތްތަކެއް. އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އެންމެން އެއް މޭޒަކަށް ގެނެސް، އެންމެން ވެސް އެއްބަސްވާ އަގަކަށް އެކަން ކުރީ،" މަލީހް ވިދާޅުވި އެވެ.

"ދެން އޮތީ [ރައީސް އޮފީހުގެ] ޕޮލިސީ ބައިން އަޅުގަނޑުމެންނަށް ގޯ އަހެޑް ދިނުން."

މިނިސްޓަރު ވިދާޅުވި ގޮތުގައި، އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމާއި އެއާ ގުޅުން ހުރި މަސައްކަތްތައް ސަރުކާރުން ކުރަނީ އެކި މަރުހަލާތަކަށް، އަހަރުތަކަށް ބަހާލައިގެންނެވެ. އެހެންވެ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ވެސް އެކަމާ ގުޅުން ހުރި މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން އަގަށް އެކަށީގެންވާ ބަދަލެއް ގެނައުމަށް، އިންޓަނެޓްގެ ޚިދުމަތް ދޭ ފަރާތްތަކުގެ ވާދަވެރިކަން އިތުރު ކުރުމާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ މޮނީޓަރިން ނިޒާމު ވަރުގަދަ ކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި ރާއްޖޭން ބޭރުން ސަބްމެރިން ކޭބަލް ގެނައުން ފަދަ ކަންކަން އޭގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އިންޓަނެޓްގެ ޚިދުމަތުގެ އަގު އެންމެ ބޮޑީ ރާއްޖޭގަ އެވެ. އަދި އެކަމަށް ހައްލު ނައިސް ދިގުލައިގެން ދާތީ ގިނަ ބައެއްގެ ފާޑު ކިޔުންތައް ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ. ޚާއްސަކޮށް އިންޓަނެޓުގެ ޚިދުމަތުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަކަށް ވާއިރު، އެކަން ނުކުރެވި އަހަރަކާ ގާތް ވެފައި ވުމަކީ އެތައް ބައެއްގެ ކަންބޮޑުވުމެކެވެ.