Roadha Mihaaru
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް

އިންޓަނެޓްގެ ހިދުމަތުގެ އަގު ހެޔޮކުރުމުގެ ނިޔަތެއް މި ސަރުކާރުގެ ނެތް: މަލީހް

17 އެޕްރީލް 2021

މި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، އިންޓަނެޓްގެ ހިދުމަތުގެ އަގު ހެޔޮކުރުމާ ގުޅޭ ހުރިހާ ކަމެއް އޭނާގެ ވަަޒީރުކަމުގައި ނިންމައި، ރައީސް އޮފީހަށް ފޮނުއްވެވި ނަމަވެސް އެކަމަށް އަމަލީ ސިފައެއް މިހާތަނަށް ގެނެސްފައި ނެތުމުން، އެ ނަތީޖާ ނެރުމުގެ ވިސްނުން މި ސަރުކާރުގައި ނެތް ކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުން މުހައްމަދު މަލީހް ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، އިންޓަނެޓްގެ ހިދުމަތުގެ އަގު ހެޔޮކުރުމާ ގުޅޭ ހުރިހާ ކަމެއް އޭނާގެ ވަަޒީރުކަމުގައި ނިންމައި، ރައީސް އޮފީހަށް ފޮނުއްވެވި ނަމަވެސް އެކަމަށް އަމަލީ ސިފައެއް މިހާތަނަށް ގެނެސްފައި ނެތުމުން، އެ ނަތީޖާ ނެރުމުގެ ވިސްނުން މި ސަރުކާރުގައި ނެތް ކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުން މުހައްމަދު މަލީހް ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކޮށް މިދިޔަ މަހުގެ 1 ގައި މަގާމުން ދުރުކުރި މަލީހް މިހެން ވިދާޅުވީ، އިންޓަނެޓުގެ އަގުހެޔޮރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު މި ސަރުކާރުން ފުއްދާފައިވާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވުމުން، އެ މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރު ފައްޔާޒު އިސްމާއިލް އެއާ ދެކޮޅަށް ރޭ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

އަލީ ސޯލިހުގެ އެ ވާހަކަތަކާ ގުޅިގެން، އެތައް ބަޔަކު ހިތްހަމަނުޖެހި، އޭނާ އާއި ސަރުކާރު ޕްރެޝަރަށް ވެއްޓުމާ ގުޅިގެން ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ބައިވެރިވުމަކާ ނުލައި އިންޓަނެޓްގެ އަގުތަކަށް ކޮންމެވެސް ވަރަކަށް ދަށްވެފައިވީ ނަމަވެސް އެދެވޭ ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެކަމަކު، ކުރިމަގުގައި ބަދަލުތަކެއް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ސޯލިހުގެ ވާހަކައިން ބޮޑަށް ދޭހަވީ، އިންޓަނެޓުގެ ހިދުމަތުގެ އަގަށް އޮޕަރޭޓަރުން މިހާތަނަށް ބަދަލުތައް ގެނެސްފައި ވަނީ މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކަމަށެވެ. އެކަމަކު، އެކަން އެ ކުންފުނިތަކުން އާންމުކޮށް ކުރަނީ އެކި ޕްރޮމޯޝަންތަކާއި އެކި މުނާސަބަތުތަކާ ގުޅުވައިގެންނެވެ.

މި ބަހުސް އަނެއްކާ ފެށިފައިވަނިކޮށް، އިންޓަނެޓްގެ އަގުހެޔޮ ކުރުމާ ގުޅޭ އަމަލީ މަސައްކަތުގެ އިސް ބައިވެރިޔާ މަލީހް ކުރެއްވި ޓުވީޓެއްގައ ވިދާޅުވީ، އިންޓަނެޓް އަގުހެޔޮކުރުމުގެ ހުރިހާ ކަމެއް ބާރުދުވެލީގައި ނިންމައި ޖޫން 19، 2019 ގައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް އޮޕަރޭޓަރުންނާ ވާހަކަ ދައްކަވައި އެއްބަސް ވެސް ކުރުވި އެވެ. އެކަމަކު އެ ހުރިހާ ކަމަކާ އެކު ވެސް އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތް މި ސަރުކާރުގައި ނެތް ކަމަށް މަލީހް ވިދާޅުވި އެވެ.

އޭނާ ވަނީ މިހާތަނަށް އިންޓަނެޓްގެ އަގު ހެޔޮކޮށްފައި ނުވަނީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ވަޒީރަކު، ޓެކްނޮލޮޖީ މިނިސްޓްރީ ހިންގުމުގައި ނެތުމުންތޯ ސުވާލު އުފައްދަވައިފަ އެވެ.

މަލީހްގެ ޓުވީޓް

ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ކުރިން ވިދާޅުވެފައި ވަނީ މަލީހު ވަކިކުރިޔަސް އިންޓަނެޓުގެ ސްޕީޑަށް ބަދަލެއް ނާންނަ ކަމަށެވެ.

މަބްރޫކް ވިދާޅުވެފައި ވަނީ ތުރޮޓަލް ނުވަތަ ކަނޑައާ ޑޭޓާ ހަމަވުމުން އިންޓަނެޓްގެ ސްޕީޑް ދަށްނުކޮށް، ރަނގަޅު ސްޕީޑެއްގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ. އެ މައްސަލަ މި އަހަރު ނިމުމުގެ ކުރިން ހައްލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޓަނެޓް ސްޕީޑް އަވަސް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު އަދިވެސް ނުފުއްދި އޮތުމުން މަލީހަށް ފާޑުކިޔުން އަމާޒުވިޔަސް، އޭނާ އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އިންޓަނެޓްގެ ސްޕީޑް ރަނގަޅުކޮށް، އަގުހެޔޮ ކުރެވޭނެ ގޮތްތަކެއް ތައްޔާރުކޮށް، ރައީސް އޮފީހަށް ފޮނުއްވާފައިވާނެ ކަމަށެވެ. އެހެންކަމުން، އެކަމުގައި ވަކި ގޮތެއް ނިންމުމުގެ ބާރު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ރައީސް އޮފީހަށެވެ.

މަލީހް މަގާމުންް ވަކިކުރިތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް އެ މިނިސްޓްރީއަށް ވަޒީރު އައްޔަންކުރައްވައިފައެއް ނުވެ އެވެ. އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަމުން ގެންދަވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒެވެ.