Roadha Mihaaru
އޮންލައިންކޮށް ހިދުމަތް ދޭން ގޮންޖެހުން ހުރި: މަލީހު

އޮންލައިންކޮށް ސަރުކާރުގެ ހިދުމަތް ފޯރުކޮށްދޭން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި: މަލީހު

19 އޯގަސްޓް 2020

ކުޑަ ގައުމަކަށް ރާއްޖެ ވެފައި ރަށްރަށް ފެތުރިފައި އޮތް ގޮތުން ކޮވިޑް-19ގެ ހާލަތުގައި އޮންލައިންކޮށް ސަރުކާރުގެ ހިދުމަތްތައް ދޭން ގިނަ ގޮންޖެހުންތަކެއް ދިމާވި ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކުޑަ ގައުމަކަށް ރާއްޖެ ވެފައި ރަށްރަށް ފެތުރިފައި އޮތް ގޮތުން ކޮވިޑް-19ގެ ހާލަތުގައި އޮންލައިންކޮށް ސަރުކާރުގެ ހިދުމަތްތައް ދޭން ގިނަ ގޮންޖެހުންތަކެއް ދިމާވި ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.

އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކަޕް) އިން ފެށި ސަރަހައްދީ ވާހަކަތަކުގެ ފުރަތަމަ ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ބަލި ފެތުރުން ހުއްޓުވުމުގައި، ރާއްޖެއަށް ފަސޭހަތަކެއް ހުރި ނަމަވެސް ސަރުކާރުގެ ހިދުމަތްތައް ފޯރުކޮށްދޭން ގިނަ އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

މި ބަލިމަޑުކަން އަޅުގަނޑުމެންނަށް ގިނަ ކަންތައްތަކެއް ދަސްކޮށްދީފި. މި ޒަމާނަށް ނުފެތޭ ޓެކްނޮލޮޖީއެއް ބޭނުމެއް ނުކުރެވޭނެ. އަޕްޑޭޓްވެފައިވާ ތަކެތި ބޭނުންކުރަން އަޅުގަނޑުމެން ޖެހޭނެ: ---މަލީހު

މި ވާހަކަތަކުގެ މައިގަނޑު ބޭނުމަކީ ޑިޖިޓަލް ކަނެކްޓިވިޓީ އަވަހަށް ގާއިމްކުރާށާއި ޓެކްނޮޖީގެ ބޭނުން ހިފޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމެވެ. މަލީހު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކުން އިންޓަނެޓްގެ ހިދުމަތް އެންމެ ގިނަ ބަޔަކަށް ލިބޭ އެއް ގައުމެވެ. ރާއްޖޭގެ 75 ޕަސެންޓު ގެއަށް ފައިބާ އިންޓަނެޓްގެ ހިދުމަތް ލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެސްކަޕްގެ ބައްދަލުވުމުގައި މިނިސްޓަރު މަލީހު އޮންލައިންކޮށް މިއަދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ކޮމިއުނިކޭޝަން މިނިސްޓްރީ

އެސްކަޕްގެ ބައްދަލުވުމުގައި މިނިސްޓަރު މަލީހު އޮންލައިންކޮށް މިއަދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ކޮމިއުނިކޭޝަން މިނިސްޓްރީ

"ނަމަވެސް އަދިވެސް އަޅުގަނޑުމެން ޖެހޭ އެކި ކަންތައްތައް ރަނގަޅު ކުރަން މިހާރަށް ވުރެ. ހާއްސަކޮށް އިންޓަނެޓްގެ ސްޕީޑް އަދި އިންޓަނެޓްގެ އަގުތަކަށް ބަލާއިރު. މިކަންތައްތަކަށް އަޅުގަނޑުމެން އެބަ މަސައްކަތްކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިމާވި ހާލަތުން ދަސްވި ކަންތައްތަކުން އެނގެނީ، މަލީހު ވިދާޅުވި ގޮތުގައި، ކުރިން މަސައްކަތް ކުރަމުން އައި ގޮތްތަކުގައި ހިފަހައްޓައިގެން ދެން ކުރިއަށް ނުދެވޭނެކަމެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

"މި ބަލިމަޑުކަން އަޅުގަނޑުމެންނަށް ގިނަ ކަންތައްތަކެއް ދަސްކޮށްދީފި. މި ޒަމާނަށް ނުފެތޭ ޓެކްނޮލޮޖީއެއް ބޭނުމެއް ނުކުރެވޭނެ. އަޕްޑޭޓްވެފައިވާ ތަކެތި ބޭނުންކުރަން އަޅުގަނޑުމެން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޭގައި ތިބެގެން މަސައްކަތްކުރަން ފެށުމުން ގިނަ ބަޔަކަށް އާ ކަންތައްތަކެއް ދަސްކޮށްދޭން ޖެހުނު ކަމަށެވެ. މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް މި ބަދަލު ތަންކޮޅެއް ފަސޭހައިން ގެނެވުނު ނަމަވެސް ރަށްރަށުގެ އުނދަގޫތަކެއް ދިމާވާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއީ އިންޓަނެޓް ލިބޭ މީހުންނާއި ނުލިބޭ މީހުން ނުވަތަ "ޑިޖިޓަލް ޑިވައިޑް" ކުޑަކުރަން މަސައްކަތްކުރަން ޖެހޭ ވަގުތެވެ.

މި ބަލިމަޑުކަމާ ގުޅިގެން ދަސްވި އަނެއް ކަމަކީ ރަނގަޅު އީ-ގަވަމެންޓް ނިޒާމެއް ގާއިމްކުރަން ޖެހޭ ކަން ކަމަށް މަލީހު ވިދާޅުވި އެވެ. އެކަން ކުރިއެރޭނީ، އޭނާ ވިދާޅުވި ގޮތުގައި، ޓެކްނޮލޮޖީގެ ބޭނުން މިހާރަށް ވުރެ ވެސް ބޮޑަށް ހިފުމާއި ސަރުކާރު ނޫން ދާއިރާތަކުން ވެސް ޓެކްނޮލޮޖީއަށް އިސްކަން ދީގެންނެވެ.