Roadha Mihaaru
އިންޓަނެޓުގެ އަގު ހެޔޮވާނެ މުއްދަތެއް އެބައޮތް: މަލީހް

އިންޓަނެޓުގެ އަގު ހެޔޮކުރަން މިނިސްޓްރީގެ މަސައްކަތް އޮތީ ނިމިފައި: މަލީހް

01 ޖުލައި 2020

އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ މި ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށާއި އެކަމަށްޓަކައި އެ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ މި ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށާއި އެކަމަށްޓަކައި އެ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި، ގިނަ މެމްބަރުން ތަކުރާރުކޮށް ސުވާލުކުރެއްވީ އިންޓަނެޓުގެ އަގު ހެޔޮކުރުން ލަސްވާ މައްސަލައިގަ އެވެ. އެއީ، ރައްޔިތުންގެ ކަންބޮޑުވުން އަދި ޚާއްސަކޮށް ކޮވިޑް-19ގެ މި ހާލަތުގައި އިގްތިސާދީ ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަން މެމްބަރުން ފާހަގަކުރެއްވި އެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މަލީހް ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގެ ވައުދުތަކުގެ ތެރެއިން އެ މިނިސްޓްރީއާ ހަވާލުކުރި ކަންކަމުގެ ތެރޭގައި އިންޓަނެޓްގެ އަގު ހެޔޮކުރުން ހިމެނޭތީ، އެކަމާ ގުޅޭ މަޝްވަރާތައްކޮށް ރިޕޯޓް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ފަހުން، އަގު ހެޔޮކުރުމުގެ ތާރީޚެއް ކަނޑައަޅައި އާއްމުކޮށްފައި ވަނީ ރައީސް އޮފީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން ތެރޭގައި އެ މަނިކުފާނު ވައުދުވެވަޑައިގަތީ ވެރިކަމުގެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޓަނެޓުގެ އަގު ހެޔޮކުރުމަށެވެ.

އެކަމަކު އެސްއޭޕީގައި އޮތީ ފެންވަރު ރަނގަޅު އިންޓަނެޓް ޚިދުމަތް ލިބޭކަން ކަށަަަވަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މި އަހަރާއި 2021 ވަނަ އަހަރު ކުރުމަށެެވެ. އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ކުރަން ކަނޑައަަޅާފައިވާ ކަމަކީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އުފެދޭ ފަދަ ފިޔަވަޅުތަކެއް އެޅުމެވެ.

"ސަރުކާރުގެ އެކްޝަން ޕްލޭންގައި އެބައޮތް، އަޅުގަނޑުމެން ކަންކަން ކުރަން ޖެހޭ ވަގުތުތައް ކަނޑައަޅާފައި. އޭގެތެރެއިން ތި ދެންނެވި ކަމަށް [އިންޓަނެޓް އަގު ހެޔޮކުރުމަށް] ވެސް ވަނީ ވަގުތެއް ކަނޑައަޅާފައި،" ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބުގައި މަލީހް ވިދާޅުވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް، ކޮމިއުނިކޭޝަން މިނިސްޓަރު މަލީހާއި އެ މިނިސްޓްރީގެ އިސްވެރިން މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް، ކޮމިއުނިކޭޝަން މިނިސްޓަރު މަލީހާއި އެ މިނިސްޓްރީގެ އިސްވެރިން މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

"އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ މި ސަރުކާރަށް ކުރެވޭނެ ކަމެއް. ގަބޫލުފުޅުކުރައްވާ އިންޓަނެޓުގެ އަގު ހެޔޮކުރުމަށް އަޅުގަނޑުމެންގެ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވާނީ ކޮށްފައި. މީގައި މަލްޓިސެކްޓޯރަލް ދައުރެއް އެބަވޭ."

އޭގެތެރޭގައި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ވެސް ހިމެނޭ ކަން ފާހަގަކުރެއްވި އެވެ.

އިންޓަނެޓުގެ ޚިދުމަތުގެ ސްޕީޑު ލަސްވުމާއި އަގު ބޮޑުވުމަކީ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރި ކަމެއް ކަން ފާހަގަކުރައްވަމުން މަލީހް ވިދާޅުވީ އެއީ ފެންވަރު ރަނގަޅުވާން ޖެހޭ ކަމެއް ކަން ސަރުކާރުން ވެސް ގަބޫލުކުރާ ކަމަށެވެ. ރައީސް އެ ވައުދުވެވަޑައިގަތީ ވެސް އެހެންވެ ކަމަށް ވިދާޅުވި އެވެ.

"އެކަން ކުރަން އަޅުގަނޑުމެން ބެލީ މި ދެކެވޭ ވާހަކައިގެ ހަގީގަތަކީ ކޮބައިތޯ؟ ދުނިޔޭގެ 26 ގައުމެއްގެ އިންޓަނެޓް ޚިދުމަތް ނަގައި އެއާގުޅޭ ވަރަށް ތަފްސީލީ މަޝްވަރާތަކެއްކޮށް ކަމާގުޅޭ ފަރާތްތަކަށް ވާނީ ކޮށްފައި،" މަލީހް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ހާލަތާ ގުޅިގެން އިންޓަނެޓުގެ އަގު ހެޔޮކުރަން ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު ސާވިސް ޕްރޮވައިޑަރުން އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެެސްފަ އެވެ.

ކުރިއަށް އޮތް ހަ މަސް ދުވަހަކީ ރައްޔިތުންނަށް ދަތި ދުވަސްތަކަކަށް ވާއިރު އެ މުއްދަތުގައި އިންޓަނެޓްގެ އަގު ހެޔޮކުރުމާ ގުޅޭ ގޮތުން މެމްބަރުން ސުވާލުކުރެއްވި އެވެ.

މަލީހް ވިދާޅުވީ އެކަމުގައި ވެސް މަޝްވަރާކޮށް ގޮތްތަކެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.