Roadha Mihaaru
އިތުރު ސަބްމެރިން ކޭބަލް ގެންނަން މަސައްކަތްކުރަނީ

އިތުރު ސަބްމެރިން ކޭބަލް ގެންނަން މަސައްކަތްކުުރަން: މަލީހު

21 އޮކްޓޯބަރ 2020

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށްޓަކައި އިތުރު ސަބްމެރިން ކޭބަލް ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިއްޔެ ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށްޓަކައި އިތުރު ސަބްމެރިން ކޭބަލް ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިއްޔެ ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަންސް ޔޫނިއަން (އައިޓީޔޫ) އާއި ވިއެޓްނާމްގެ އިންފޮމޭޝަން މިނިސްޓްރީން ގުޅިގެން ބޭއްވި ރައުންޑްޓޭބަލް ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގަންނަވަމުން މަލީހު ވިދާޅުވީ، އިތުރު ސަބްމެރިން ކޭބަލްތަކެއް ގެނައުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ހަރަކާތްތައް އެންމެ ފުރިހަމަކޮށް ކުރިއަށް ގެންދަން މިނިސްޓްރީގެ ފަރާތުން އައިސީޓީ ހިދުމަތް ދިނުމުގައި ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދޭނަން-- މަލީހު

ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ދިމާވި ހާލަތާ އެކު އެކި ގައުމުތަކުގެ އިގްތިސާދަށް ގިނަ ގެއްލުންތަކެއް ވި އެވެ. އަދި ރާއްޖެ އަކީ ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެއް ކަމަށް ވާތީ ކޮވިޑާ ހެދި ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރު ކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޓޫރިޒަމަށް ވާ ބަރޯސާ ކުޑަކުރަން ސަރުކާރުން މިހާރު އަންނަނީ އެހެން ދާއިރާތައް ކުރިއަރުވަން މަސައްކަތް ކުރަމުން ކަމަށް ވިދާޅުވި އެވެ.

އެ ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ (އައިސީޓީ) ގެ ހިދުމަތް ބޭނުންވާނެ ކަމަށާއި އެކަމަށް މިނިސްޓްރީގެ އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ހަރަކާތްތައް އެންމެ ފުރިހަމަކޮށް ކުރިއަށް ގެންދަން މިނިސްޓްރީގެ ފަރާތުން އައިސީޓީ ހިދުމަތް ދިނުމުގައި ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދޭނަން،" މަލީހު ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ކުރިމަތިވި ބަލިމަޑުކަމުން ދަސްވި އެންމެ މުހިއްމު އެއް ފިލާވަޅަކީ އިންޓަނެޓަކީ ހުރިހާ އެންމެންނަށް ވެސް ވަރަށް މުހިއްމު ހިދުމަތެއް ކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގައިދުރުކަން ބަހައްޓަން ޖެހޭ މި ދުވަސްވަރުގައި ވެސް މީހުންގެ މެދުގައި އޮންނަ ގުޅުންތައް ދަމަހައްޓަން އިންޓަނެޓް ބޮޑު ރޯލެއް އަދާ ކުރި ކަމަށް ވިދާޅުވި އެވެ.

ލޮކްޑައުންގައި ތިބެން ޖެހުނު ދުވަސްވަރުގައި ދިވެހިންނަށް މެދުނުކެނޑި އިންޓަނެޓްގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދޭން ސަރުކާރާއި އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކުން މެދުނުކެނޑި މަސައްކަތްކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.