Roadha Mihaaru
އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަޝްވަރާތައް ފަށައިފި

އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަޝްވަރާތައް ފަށައިފި

05 ފެބުރުއަރީ 2019

ރާއްޖޭގައި އިންޓަނެޓުގެ އަގުހެޔޮ ކުރުމަށް މަޝްވަރާތައް ފަށާފައވާ ކަމަށާއި އިންޓަނެޓުގެ ހިދުމަތް ދޭ ކުންފުނިތައް ތިބީ ހެޔޮ ބަދަލެއް ގެންނަން ބޭނުންވެފައި ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި އިންޓަނެޓުގެ އަގުހެޔޮ ކުރުމަށް މަޝްވަރާތައް ފަށާފައވާ ކަމަށާއި އިންޓަނެޓުގެ ހިދުމަތް ދޭ ކުންފުނިތައް ތިބީ ހެޔޮ ބަދަލެއް ގެންނަން ބޭނުންވެފައި ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ މައިގަނޑު ތިން ކުންފުންޏަކީ ދިރާގާއި އުރީދޫ އާއި ރާއްޖެ އޮންލައިން (އާރުއޯއެލް) އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު"ން ކުރި ސުވާލެއްގެ ޖަވާބުގައި މަލީހް ވިދާޅުވީ އިންޓަނެޓުގެ އަގު ބޮޑު ވާހަކަ އަކީ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި ފަހުން، އިންޓަނެޓުގެ އަގުހެޔޮ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއާ މަޝްވަރާކުރެއްވި ކަމަށް މަލީހް ވިދާޅުވި އެވެ.

މަލީހް ވިދާޅުވި ގޮތުގައި 26 ގައުމެއްގެ އިންޓަނެޓުގެ ހިދުމަތުގެ އަގުތައް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ދިރާސާ ކުރިއިރު، ރާއްޖެ ހިމެނެނީ ހަތް ވަނަ އަށް އިންޓަނެޓުގެ އަގު ބޮޑު ގައުމުގެ ގޮތުގަ އެވެ. އެކަމަކު، މީގެ ކުރިން އެ ކުންފުނިތައް ހިންގީ ގެއްލުމުގައިކަން މަލީހް ފާހަގަކުރެއްވި އެވެ.

"މިއަދުގެ އެ ބޭފުޅުންގެ (ކުންފުނިތަކުގެ) އާމްދަނީ އަށް ބަލާއިރު، އެކަށީގެންވާ ހެޔޮ ބަދަލެއް (އިންޓަނެޓަށް) ގެނައުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް،" މަލީހް ވިދާޅުވި އެވެ.

މަލީހް ވިދާޅުވީ ދިރާސާތަކަށް ފަހު، އަންނަ ހަފުތާގައި އުރީދޫ އާއި ދިރާގާއި އާރުއޯއެލްއާ އިތުރު މަޝްވަރާތައް ކުރާނެ ކަމަށެވެ. އެކަމަކު، އިންޓަނެޓުގެ އަގު ހެޔޮވާނީ ކިހާ މިންވަރަކަށް ކަން ވިދާޅުވާން އަދި ދަތި ކަމަށް ވެސް މިނިސްޓަރު މަލީހް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުރަސްމީކޮށް މިކަން އެ ކުންފުނިތަކަށް އެންގިން. އެ ކުންފުނިތައް ތިބީ ވަރަށް ޕޮޒިޓިވްކޮށް. މިކަމަށް ހެޔޮ ބަދަލެއް ގެނައުމަށް،" މަލީހް ވިދާޅުވި އެވެ.

"އަޅުގަނޑަށް އަދި ދަންނަވަން ދަތި، މިހާ ނިސްބަތެކޭ އަގުހެޔޮ ވެގެން ދާނީ. އަޅުގަނޑުމެންގެ އުންމީދަކީ އެކަށީގެންވާ ހެޔޮ ބަދަލެއް މިކަމުގައި އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ،"

މަލީހް ވިދާޅުވި ގޮތުގައި އިންޓަނެޓުގެ އަގުހެޔޮވުމުގެ ސަބަބުން އިގްތިސާދަށް ހެޔޮ ބަދަލެއް އައިސް، އިގްތިސާދީ ދުވެލި އިތުރަށް ބާރުވެގެން ދާނެ އެވެ. އަދި އިންޓަނެޓުގެ އަގު ހެޔޮވުމުން، މުޅި މުޖުތަމައު އަށް އެކަމުގެ އަސަރު ފޯރާނެ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

އިންޓަނެޓުގެ އަގަކީ އެކަށީގެންވާ އަގަކަށް ހެދުމަކީ މުހިންމުކަން ފާހަގަކުރައްވައި މަލީހް ވިދާޅުވީ އިންޓަނެޓަކީ އަސާސީ ހައްގެއް ކަމަށާއި އެކަމަށް ވަކާލާތު ކުރައްވާނެ ކަމަށެވެ.

މަލީހް ވިދާޅުވީ އިންޓަނެޓް ބޭނުން ކުރުމުގައި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަށް ދިރާސާ ކުރަމުން އަންނައިރު، މާލެ ހިމެނޭ ސަރަހައްދުގައި ގޮތް ނޭނގޭ ބަޔަކު ގޭގޭގެ ވައިފައި އިން ވައްކަން ކުރުން އާންމުވަމުންދާ ކަމަށެވެ. މިކަން ހުއްޓުވަން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިލްތިމާސަކީ މިކަން ހުއްޓުވަން ވައިފައި ބޭނުން ކުރާ ވެރިފަރާތުން ވެސް ވައިފައިގެ ޕާސްވޯޑު ވެސް ކޮންމެ ހަފުތާކު އެއްފަހަރު ބަދަލުކުރުން, ނުވަތަ ވައިފައިގެ ސެކުރިޓީ ސެޓިން މިހާރަށް ވުރެ ވަރުގަދަ ކުރުމަކީ ވަރަށް މުހިންމު ކަމެއް،" މަލީހު ވިދާޅުވި އެވެ.

މިއަދު ފާހަގަކުރާ، ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުން ކުރުމުގެ ދުވަހާ ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ފަށައިފަ އެވެ. އަދި އިންޓަނެޓު ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް ގާނޫނުތަކެއް އެކުލަވައިލުމުގެ މަސައްކަތް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.