Roadha Mihaaru
ބްރޯޑްބޭންޑާ ގުޅޭ ޕޮލިސީއެއް ހަދައި ހެޔޮ ބަދަލުތަކެއް

ބްރޯޑްބޭންޑާ ގުޅޭ ޕޮލިސީއެއް ހަދައި އިންޓަނެޓަށް ހެޔޮ ބަދަލެއް ގެންނަނީ

16 އޮކްޓޯބަރ 2019

އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ބްރޯޑްބޭންޑް ޕޮލިސީއެއް ހަދައި އިންޓަނެޓުގެ ހިދުމަތަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ބްރޯޑްބޭންޑް ޕޮލިސީއެއް ހަދައި އިންޓަނެޓުގެ ހިދުމަތަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ ބްރޯޑްބޭންޑް ޕޮލިސީ ހަދައި ތަންފީޒުކުރަން ފެށުމުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، މަސް ނިމިގެންދާއިރު ބާކީ ހުންނަ ޑޭޓާ، ޖެހިގެން އަންނަ މަހު ބޭނުން ނުކުރެވުމުގެ މައްސަލަ އެވެ. އެ ޕޮލިސީއާ އެކު އެ މައްސަލައަށް ހައްލު އަންނާނެ ކަމަށް ވިދާޅުވި އެވެ.

އިންޓަނެޓު ދެވޭނެ އެންމެ ދަށް ސްޕީޑް ކަނޑައެޅުން ފަދަ ކަންތައްތަކާ އެކު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރާނެކަން ފާހަގަކުރެއްވި އެވެ.

ސްޓޭޓް މިނިސްޓަރު އަހުމަދު އަފްޒަލް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ބްރޯޑްބޭންޑް ޕޮލިސީ ހަދާފައިވާ ގޮތުގެ އެސެސްމަންޓެއް ހަދާފައިވާ ކަމަށެވެ. އެހެންވެ އީޔޫ ޕޮލިސީތަކަކީ ބެންޗްމާކެއް ކަމަށް ބަަލައިގެން މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީޔޫ ގައުމުތަކުގައި ބްރޯޑްބޭންޑް ކަމަށް ބަޔާންކޮށްފައި ވަނީ 30 އެމްބީޕީއެސް ކަމަށާއި ރާއްޖޭގައި ވެސް އެއާ އެއް ވަރެއް ނުވަތަ ކައިރިކުރާ އަދަދެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އިންޓަނެޓުގެ އަގުހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދަކަށް ވާއިރު، މި ސަރުކާރަށް އަހަރެއްވާން ކައިރިވެފައިވާއިރު ވެސް އެކަމަށް ހެޔޮ ބަދަލުތަކެއް ނާންނާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ކަންބޮޑުވުންތަކަށް މިނިސްޓަރު ދެއްވީ ވަރަށް އުއްމީދީ ޖަވާބެކެވެ. އޭނާ ވިދާޅުވީ މި ސަރުކާރުގައި އިންޓަނެޓުގެ އަގުހެޔޮވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ކޮމިއުނިކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ .-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ކޮމިއުނިކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ .-- ފޮޓޯ: މަޖިލިސް

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ މާތްﷲގެ ވާގިފުޅާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެއަށް ދެވޭ އިންޓަނެޓުގެ އަގު ހެޔޮވެގެންދާނެ. އެކަމާ ޝައްކު ނުކުރައްވާށޭ،" މަލީހު ވިދާޅުވި އެވެ.

އިންޓަނެޓް އަގުހެޔޮކުރުމާ ގުޅޭގޮތުން ކޮމިއުނިކޭޝަން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ނިންމައި މިދިޔަ ޖޫން މަހު ވަނީ ރައީސް އޮފީހަށް ފޮނުވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ އިންޓަނެޓަކީ މިހާރު އަސާސީ ހައްގަކަށްވާއިރު ރާއްޖޭގައި ދެވޭ އިންޓަނެޓަކީ ފެންވަރު ރަނގަޅު އަދި އެކަށީގެންވާ އަގެއްގައި ހުރިހާ ރައްޔިތުންނަށް ވެސް ފުރިހަމަ ގޮތުގައި އޭގެ ފައިދާ ލިބެންޖެހޭ އެއްޗަކަށް ހަދަންޖެހޭ ކަމަށެވެ.

މިނިސްޓްރީގެ މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިހުރީ ޑިޖިޓަލް އިކޮނޮމީއަކާ ދިމާލަށް ކަމަށެވެ. އެކަމުގެ މަސައްކަތްތައް ކުރަމުން އަންނައިރު ސަރުކާރުގެ ލީގަލް ފްރޭމްވޯކް މުހިއްމު ދައުރެއް އަދާކުރާ ކަމަށް ވިދާޅުވި އެވެ.

ޕޭޕަލް ފަދަ މުހިއްމު ހިދުމަތްތައް ރާއްޖޭގައި ނުލިބޭކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ ކަމަށާއި ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ އަކީ، އަގުބޮޑު، ބޭނުން ކުރަން އުނދަގޫ އަދި އެންމެ އެކަށީގެންވާ ސިސްޓަމް ނޫންކަމަށް ވަރަށް ގިނަ ބަޔަކު ބުނާކަމަށް ވިދާޅުވި އެވެ. އެކަންތަކަށް ހައްލެއް ގެނައުމަށް މަރުކަޒީ ބޭންކުން ނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނަމުގައި ޕޭމަންޓް ސިސްޓަމެއް ހަދަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެއީ ރާއްޖޭގެ އިގުތިސޯދަށް އިންގިލާބީ ބަދަލެއް އަންނާނެކަމެއް، އޭގެ ފުރިހަމަ ގޮތުގައި ތަންފީޒުވެގެން ހިނގައްޖެ ނަމަ،" މިނިސްޓަރު ވިދާޅުުވި އެވެ.

ލީގަލް ފްރޭމްވޯކުގެ ތެރެއިން، ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ލިބޭ ހިދުމަތްތައް ރާއްޖެއަށް ތައާރަފްކުރުމަކީ އަމާޒެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.