Roadha Mihaaru
ޒަރިޔަންދުގެ "ހައްގު ގެއްލުވާލި" މައްސަލަ ހުށަހަޅައިފި

ޒަރިޔަންދު ވިދާޅުވަނީ އޭސީސީ ލިސްޓުގައި ނުހިމަނައި "ހައްގެއް ގެއްލުވާލައިފި" ކަމަށް!

28 ފެބުރުއަރީ 2022

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލާފައި ވަނިކޮށް އޭނާގެ ނަން ނުހިމަނައި ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަކީ ގާނޫނީ ހައްގެއް ގެއްލުވާލުން ކަމަށް ވިދާޅުވެ އެކަން އިސްލާހުކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، އަދި އެ މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހަށް އިސްމާއިލް ޒަރިޔަންދު ހުށަހަޅުއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލާފައި ވަނިކޮށް އޭނާގެ ނަން ނުހިމަނައި ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަކީ ގާނޫނީ ހައްގެއް ގެއްލުވާލުން ކަމަށް ވިދާޅުވެ އެކަން އިސްލާހުކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، އަދި އެ މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހަށް އިސްމާއިލް ޒަރިޔަންދު ހުށަހަޅުއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ޒަރިޔަންދު ވިދާޅުވީ އޭސީސީގެ މެމްބަރު ކަމަށް އޭނާ ކުރިމަތިލެއްވީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. އެކަމަކު ލިސްޓުގައި ނަން ނުހިމެނުމަކީ ގާނޫނީ ހައްގެއް ގެއްލުވާލުން ކަމަށާއި އެ ހައްގު ލިބިގަތުމަށް އިލްތިމާސްކުރުމުގެ ފުރުސަތު އޮތް ކަމަށް ގާނޫނީ ވަކީލުން ލަފާ ދެއްވާފައި ކަމަށެވެ.

ރައީސަށް ފޮނުއްވި ސިޓީގައި ޒަރިޔަންދު ވިދާޅުވި ގޮތުގައި އޭސީސީ އަށް އޭނާ ކުރިމަތިލެއްވީ މެމްބަރު ކަމުގައި ހުންނެވި އަލީ އަޝްރަފް އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ޑިސެމްބަރު، 16، 2021 ގައި އޭނާ ކުރިމަތިލެއްވީ ތިން މަސް ދުވަހުގެ މުއްދަތު ހިމެނޭ ގާނޫނީ ފޯމުތަކާ އެކުގައި ކަމަށެވެ.

އޭރު އޭސީސީގައި ހަތަރު މެމްބަރަކު ތިއްބެވި އެވެ.

މެމްބަރަކު އިސްތިއުފާ ދެއްވައިފި ނަމަ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަންކުރަން ޖެހޭ ކަމަށް ގާނޫނުގައި އޮންނަކަން ފާހަގަކުރައްވައި ޒަރިޔަންދު ވިދާޅުވީ މެމްބަރު އިބްރާހިމް ޝަކީލް އިސްތިއުފާ ދެއްވީ އެ މުއްދަތު ހިނގަނިކޮށް ކަމަށެވެ.

"... މެމްބަރު އިބްރާހިމް ޝަކީލް އިސްތިއުފާ ދެއްވުމުން އެ މަގާމަށް މެމްބަރަކު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނާ ގުޅިގެން އަޅުގަނޑު އެ މަގާމަށް އިތުރަށް ކުރިމަތިލާފައި ނުވާނީ ގާނޫނުގެ މާއްދާ 11 (ށ) ގައި ދައުލަތުގެ މައްޗަށް މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރައްވާނޭ ކަމަށް އިތުބާރުކޮށްގެން ކުރިން ހުސްވި މަގާމަށް ކުރިމަތިލި އިގްރާރުގެ މަތީގައި ހުރުމުންނެވެ،" ޒަރިޔަންދުގެ ސިޓީގައިވެ އެވެ.

ރައީސް އޮފީހުން ފަހުން އިއުލާންކުރީ ކުރީގެ ދެ ފުރުސަތު ބާތިލްކޮށް، ފަސް މެމްބަރުން ހޯދާށެވެ. މިކަން ފާހަގަކުރައްވަމުން ޒަރިޔަންދު ވިދާޅުވީ އިއުލާން ބާތިލްކުރިޔަސް ހުށަހެޅި އިގްރާރާއި ގާނޫނީ ލިއުންތައް ބާތިލްކުރި ކަމަށް އެ އިއުލާންގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

"އަދި އިސްތިއުފާދޭ މެމްބަރުން ހޯދުމުގައި ގާނޫނުގައި ބަޔާންކުރާ މުއްދަތު އިތުރުކުރުމުގެ ފުރުސަތެއް ދައުލަތަށް ލިބިދީފައިވާ ކަމަށް އެ ގާނޫނުން އެނގޭ ކަށް ވެސް ނެތެވެ،" ސިޓީގައިވެ އެވެ.

ގާނޫނޫ ހުރިހާ ލިއުންތަކަކާއި އިގުރާރު ބަލައިނުގަތުމަށް ރައީސް އޮފީހުން ނިންމި ކަމެއް އޭނާ އަށް އަންގާފައި ނުވާ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ.

މިގޮތަށް ކަން ހިނގާފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ކަމަށް އެ އޮފީހުގެ މިނިސްޓަރަކު ގުޅުއްވި ކަމަށާއި އެ ކޯލްގައި އޭނާ ކުރިމަތިލެއްވި ކަމަށް އަދި ހުށަހެޅުއްވި ގާނޫނީ ލިޔެކިޔުންތައް ބާތިލްވެފައިވާ ކަމަށް އެނގެން ނެތް ކަމަށް ދެންނެވި ކަމަށެވެ. އަދި އޭނާގެ މަސައްކަތަށް ތާއީދުކުރާ ގިނަ ބަޔަކު ވެސް އޭސީސީގެ ލިސްޓުގައި އޭނާގެ ނަން ނެތުމުން ކަންބޮޑުވުންފާޅުކުރި ކަމަށް އެ ސިޓީގައިވެ އެވެ.

އޭނާ ދައުލަތުގައި ހޭދަކުރި 32 އަހަރު މަސައްކަތް ކުރެއްވީ ކޮރަޕްޝަނާ ދެކޮޅަށް ކަން ފާހަގަކުރައްވައި އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވާ ތަރުތީބުގެ ލިސްޓުގައި އޭނާގެ ނަން ނެތަސް ކުރިމަތިލީ މީހުންގެ ތެރޭގައި އޭނާގެ ނަން ހިމަނުއްވައި މަޖިލީހަށް ފޮނުއްވައި ދެއްވުމަށެވެ.

މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ އިދާރާގައި މިހާރު އޮތް ލިސްޓަކީ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން އޭނާ އަށް ލިބެން ޖެހޭ އިދާރީ ހައްގެއް ނިގުޅައިގެންފައިވާ އިދާރީ އަމަލެއް ކަމަށެވެ. އެހެންކަމުން މައްސަލަ ބަލައިދޭން އެދިވަޑައިގެންފައިވެ އެވެ.

އޭސީސީ އަށް 30 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެތެރެއިން ރައީސް އިސްކަން ދެއްވި ތަރުތީބު މަޖިލީހުގެ ތަޅުމުގައި އިއުލާންކޮށް މެމްބަރުން އައްޔަންކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިހާރު ވަނީ ފަށައިފަ އެވެ.

މި ވެރިކަމުގައި އޭސީސީ އަށް އައްޔަންކުރި މެމްބަރުން އިސްތިއުފާ ދެއްވައި ކޮމިޝަން ގާނޫނީ ހުސް ކަމަކަށް ދިޔައީ މައްސަލަތައް ބެލުމުގައި ލަސްކަމަށް ބުނެ ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައި އެ ނިންމުން ފާސްކުރުމުގެ ކުރިން މެމްބަރުން އިސްތިއުފާ ދެއްވީ އެވެ.