Roadha Mihaaru
ފަހު ބުރުގައި ޒަރިޔަންދު އޭސީސީއަށް ކުރިމައްޗެއް ނުލާ

ޒަރިޔަންދުގެ ނަން ނެތީ ފަހުން ހުޅުވާލިއިރު ކުރިމަތިނުލާތީ

24 ފެބުރުއަރީ 2022

ގާނޫނީ ހުސްކަމެއްގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މެމްބަރުން އައްޔަންކުރަން އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިނުލައްވާ ކަމަށް އިސްމާއިލް ޒަރިޔަންދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގާނޫނީ ހުސްކަމެއްގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މެމްބަރުން އައްޔަންކުރަން އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިނުލައްވާ ކަމަށް އިސްމާއިލް ޒަރިޔަންދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭސީސީއަށް އައްޔަންކުރާ ލިސްޓު މަޖިލީހަށް އިއްޔެ ފޮނުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަންދެއްވި ތަރުތީބުގައި ޒަރިޔަންދު ނުހިމެނެ އެވެ. އަދި ކުރިމަތިލީ މީހުންގެ ލިސްޓުގައި ވެސް އޭނާގެ ނަމެއް ނެތެވެ.

އޭނާ މިއަދު ވިދާޅުވީ އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލެއްވީ އެންމެ ފުރަތަމަ ހުޅުވާލުމުން ކަމަށެވެ. އެއީ، މެމްބަރު ކަމުގައި ހުންނެވި އަޝްރަފް އިސްތިއުފާ ދެއްވުމުންނެވެ.

ފަހުން މެމްބަރު އިބްރާހިމް ޝަކީލް އިސްތިއުފާ ދެއްވުމުން ވެސް ކުރިމަތިލާން ހުޅުވާލި އެވެ. ތިން ވަނަ ފަހަރު، ރައީސް އޮފީހުން އިއުލާން ގެޒެޓްކުރީ ކުރީގެ ދެ އިއުލާން ބާތިލްކޮށް ފަސް މެމްބަރުން ހޯދަން އިއުލާންކޮށެވެ. މި ބުރުގައި ޒަރިޔަންދު ކުރިމައްޗެއް ނުލައްވަ އެވެ.

"އަޅުގަނޑަކަށް އަންގާފައެއް ނެތް، އަޝްރަފް އިސްތިއުފާ ދެއްވުމުން ހުޅުވާލި މުއްދަތު ބާތިލްކޮށްފައި ކަމެއް އަލުން ހުޅުވާލީ، ގާނޫނުގައި އޮންނަނީ މެމްބަރު އިސްތިއުފާ ދެއްވައިފި ނަމަ 60 ދުވަހުގެ ތެރޭގައި އައްޔަންކުރަން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ހިޔާނާތް ހިނގާ ނަމަ މަޑުން ނުހުންނަވާނެ ކަމަށް އަބަދުވެސް ވިދާޅުވާ ޒަރިޔަންދު އެންމެ ފަހުން ހުންނެވީ ޓެންޑާ ބޯޑުގެ މެމްބަރަކަށެވެ. މީގެ 34 އަހަރު ކުރިން 1986 ގައި ސަރުކާރާ ގުޅިވަޑައިގެންނެވި ޒަރިއަންދު ވަނީ އެ މުއްދަތުގައި ސަރުކާރުގެ އޮޑިޓިންގެ ދާއިރާ އިން އިސް މަގާމްތައް އަދާކުރައްވައިފަ އެވެ. ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިވިޝަންގެ އެންމެ އިސް މަގާމުގެ އިތުރުން ނެޝަނަލް ބަޖެޓް އެންޑް ފޯމިއުލޭޝަން ޑިވިޝަންގެ ޑިރެކްޓަރު ކަމުގެ މަގާމް ވެސް އެނާ ފުރުއްވި އެވެ.

އޭސީސީގެ މެމްބަރު ކަމަށް 30 އަށް ވުރެން ގިނަ މީހުން ކުރިމަތިލި އެވެ.

އޭސީސީ އަށް އައްޔަން ކުރަން ފޮނުވި ނަންތައް:

- އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި

- އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ

- ތާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި

- ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު

- ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރު

މި ވެރިކަމުގައި އޭސީސީ އަށް އައްޔަންކުރި މެމްބަރުން އިސްތިއުފާ ދެއްވައި ކޮމިޝަން ގާނޫނީ ހުސް ކަމަކަށް ދިޔައީ މައްސަލަތައް ބެލުމުގައި ލަސްކަމަށް ބުނެ ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައި އެ ނިންމުން ފާސްކުރުމުގެ ކުރިން މެމްބަރުން އިސްތިއުފާ ދެއްވީ އެވެ.

ކުރީގެ ސަރުކާރުގައި ނޫފޫޒުގެ ދަށުވެފައިވާ ކަަމަށް ތުހުމަތުކުރި މުއައްސަސާ އަށް ފަހުން އައްޔަންކުރި މެމްބަރުންނާ އެކު، އޭސީސީ ނުފޫޒެއްގެ ދަށުނުވެ މަސައްކަތް ކުރަމުން އަންނަނިކޮށް ތުހުމަތުތަކެއް ކުރުމުގެ އެއް ސަބަބަކީ މިނިވަންކަމާ އެކު މަސައްކަތް ކުރާ ތަން ބަލައިނުގަނެވޭ ބަޔަކު ތިބުން ކަމަށް އިސްތިއުފާ ދެއްވި މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.