Roadha Mihaaru
މަޖިލިސް ތެރޭ މާރާމާރީ، ބައެއް މެންބަރުންނަށް އަނިޔާ

މަޖިލިސް ތެރޭގައި މާރާމާރީ ހިންގައި ބައެއް މެމްބަރުން އަނިޔާވެއްޖެ

28 ޖެނުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމުމުން، މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެެއް ހިނގައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމުމުން، މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެެއް ހިނގައިފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ވޯޓަށް އެހުން އޮތީ މިއަދު 1:30 އަށް ތާވަލުކޮށްފަ އެވެ. ނަމަވެސް އެ ގަޑިއަށް ސަރުކާރުގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެ ރިޔާސަތުގެ ގޮނޑީގައި ބައެއް މެމްބަރުން އިށީނދެވަޑައިގަތީ އެވެ. ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގެން އިންނެވީ ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމެވެ.

އޭގެ އިތުރުން ޗެމްބަރު ތަޅުލައި މެންބަރުން ވޯޓުލާ ކާޑުކޮޅުތައް ވެސް ސަރުކާރު މެންބަރުން ވަނީ ނަގައިފަ އެވެ. އެހެންވެ، ރިޔާސަތުން ވަނީ ޖަލްސާ މެދުކަނޑާލައިފަ އެވެ.

ޖަލްސާ މެދުކަނޑާލާފައި އޮތް ވަގުތު ވެސް ސަރުކާރުގެ މެންބަރުންނާއި އިދިކޮޅު މެންބަރުންނާ މެދު ބޮޑެތި އަރާރުންތައް ހިނގައި، ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާފައިވެ އެވެ. ރިޔާސަތަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަޑައިގެންނެވުމުން ޗެމްބަރަށް ގިނަ އަދަދެއްގެ މެންބަރުން އަރާވަޑައިގެން ދުންމާރި ފުމެ ހެދި އެވެ.

މަޖިލީހުގެ ޗެމްބަރަށް އަސްލަމް އަރާވަޑައިގެންނެވުމުން އެކަން ހުއްޓުވުމަށް ބައެއް ސަރުކާރު މެންބަރުން މަސައްކަތް ކުރައްވަނީ --

މަޖިލީހުގެ ޗެމްބަރަށް އަސްލަމް އަރާވަޑައިގެންނެވުމުން އެކަން ހުއްޓުވުމަށް ބައެއް ސަރުކާރު މެންބަރުން މަސައްކަތް ކުރައްވަނީ --

އެ ހަމަނުޖެހުމުގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ފައިގައި، މެންބަރު ޝަހީމް ހިފަހައްޓައި ވައްޓާލާ މަންޒަރު ވެސް ފެނެ އެވެ. ދެ މެންބަރުން ޗެމްބަރު ކައިރިއަށް ވެއްޓުމުގެ ތެރޭގައި ޝަހީމްގެ ބޮލަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެކަން ހުއްޓުވުމަށް މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު މަސައްކަތް ކުރައްވާފައިވެ އެވެ.

އޭގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިނގިލި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ޒަރީރަށް އަނިޔާވި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގަ އެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި ޒަރީރަށް ހަމަލާދިނީ އެމްޑީޕީ މެންބަރުންނެވެ.

އަނިޔާވި ބައެއް މެމްބަރުން ހޮސްޕިޓަލަށް ގެންދަން މަޖިލީހުގެ އިދާރާ އަށް އެމްބިއުލާންސް ވެސް ގެންދިޔަ އެވެ.

މިހާރު ވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ގެންދަނީ މަޖިލިސް ތެރޭގައި ދުންމާރު ފުމެ، އަޑުގަދަ ކުރަމުންނެވެ.

ވޯޓު ޖަލްސާ ހުއްޓުވާފައިވާއިރު، ސަރުކާރަށް ތާއީދު ކުރާ ސަޕޯޓަރުންނާ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ މަޖިލިސް ދޮރުމަތީގައި މުޒާހަރާ ކުރަމުންނެވެ. އެ މީހުން ގޮވާލަމުން އަންނަނީ ވަޒީރުންނަށް ރުހުން ދިނުމަށެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށް ނިންމައިފަ އެވެ. އަދި ޑިމޮކްރެޓްސް އިން ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމައިފަ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ބުނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ކެބިނެޓުގެ ބޭފުޅުންނަށް މަޖިލިހުން ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ.

"ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުސަތު ދީ ވަޒަންކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމަށާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ދެކެމެވެ." އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.