Roadha Mihaaru
"ރުހުން ނުދިނަސް އަލުން އެ މަގާމަށް އައްޔަންކުރެވޭނެ"

ވަޒީރުންނަށް ރުހުން ނުދިނަސް ހަމަ އެ ބޭފުޅުން އަލުން އައްޔަން ކުރެވޭނެ: އަބްދުއްރަހީމް

28 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުން ބައެއް މިނިސްޓަރުންނަށް ރުހުން ނުދިނަސް، ހަމަ އެ ބޭފުޅުން އަލުން އެ މަގާމަށް އައްޔަންކުރުމުގެ އިހްތިޔާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުން ބައެއް މިނިސްޓަރުންނަށް ރުހުން ނުދިނަސް، ހަމަ އެ ބޭފުޅުން އަލުން އެ މަގާމަށް އައްޔަންކުރުމުގެ އިހްތިޔާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ކެބިނެޓްގެ 22 މިނިސްޓަރުންނަށް ރުހުން ދިނުން މިއަދު ރައްޔިތުންގެ މަޖިލީހަށް ތާވަލުކޮށްފައިވާއިރު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވަނީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމައިފަ އެވެ.

އެކަމާ ގުޅިގެން މަޖިލިސް ބޭރުގައި ސަރުކާރުގެ ބައެއް ބޭފުޅުން އިހްތިޖާޖު ކުރަމުން ދާއިރު ވޯޓަށް އަހަން ބާއްވަން އުޅޭ ޖަލްސާ ވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ހުއްޓުވައިފަ އެވެ.

މަޖިލިސް ބޭރުގައި ހުންނަވައި މީޑިއާއާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުން މަސައްކަތް ކުރަމުން ދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށާއި މިނިސްޓަރުންނަށް ރުހުން ނުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުން އެއްވެސް ނަތީޖާއެއް ވެސް ނުނުކުންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއަދު ރުހުން ނުދިނީ، މިއަދު ހަމަ އެ މީހުން ހަމަ އެ މަގާމަށް އެ ވުޒާރާތަކުގެ ވަޒީރުންނަށް އައްޔަން ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވޭ. އެކަމެއް ނުހުއްޓުވޭނެ މިތަނަކުން. އެހެންވެ މި ދަންނަވަނީ މިއީ ވަރަށް ތާކުންތާކު ނުޖެހޭ ޒިންމާދާރުކަން ކުޑަ ކަމެކޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީއަށް މި މަޖިލީހުގެ މެޖޯރިޓީ އޮތުމުން ބޭނުން ގޮތަކަށް އަމަލު ކުރެވުނު ނަމަވެސް، އެއީ ދެން ކުޑަ ދުވަސްކޮޅެއްގެ ކަމެއް ކަމަށެވެ. ދެން އުފެދޭ މަޖިލީހެއްގެ މެޖޯރިޓީ ސަރުކާރުން ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަން އެމީހުން ކުރިޔަސް މިއީ ދެމެހެއްޓެނެވި ކަމަކަށް ނުވާނެ. މީގެ ތިން ހަތަރު މަސް ފަހުން މި އަންނަނީ އާ މަޖިލިސް، އިރާދަކުރެއްވިއްޔާ މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައީސް މުއިއްޒުގެ ސަރުކާރުން ނަންގަވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީޕީން ޕީޖީ ގުރޫޕުން ނިންމާފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށެވެ. ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މިހާރު އެމްޑީޕީއާ އެކު މަސައްކަތްކުރާ ޑިމޮކްރެޓްސްގެ މެންބަރުން ވެސް ވަނީ އުޝާމާއި ހައިދަރާއި ޝަހީމަށް ރުހުން ނުދޭން ނިންމައިފަ އެވެ. އެ ތިން ބޭފުޅުންގެ އިތުރުން ޑިމޮކްރެސްޓްސް އިން ރުހުން ނުދޭން ނިންމި އަނެއް ވަޒީރަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އެކަމަކު، އެމްޑީޕީގެ ލިސްޓުގައި ޒަމީރުގެ ނަމެއް ނެތެވެ.

އޭގެ އިތުރުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ރުހުން ނުދިނުމަށް ވެސް އެ ދެ ޕާޓީގެ ވިސްނުން އެބަހުއްޓެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަ އެވެ.

ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމި ސަބަބުތަކުގެ ތެރޭގައި މާލެ ރައްޔިތުންނަށް ދޫ ކޮށްފައިވާ ގޯތިތައް ނުދީ ހިފެހެއްޓުމާއި އިންޑިއާއާ ގުޅުން ގޯސްވުން ހިމެނެ އެވެ. މިކަމާ ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ވަޒީރުންނަށް މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ.