Roadha Mihaaru
ރުހުން ނުދިނުން: ހުއްޖަތެއް ނެތް ސިޔާސީ ޖެއްސުމެއް؟

ވަޒީރުން ބޭރުކުރުން: ހުއްޖަތެއް ނެތް ސިޔާސީ ޖެއްސުމެއްތަ؟

29 ޖެނުއަރީ 2024

މި ސަރުކާރުގެ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް ރުހުން ނުދޭން ނިންމި ސަބަބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ އެމްޑީޕީ-ޑިމޮކްރެޓްސް އިން މިހާތަނަށް މާ ބޮޑު ހުއްޖަތެއް ދައްކާފައެއް ނެތެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ 22 ވަޒީރުންގެ ތެރެއިން ހަތަރު ބޭފުޅަަކަށް ރުހުން ނުދޭން އެމްޑީޕީން ބޭނުންވާއިރު ތަފުސީލެއް ނެތެވެ. އެ ހަތަރު ބޭފުޅުންގެ މިދިޔަ ދެ މަހެއްހާ ދުވަހުގެ ޕާފޯމަންސަށް އެއްވެސް ވަރަކަށް ނުބަލަ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި ސަރުކާރުގެ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް ރުހުން ނުދޭން ނިންމި ސަބަބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ އެމްޑީޕީ-ޑިމޮކްރެޓްސް އިން މިހާތަނަށް މާ ބޮޑު ހުއްޖަތެއް ދައްކާފައެއް ނެތެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ 22 ވަޒީރުންގެ ތެރެއިން ހަތަރު ބޭފުޅަަކަށް ރުހުން ނުދޭން އެމްޑީޕީން ބޭނުންވާއިރު ތަފުސީލެއް ނެތެވެ. އެ ހަތަރު ބޭފުޅުންގެ މިދިޔަ ދެ މަހެއްހާ ދުވަހުގެ ޕާފޯމަންސަށް އެއްވެސް ވަރަކަށް ނުބަލަ އެވެ.

ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް ފަހު، ކުއްލި ގޮތަކަށް ދެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުންތަކެއް ބާއްވައި ދެ ޕާޓީން ނުރުހޭ ލިސްޓެއް ނެރުނީ އެވެ.

އެ ލިސްޓަށް ބަލާއިރު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިއްތިފާގު ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ރުހުން ނުދިނުމަށެވެ.

އޭގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދޭން އެމްޑީޕީން ނިންމި އެވެ. ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ބޭރުކޮށްލަން ޑިމޮކްރެޓްސްގެ މެންބަރުން ނިންމި އެވެ.

ސަބަބެއް ގޮތުގައި ދެ ޕާޓީގެ ބައެއް މެންބަރުން ފާހަގަ ކުރަނީ ދެ ތިން މައްސަލަ އެކެވެ. ޒަމީރު ބޭރު ކުރަނީ ރާއްޖެ-އިންޑިއާގެ ގުޅުން ގޯސްވާ ގޮތަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރާތީ އެވެ. ހައިދަރަށް ރުހުން ނުދެނީ މާލޭގެ މީހުންނަށް ދޭން ނިންމާފައިވާ ގޯތިތައް ދިނުން ލަސްވާތީ ނުވަތަ ބަދަލު ކުރަން އުޅޭ ކަމަށް ބުނެ އެވެ. އުޝާމްގެ މައްސަލައަކީ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލަ އިޓްލޮސް އަށް ހުށަހެޅުމަށް މަސައްކަތް ކުރާތީ އާއި ކުރީ ސަރުކާރުން އެކުލަވައިލި ސެޓަލްމަންޓް ކޮމިޓީ އުވާލުމުންނެވެ.

ރުހުން ނުދޭން އެމްޑީޕީން ބޭނުންވާ ވަޒީރުން (ކ-ވ) އިކޮނޮމިކް މިނިސްޓަރު ސައީދު، އޭޖީ އުޝާމް، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަދި ހައުސިން މިނިސްޓަރު ޑރ. ހައިދަރު.

ރުހުން ނުދޭން އެމްޑީޕީން ބޭނުންވާ ވަޒީރުން (ކ-ވ) އިކޮނޮމިކް މިނިސްޓަރު ސައީދު، އޭޖީ އުޝާމް، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަދި ހައުސިން މިނިސްޓަރު ޑރ. ހައިދަރު.

އެކަމަކު، އެއީ ޒަމީރާއި ހައިދަރު އަދި އުޝާމް މަގާމުގައި ނެތަސް ހިނގާނެ ކަންކަމެކެވެ. ކޮންމެ ވަޒީރަކު އެ މިނިސްޓްރީއެއްގައި ހުންނެވިޔަސް ތަންފީޒު ކުރައްވާނީ މި ސަރުކާރުގެ ސިޔާސަތެވެ. އެހެވެއްޖިއްޔާ މިހާރު ތިއްބެވި ބޭފުޅުން ބޭރުކޮށްފައި ދެން އައްޔަން ކުރައްވާ ވަޒީރުންނަށް ވެސް ރުހުން ލިބިގެން ނުވާނެ އެވެ. ރުހުން ދިނުމުގެ ޕްރޮސެސް ނިމުމަކަށް ނާންނާނެ އެވެ.

ހާރިޖީ ސިޔާސަތު ކަނޑައެޅުމަކީ ސިދާ ރައީސުލްޖުމްހޫރިއްޔާގެ ބާރެކެވެ. ދެން އެ ދައްކަވަނީ ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވައުދުވެފައިވާ ކަންކަމެވެ. އެއީ ކެބިނެޓުގައި ހައިދަރާއި އުޝާމް އަދި ޒަމީރު ނެތަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިހާ ހިނދަކު ހިނގާނެ ކަންކަމެވެ.

ރުހުން ނުދޭން އިދިކޮޅު ފަރާތްތަކުން ދެން ހުށަހަޅާފައިވާ ޑރ. ޝަހީމަކީ މި ސަރުކާރުގައި އެންމެ ބާރު ސްޕީޑުގައި ޕަފޯމް ކުރާ އެއް ވަޒީރެވެ. އެންމެ ގިނަ އިވެންޓުތައް ބާއްވައި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އެތައް މަސައްކަތެއް އޭނާ ވަނީ ފައްޓަވައިފަ އެވެ.

ކުރިން ވެސް އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ސައީދަކީ ވެސް ސަރުކާރުގެ އިގްތިސާދީ ބޮޑެތި މަޝްރޫއުތައް ފައްޓަވައި އެއް ފަހަރާ އެތައް ކަމެއް ފައްޓަވާފައިވާ ވަޒީރެކެވެ. މި ދެ މަސް ތެރޭގައި ކަމެއް ކުރެއްވޭތޯ އެންމެ ބޮޑަށް އުޅުއްވި ބޭފުޅުންގެ ލިސްޓުގައި ސައީދުގެ ނަން އުޅެނީ ކުރީގަ އެވެ. ނަމަވެސް މި ދެ ބޭފުޅުންގެ ނަން ރުހުން ނުދޭ ލިސްޓުގައި ހިމެނުނު އެއްވެސް ސަބަބެއް ދެ ޕާޓީން ނުބުނެ އެވެ.

ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ އެމްޑީޕީ-ޑިމޮކްރެޓްސް އެއްވެސް ނަތީޖާއެއް ނުނިކުންނަ ސިޔާސީ ކުޅިގަނޑަކަށް ހަދާފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ އެހެންވެ އެވެ. ރުހުން ދިނުން ގާނޫނުއަސާސީގައި އޮންނާތީ އެ ކަން މަޖިލިހުގައި ކުރަން ޖެހެ އެވެ. އެކަމަކު، އެމްޑީޕީން ފެންނަނީ އެއްވެސް ވަރަކަށް ބެލުމެއް ނެތި ސިޔާސީ ގޮތުން މި ކަމުގައި މަސައްކަތް ކުރާ ތަނެވެ.

ވަޒީރުންނަށް ރުހުން ހޯދަން މަޖިލިހަށް ރައީސް ޑރ. މުއިއްޒު ފޮނުއްވި ދުވަހުން ފެށިގެން މުޅިން ވެސް އިވެމުން އައީ ރުހުން ނުދޭނެ ވާހަކަ އެވެ. ރުހުން ނުދޭ ލިސްޓެއްގެ ވާހަކަ އެވެ. އެކިއެކި ހުއްޖަތްތައް ދައްކަމުން އައި މަޖިލިސް ޗުއްޓީ އަށް ދިޔައިރު ވެސް އެމްޑީޕީގެ ކޮންޓްރޯލް އޮންނަ މަޖިލިހުގެ ރިޔާސަތުން ނަތީޖާއެއް ނުނެރެވުނެވެ. ކުރެއްވި ކަމަކީ ދިގު ދެންމުމެވެ. އެއް ކަމަކަށް ފަހު އަނެއް ކަމެކެވެ.

"އިދިކޮޅުން އުޅެނީ ސަރުކާރު ހުއްޓުމަކަށް ގެންނަން"

އާ ގާނޫނުއަސާސީ އެކުލަވައިލި ފަހުން މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިހާބަކަށް ފަހު އަލަށް އެކުލަވައިލާ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމަކީ އާންމު ޕްރޮސީޖާއެއް ގޮތަށް ހިނގަމުން އަންނަ ކަމެކެވެ. ވަޒީރުންގެ ޝަރުތުތައް ކޮމިޓީން ދިރާސާ ކުރުމަށް ފަހު، އާންމުކޮށް ތަޅުމުގައި މެންބަރުންގެ އިއްތިފާގުން ވަޒީރުންނަށް ރުހުން ލިބެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލިހުގައި އޮތީ އޭރުގެ ޑީއާރުޕީގެ ފުލް ކޮންޓްރޯލެވެ. ބޭނުންކަމެއް ކުރެވެން އޮތެވެ. އެކަމަކު، ނަޝީދުގެ ސަރުކާރުގެ ކެބިނެޓަށް ވަގުތުން ރުހުން ދިނެވެ. ފަހުން ބައެއް ވަޒީރުން އިސްތިއުފާ ދެއްވައި، އަލުން އެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގައި އެ ހިނގައިދިޔައީ އަދި މުޅިން އެހެން ކަމެކެވެ. ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ކެބިނެޓަށް ރުހުން ދިނެވެ.

ވަޒީރުން ޖަވާބުދާރީ ކުރުވުމާއި އިތުބާރު ނެތް ކަމަށް ފާސްކޮށް ބޭރު ކުރަނީ ރުހުން ދިނުމުގެ ކަންކަމަށް ފަހު، ސަރުކާރު ހިންގުމުގެ ތެރޭގައި ދިމާވާ ކަންކަމުގެ މައްޗަށް ބަލައިފަ އެވެ. އެއީ އަދި މުޅިން އެހެން ކަމެކެވެ. ރުހުން ދިނުމާ ގުޅޭ ކަމެއް ނޫނެވެ. ނަތީޖާ ނުނެރެވިއްޖެ ނަމަ ކަންކަން ކުރާނެ އުސޫލުތައް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި އެބަހުއްޓެވެ. ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓެވެ.

ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް 19 ވަނަ މަޖިލީހުން މި ވަނީ ބައެއް ވަޒީރުންނަށް ރުހުން ވެސް ނުދޭން ނިންމައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކެވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ވަޒީރުންގެ ޝަރުތުގެ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ކޮމިޓީން ވެސް ކަނޑައަޅާފައި ވަނިކޮށް އަދި އެ ބޭފުޅުންނަށް ޕާފޯމް ކުރަން އެކަށީގެންވާ ވަގުތު ވެސް ނުލިބި އޮއްވައި ރުހުން ނުދޭން ޕާޓީތަކުން ވިޕްތައް ނެރުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެކެވެ.

މަޖިލިސްގެ ރައީސް މުހައްމަދު އަސްލަމް

މަޖިލިސްގެ ރައީސް މުހައްމަދު އަސްލަމް

ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމުގެ ބާރު މަޖިލީހަށް ދީފައި އޮތް ނަމަވެސް ކެބިނެޓަށް ރައީސް ބޭނުންވާ ވަޒީރުން އައްޔަން ކުރުމާއި އެ މަނިކުފާނު ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރު ހިންގުމަކީ ވެސް ގާނޫނުއަސާސީން ލިބިދީފައި އޮތް ބާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ހާރިޖީ ސިޔާސަތު ކަނޑައެޅުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް. ކޮންމެ މިނިސްޓަރަކު ހުންނެވިޔަސް އެ މަނިކުފާނުގެ ސިޔާސަތާ އެއްގޮތަށް އެކަންކަން ހިނގާނެ. އެއީ މިނިސްޓަރަކަށް ރުހުން ނުދޭން ނިންމަން ދެއްކޭނެ ހުއްޖަތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އެހެން ބޭފުޅަކު ވެސް "މިހާރު" އަށް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި އުޅެނީ ސަރުކާރު ހުއްޓުމަކަށް ގެނައުމަށެވެ.

"ސަރުކާރުން ހިންގާ ތަރައްގީ އަށް އޮތް ފޯކަސް ގެއްލުވާލައި ސިޔާސީ ހަލަބޮލި ކަމެއްގެ ތެރޭގައި ގައުމު ބާއްވަން އެ ފަރާތްތަކުން ބޭނުން ވަނީ. އިތުރު އެއްވެސް ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ސަރުކާރު ގޯސްކޮށް، އިންޒާރެއް!

އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުންނަށް ރުހުން ނުދޭން ނިންމި ސަބަބާ ގުޅޭ ސުވާލު ކުރުމުން އެ ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވި ގޮތުގައި އެއީ ހުރިހާ މެންބަރުންގެ ތެރޭގައި މަޝްވަރާ ކޮށްގެން ނިންމި ނަންތަކެކެވެ.

ޕީޖީ ބައްދަލުވުމުގެ ތެރެއިން މެންބަރުން ވަކިން ނަންތަކަށް އަހައި ތާއީދު ލިބިގެން ފާސްވީ އެ ހަތަރު ވަޒީރުންނަށް ރުހުން ނުދޭން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ވަޒީރުންގެ މައްސަލައަކީ ކޮބައި ކަމެއް ނުވަތަ ރުހުން ނުދޭން ނިންމި ސަބަބެއް ބިގޭ ވިދާޅެއް ނުވެ އެވެ.

އޭގެ ބަދަލުގައި އެ ޕާޓީން ދެއްކީ ގިނަ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމަން މަސައްކަތް ކުރި ކަމާއި އެކަމަށް ސަރުކާރު މެންބަރުން އަޅަމުން ގެންދެވި ހުރަސްތަކުގެ ވާހަކަ އެވެ.

މަޖިލިސްގެ ނައިބު ރައީސް އަހުމަދު ސަލީމް

މަޖިލިސްގެ ނައިބު ރައީސް އަހުމަދު ސަލީމް

ރައީސް ޑރ. މުއިއްޒު އެ މައްސަލަ މަޖިލީހަށް ފޮނުވިތާ ދެ މަހެއް ވާން އުޅުން އިރު ވެސް އަތް ނުލައި އެޖެންޑާ ވެސް ނުކޮށް ބޭއްވި ހަނދާނެއް އަދި އެ ވާހަކައެއް ވެސް އެ ޕާޓީން ނުދައްކަވަ އެވެ.

މަޖިލީހުގެ މުދަލަށް އިއްޔެ ގެއްލުން ދިނުމާއި ބައެއް މެންބަރުންނަށް އަނިޔާވުމާއި މެންބަރުންނަށް ދޭން ޖެހޭ ރައްކާތެރިކަން ގެއްލިފައިވާ ކަމުގެ ޝަކުވާތައް އެ މެންބަރުން ކުރެއްވި އެވެ.

"އެމްޑީޕީން ނެރޭ ވިޕަކީ އެއީ އެމްޑީޕީގެ އެތެރޭގެ ކަމެއް. އެއީ އެހެން ޕާޓީތަކާ ބެހޭ މައްސަލައެއް ނޫން. ވިޕް ނެރުނު ފަހުން މަޖިލިސް ހަލަބޮލި ވެގެން މި ދިޔައީ،" މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އެ ޕާޓީގެ މެންބަރުންގެ ވިސްނުން ހުރީ ގިނަ ވަޒީރުންތަކަކަށް ރުހުން ދިނުމަށެވެ. އެކަމަކު، އެ ވިސްނުމާއި އެ ރޫހު މިހާރު ބަދަލުވެފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ރުހުން ނުދީފި ނަމަ ދެން ވާނީ ކިިހިނެތް؟

ގާނޫނުއަސާސީގައި ވަޒީރުންނަށް ރުހުން ދޭން ޖެހޭނެ ކަމަށް ބުނާ 129 ވަނަ މާއްދާގައި ހަމައެކަނި ބުނަނީ ކެބިނެޓް އައްޔަން ކުރުމަށް ފަހު ހަތް ދުވަސް ތެރޭގައި މަޖިލީހަށް ފޮނުވަން ޖެހޭ ވާހަކަ އެވެ. އެ ވަޒީރުންނަށް ރުހުން ނުދީފި ނަމަ ދެން ހަދާނެ ގޮތެއް ބުނެފައެއް ނުވެ އެވެ. އެ ވަޒީރުން ވަކިވީ ކަމެއް ނުވަތަ އެ މަގާމުތަކަށް އަލުން އައްޔަން ކުރެވިދާނެ ކަމެއް ގާނޫނުއަސާސީ ނުބުނެ އެވެ.

ކަނޑައެޅިގެން ވަޒީރުން ވަކިވާ ގޮތް ސާފުކޮށް ބަޔާން ކޮށްފައި ވަނީ ހަމައެކަނި ވަޒީރުންގެ އިތުބާރު ނެތް ކަމަށް ނެގުމާ ބެހޭ 101 ވަނަ މާއްދާގަ އެވެ.

އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައިވާ ގޮތުން މަޖިލީހުން ވަޒީރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ނިންމިޔަސް އެ ވަޒީރަކު މަގާމުން ވަކިވާނީ ރައީސުލްޖުމްހޫރިއްޔާ އޭނާ މަގާމުން ވަކި ކުރުމުން ނުވަތަ އޭނާ އަމިއްލަ އަށް އެ މަގާމުން ދުރުވުމުންނެވެ.

އެ ނޫން ހާލަތްތަކުގައި ޑިފެކްޓޯކޮށް އޭނާ ވަޒީފާގައި ދެމިހުރެވޭނެ ކަމަށް އެ އަމުރުގައި ބުނެފައި ވެ އެވެ.

މިރޭ ބޭއްވި ޕީޕީއެމާއި ޕީއެންސީ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ:--- މިހާރު ފޮޓޯ/ނިޝާން އަލީ

މިރޭ ބޭއްވި ޕީޕީއެމާއި ޕީއެންސީ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ:--- މިހާރު ފޮޓޯ/ނިޝާން އަލީ

އެމްޑީޕީން މިހާރު ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމިޔަސް ސަރުކާރުގެ ވިސްނުން ވެސް ހުރީ އެފަދަ ގޮތަކަށެވެ.

ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވި ގޮތުގައި ވަކި ކުރާ ވަޒީރުން އަލުން އެ މަގާމްތަކަކަށް އައްޔަން ކުރަން ގާނޫނުއަސާސީ ހުރަހެއް ނާޅަ އެވެ. އެގޮތަށް އާ މަޖިލިސް އަންނަން ދެން ހިފަހައްޓާލުމުގެ ވިސްނުން ސަރުކާރުގެ އެބައޮތެވެ. ގަބޫލު ކުރަނީ އާ މަޖިލީހުގައި ސަރުކާރުން މެޖޯރިޓީ ނެގުމަށް ފަހު އެ ވަޒީރުންނަށް ރުހުން ދިނުމަށެވެ.

ނަމަވެސް އެގޮތަށް އަމަލު ކުރަން ފުރުސަތު ދީގެން އެމްޑީޕީ އޮންނާނެ ކަމަކަށް ނުބެލެވެ އެވެ. މަޖިލީހުގެ ބާރަށް އަރައިގަތް ކަމާއި އެ ވަޒީރުން ވަކިވީ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓާ ހަމައަށް ވެސް ދާނެ އެވެ.

މިހާރު މިސްރާބު ހުރި ގޮތުން ހަތަރު ވަޒީރަށް ވުރެ ގިނައިން ރުހުން ނުދޭން އެމްޑީޕީން ނިންމުމުގެ ފުރުސަތު އެބައޮތެވެ. އެކަން ކުރާކަށް އެއްވެސް ހުއްޖަތެއް ދައްކާނެ ކަމަކަށް ވެސް ނުބެލެވެ އެވެ. ވަޒީރުންގެ ޕާފޯމަންސަކަށް ވެސް އެމްޑީޕީން ބަލާނެ ކަމަކަށް ނުބެލެވެ އެވެ.