Roadha Mihaaru

އުޝާމް އާއި ޝަހީމް އަދި ހައިދަރަށް ރުހުން ނުދިން!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ތިން މިނިސްޓަރަކަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އުޝާމާއި ޝަހީމާއި ހައިދަރަށް ރުހުމެއް ނުދިން!
މޫސާ ރަޝީދު
މޫސާ ރަޝީދު

29 ޖެނުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ތިން މިނިސްޓަރަކަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ރުހުން ނުދޭން ނިންމީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި އެ ތިން ބޭފުޅުންގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ހިމެނި އެވެ. އެކަމަކު ސައީދަށް ރުހުން ލިބުނެވެ.

އޭނާއަށް ރުހުން ލިބުނީ ފާސްކުރަން ބޭނުންވާ އަދަދަށް ވުރެން އިތުރަށް ދެ ވޯޓާ އެކު 37 ވޯޓުންނެވެ. ފާސްކުރަން ބޭނުންވާ އަދަދަކީ 35 އެވެ.

ތިން ވަޒީރަކަށް ރުހުން ނުދޭން މި ނިންމީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު، 17، 2023 ގައި ހުވާކުރައްވައި ކެބިނެޓަށް ރުހުން ހޯދަން މަޖިލީހަށް ފޮނުުވުމުން، މިހާތަނަށް ރުހުން ނުދީ ދިގު ދެންމުމަށް ފަހު އެވެ. އެއްވެސް ސަބަބެއް ނެތި ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމައި އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ލިސްޓު އާއްމުކުރުމުން މަޖިލިސް އިއްޔެ ހޫނުވެ، ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.

ވޯޓުގެ ތަފްސީލް

އުޝާމް - ފެންނަ ކަމަށް 24، ނުފެންނަ ކަމަށް 44

ޝަހީމް - ފެންނަ ކަމަށް 30، ނުފެންނަ ކަމަށް 31، ވަކި ގޮތަކަށް ވޯޓު ނުދޭ 8

ހައިދަރު - ފެންނަ ކަމަށް 23، ނުފެންނަ ކަމަށް 46

ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ 22 މިނިސްޓަރުންގެ ތެރެއިން މަޖިލީހުން ރުހުން ދީފައި ވަނީ 19 ބޭފުޅަކަށެވެ.

ވަޒީރުންނަށް ރުހުން ނުދީފި ނަމަ ދެން ހަދާނީ ކިހިނެތްތޯ މީގެ ކުރިން ނޫސްވެރިން ސުވާލު ކުރުމުން ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރުހުން ނުދޭ މިނިސްޓަރުން އަލުން އެ މަގާމަށް އައްޔަން ކުރުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ކަމަށެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބުނަނީ ކެބިނެޓް އައްޔަން ކުރުމަށް ފަހު ހަތް ދުވަސް ތެރޭގައި މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށެވެ. ވަޒީރަކަށް ރުހުން ނުދީފި ނަމަ ވާނެ ގޮތެއް ގާނޫނުއަސާސީގައި އަދި ގާނޫނެއްގައި ވެސް ނުބުނެ އެވެ.

އެ މައްސަލާގައި މީގެ ކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެއްގައި ބުނެފައި ވަނީ ރުހުން ދޭން ނުފެންނަ ކަމަށް ނިންމިޔަސް އެ ވަޒީރަކު މަގާމުން ވަކިވާނީ ރައީސުލްޖުމްހޫރިއްޔާ އޭނާ މަގާމުން ވަކި ކުރުމުން ނުވަތަ އޭނާ އަމިއްލަ އަށް އެ މަގާމުން ދުރުވުމުންނެވެ.

އެ ނޫން ހާލަތްތަކުގައި ޑިފެކްޓޯކޮށް އޭނާ ވަޒީފާގައި ދެމިހުރެވޭނެ ކަމަށް އެ އަމުރުގައި ބުނެފައި ވެ އެވެ.