Roadha Mihaaru
ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަންކުރައްވައިފި

މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމުގެ ހުވާކުރައްވައިފި

29 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުން ހަރުދަނާ އެއްވެސް ސަބަބެއް ނުދައްކައި ރުހުން ނުދޭން ފާސްކުރި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ އިރުކޮޅެއްކުރިން އަރުވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުންގެ މަޖިލީހުން ހަރުދަނާ އެއްވެސް ސަބަބެއް ނުދައްކައި ރުހުން ނުދޭން ފާސްކުރި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ އިރުކޮޅެއްކުރިން އަރުވައިފި އެވެ.

މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ރުހުން ނުދޭން މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނަރަލް އަހުމަދު އުޝާމަށެވެ.

ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މީގެ އިރުކޮޅެއް ކުރިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ބޭފުޅުންނަށް މަގާމުގެ ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

މަޖިލިހުން މިއަދު ރުހުން ނުލިބުނު ތިން ވަޒީރުން އެ ބޭފުޅުން މި ސަރުކާރުގައި ކުރިން ވެސް ތިއްބެވި މަގާމުތަކަށް އަލުން އައްޔަން ކުރެއްވުމާ އެކު، އަނެއްކާވެސް މަޖިލިހުގެ ރުހުން ހޯއްދަވަން ފޮނުވަންޖެހެ އެވެ. އެއީ މަގާމަށް އައްޔަންކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެކެވެ.

ރުހުން ހޯދަން ފޮނުވި މައްސަލަ މަޖިލީހުގައި ތިން މަސް ވަންދެން ދިގުދެންމުމަށް ފަހު ވަކި ސަބަބެއް ނުދައްކައި އެ ބޭފުޅުންނަށް ރުހުން ނުދޭން ނިންމި މައްސަލާގައި މި ސަރުކާރުގެ ބޭފުޅުން ދަނީ އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް ފާޑުކިޔަމުންނެވެ.