Roadha Mihaaru
ތިން ވަޒީރުންނަށް ރުހުން ހޯދަން އަލުން މަޖިލީހަށް

ތިން ވަޒީރުންނަށް ރުހުން ހޯދަން އަނެއްކާ ވެސް މަޖިލީހަށް ފޮނުވައިފި

06 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ތިން ވަޒީރުންގެ މައްސަލަ އަނެއްކާ ވެސް މަޖިލީހަށް ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ތިން ވަޒީރުންގެ މައްސަލަ އަނެއްކާ ވެސް މަޖިލީހަށް ފޮނުވައިފި އެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައީސް އޮފީހުން ފޮނުވާފައިވާ ކަމަށެވެ.

ދައުރުން ބޭރުން މިދިޔަ މަހުގެ 29 ގައި ބޭއްވި ޖަލްސާގައި ރުހުން ދީފައި ވަނީ ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ 22 މިނިސްޓަރުންގެ ތެރެއިން 19 ބޭފުޅަކަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަ އެ ދުވަހު އެ ތިން ބޭފުޅުން މަގާމަށް އައްޔަންކުރައްވައިފަ އެވެ.

ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމީ، ރައީސް މުއިއްޒު ނޮވެމްބަރު، 17، 2023 ގައި ހުވާކުރައްވައި ކެބިނެޓަށް ރުހުން ހޯދަން މަޖިލީހަށް ފޮނުުވުމުން، ރުހުން ނުދީ ދިގު ދެންމުމަށް ފަހު އެވެ. އެހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމައި އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ލިސްޓު އާއްމުކުރުމުން މަޖިލީހުގެ ޖަލްސާއެއް ހޫނުވެ ހަމަނުޖެހުން ހިނގައި ޖަލްސާ ކުރިއަށް ނުގެންދެވޭ ހާލަތަށް ދިޔަ އެވެ.

ވޯޓުގެ ތަފްސީލް

އުޝާމް: ފެންނަ ކަމަށް 24، ނުފެންނަ ކަމަށް 44

ޝަހީމް: ފެންނަ ކަމަށް 30، ނުފެންނަ ކަމަށް 31، ވަކި ގޮތަކަށް ވޯޓު ނުދޭ 8

ހައިދަރު: ފެންނަ ކަމަށް 23، ނުފެންނަ ކަމަށް 46

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބުނަނީ ކެބިނެޓް އައްޔަން ކުރުމަށް ފަހު ހަތް ދުވަސް ތެރޭގައި މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށެވެ. ވަޒީރަކަށް ރުހުން ނުދީފި ނަމަ ވާނެ ގޮތެއް ގާނޫނުއަސާސީގައި އަދި ގާނޫނެއްގައި ވެސް ނުބުނެ އެވެ.

އެ މައްސަލާގައި މީގެ ކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެއްގައި ބުނެފައި ވަނީ ރުހުން ދޭން ނުފެންނަ ކަމަށް ނިންމިޔަސް އެ ވަޒީރަކު މަގާމުން ވަކިވާނީ ރައީސުލްޖުމްހޫރިއްޔާ އޭނާ މަގާމުން ވަކި ކުރުމުން ނުވަތަ އޭނާ އަމިއްލަ އަށް އެ މަގާމުން ދުރުވުމުންނެވެ.

އެ ނޫން ހާލަތްތަކުގައި ޑިފެކްޓޯކޮށް އޭނާ ވަޒީފާގައި ދެމިހުރެވޭނެ ކަމަށް އެ އަމުރުގައި ބުނެފައި ވެ އެވެ.