Roadha Mihaaru

ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ސާފުވަނީ އެމްޑީޕީ "ރޫޅާލެވިއްޖެ" ކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
މުހައްމަދު ވިޝާމް
މުހައްމަދު ވިޝާމް

12 ސެޕްޓެމްބަރ 2023

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ސާފުވަނީ އެމްޑީޕީ "ރޫޅާލެވިއްޖެ" ކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވަނީ އޭނާ ވެސް މިހާރު ނިސްބަތްވާ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަރަށް ފަހު ވަގުތު ރިޔާސީ ރޭހަށް ނުކުންނަވައި ހޯއްދަވަން ބޭނުންވި ނަތީޖާ އާއި މަގުސަދު ހާސިލު ކުރެއްވި ކަމަށްޓަކައި މަރުހަބާ ވިދާޅުވެފަ އެވެ.

"ހަގީގަތަށް ދަންނަވަންޏާ މަނިކުފާނު [މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު] މި ޕާޓީ އުފެދުމާ އެކު ވިދާޅުވި ރޫޅާލާނަމޭ، ރޫޅާލާނަމޭ. ސުވާލެއް ވެސް ރުޅާލެވިއްޖެ،" އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން އެމްޑީޕީ ރޫޅާލާނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވި އެވެ.

އެ ކަން ޑިމޮކްރެޓްސް އިން ނުކުމެ ކުރީ އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ އިތުރުން އެމްޑީޕީގެ ތެރެއިން ހުށަހަޅަމުން ދިޔަ އިނާމުތަކާއި ކުރިމަތިކުރުވި މަލާމާތާއި ފުރައްސަރާއި އިންޒާރުތަކުގެ ތެރެއިންނެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ނިންމާ ނިންމުމަކީ، ދެން ވެރިކަން ކުރާ ސަރުކާރެއް ކަނޑައަޅާނެ މުހިންމު ނިންމުމެއްގެ ގޮތުގައި އީވާ ސިފަކުރެއްވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. ޑިމޮކްރެޓްސް އިން ނުކުންނެވި އިލްޔާސް ލަބީބަށް 15،839 ވޯޓު ލިބިވަޑައިގަތެވެ. އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ ހޯއްދެވީ 101،635 ވޯޓެވެ. އެ ނަތީޖާއާ އެކު އެމްޑީޕީން ދަ ޑިމޮކްރެޓްސްއާ ގުޅުމަށް މަޝްވަރާތައް ކުރަމުން އަންނަ އިރު އެ ޕާޓީން ވަނީ ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ކުއްލި ގޮތަކަށް އަނބުރާ ގެންގޮސްފަ އެވެ.