Roadha Mihaaru
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"

ދެވަނަ ބުރުގައި ނަޝީދާ އެކު ނުފެންނަ ގޮތެއް ނުފެނޭ: ފައްޔާޒް

11 ސެޕްޓެމްބަރ 2023

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ނުތިބޭނެ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ނުތިބޭނެ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، ފުރަތަމަ ފަހަރަށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީން ހުރިހާ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެ މަޝްވަރާތަކުގައި ނަޝީދުގެ ވިސްނުފުޅު ހުރީ ކިހިނެތްތޯ ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ ވަކި އެއްޗެއް ދަންނަވާލަން އެނގިވަޑއިގަންނަވާނީ މަޝްވަރާތައް ކުރިއަށް ދާ ގޮތަކުން ކަމަށެވެ.

ނަމަވެސް ދެވަނަ ބުރުގައި ނަޝީދާ އެކު އެމްޑީޕީ ނުފެންނަ ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. މަޝްވަރާތަކުގެ ނަތީޖާއެއް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ [ދެވަނަ ބުރުގައި ނަޝީދާއެކު] ނުފެންނާނެ އެއްވެސް ގޮތެއް،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގިނަ ވޯޓުތަކެއް މަދުވީ މީހުން ވޯޓުލާން ނުނިކުތުމުންނެވެ.

މިއަދު ބޭއްވި ގައުމީ މަޖިލީހުގައި އެ މައްސަލަ ހައްލު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ފުދޭ ވަރަކަށް ޔަގީން ކަމެއް އެބައޮތް ދެވަނަ ބުރު ނެގޭނެ ކަމަށް. އަދި އެޑްވާންޓޭޖް އޮތީ އަޅުގަނޑުމެންނަށް ކަމަށް ގަބޫލު ކުރަނީ،" ފައްޔާޒް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ރިޔާސީ އިންތިހާބަށް ނުކުތް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް 15،839 ވޯޓު ލިބިވަޑައިގަތެވެ. އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ އަށް ހޯއްދެވުނީ 101،635 ވޯޓެވެ.

އެ ނަތީޖާއާ އެކު އެމްޑީޕީން ދަ ޑިމޮކްރެޓްސްއާ ގުޅުމަށް މަޝްވަރާތައް ކުރަމުން އަންނަ އިރު މިއަދު އެ ޕާޓީން ވަނީ ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ކުއްލި ގޮތަކަށް މިއަދު އަނބުރާ ގެންގޮސްފަ އެވެ.