Roadha Mihaaru
ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ބޮޑު ފަޅި: ނަޝީދު

ނަޝީދު ވިދާޅުވީ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ "ބޮޑު ފަޅި" ކަމަށް

05 ޖުލައި 2023

ވެރިކަން ކުރާ މައި ޕާޓީން އެމްޑީޕީން ވަކިވެ އުފައްދަން މަސައްކަތް ކުރާ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ "ބޮޑު ފަޅި" ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ވެރިކަން ކުރާ މައި ޕާޓީން އެމްޑީޕީން ވަކިވެ އުފައްދަން މަސައްކަތް ކުރާ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ "ބޮޑު ފަޅި" ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ވަކިވެ ނަޝީދަށް ތާއިދުކުރައްވާ އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ "ދަ ޑިމޮކްރެޓްސް" ނަމުގައި ޕާޓީއެއް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު މިރޭ ވިދާޅުވި ގޮތުގައި ރައްޔިތުން އެދޭ ކަންކަން ފުއްދައި ދިނުމަށް ނިޔަތް ގަތުމަކީ ސިޔާސީ ޕާޓީއެއްގެ މައި މަގުސަދު ކަމަށެވެ.

އަދި އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފައްދަން ޖެހުނީ އެމްޑީޕީގައި ތިބެގެން އެކަން ހާސިލުނުވާނެ ކަން އެނގުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ އެމްޑީޕީގެ އެއް ބައި. ވަކިވެގެން އައި ބައި. މިއީ ބޮޑު ބައި ކަމާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނުހިނގައި،" ނަޝީދު ވިދާޅުވި އެވެ.

މިއީ [ޑިމޮކްރެޓްސް] ކުރީގެ އެމްޑީޕީގެ 80 ޕަސަންޓު: ނަޝީދު

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން އިންތިހާބު ކުރާ ވެރިއެއްގެ ކިބައިން ރައްޔިތުން އެދެނީ ވަރަށް ކުޑަ މިންވަރެކެވެ.

"ވައްކަން ނުކުރާށޭ. ރައްޔިތުންގެ ފައިސާގައި ވެރިން ނުޖެހޭށޭ. އެ ފައިސާގައި ވެރިން ޖެހުނީމާ ބަލައިދޭށޭ. އޮއްބާނުލާށޭ،" ނަޝީދު ވިދާޅުވި އެވެ.

އެކަމަކު އެކަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ކޮށްނުދެވުނުއިރު، ރައީސްގެ ވިސްނުންހުރީ ހަމައެކަނި ދެވަނަ ދައުރެއް ހޯއްދަވައިގެން ވެރިކަމުގައި ދެމިހުންނަވަން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ 55 ޕަސެންޓަށްވުރެ ގިނަ ރައްޔިތުން އަދިވެސް ތިބީ އަންނަ އިންތިހާބާ މެދު ގޮތެއް ނުނިންމާ ކަމަށާއި އެގޮތަށް ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވަމުން ދަނިކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމުން އެނގެނީ ރައީސަށް ދެވަނަ ދައުރެއް ދޭން ރައްޔިތުން ތައްޔާރު ނޫންކަން ކަމަށް ވިދާޅުވި އެވެ.

ނަޝީދު ގޮވާލެއްވީ ޕާޓީތަކުން އެއް މޭޒަކަށް އައިސް އަންނަ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތްކޮށް ކުރިއަށް ދެވޭނެ މަގެއް ހޯދުމަށެވެ. އޭރަށް ރައްޔިތުންނަށް ހެޔޮ ގޮތެއް ހޯދައިދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.