Roadha Mihaaru
މޮޅުވާ ކޮޅަކަށް މެންބަރުން އަބަދުވެސް ދާނެ: މާރިޔާ

މެމްބަރުން ޕާޓީ ބަދަލުކުރުމަކީ ސިޔާސީ ހަގީގަތް، މޮޅުވާ ކޮޅަކަށް މެންބަރުން ދާނެ: މާރިޔާ

27 އޯގަސްޓް 2023

އެއް ސިޔާސީ ޕާޓީން އަނެއް ޕާޓީ އަށް މެންބަރުން ބަދަލުވުމަކީ އާންމުކޮށް ވެސް ކަން ހިނގާ ގޮތް ކަމަށާއި މޮޅުވާ ކޮޅަކަށް މެންބަރުން އަބަދުވެސް ދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދުު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އެއް ސިޔާސީ ޕާޓީން އަނެއް ޕާޓީ އަށް މެންބަރުން ބަދަލުވުމަކީ އާންމުކޮށް ވެސް ކަން ހިނގާ ގޮތް ކަމަށާއި މޮޅުވާ ކޮޅަކަށް މެންބަރުން އަބަދުވެސް ދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދުު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ވަކިވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދި ޑިމޮކްރެޓްސް ޕާޓީ އަށް ސޮއިކުރެއްވި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވަނީ އަލުން އެނބުރި އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ.

އެ މައްސަލައިގައި މެންބަރުން "ގަންނަ" ކަމުގެ ތުހުމަތު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުކުރުމާ ގުޅިގެން، ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާއާ ސުވާލުކުރުމުން ވިދާޅުވީ އެ މެންބަރުންނަކީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބު ކުރި މެންބަރުން ކަމަށާއި އެ މެންބަރުން އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ އެފަދަ ތުހުމަތެއް ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"އެ ބޭފުޅާގެ ވެރިމކަމުގައި ވެސް ހިނގި. މެންބަރުން ޕާޓީ ދޫކޮށްފައި ދިއުމާއި އަލުން ޕާޓީ އަށް އައުމަކީ އެއީ އަބަދުވެސް ސިޔާސީ ހަގީގަތް، މޮޅުވާ ދިމާލަށް އެންމެން ވެސް އަންނާނެ، މޮޅުވާކަން ޔަގީންވީ އެއީ،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ސާފު އަޣުލަބިއްޔަތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާ ތަން ފެނިވަޑައިގަންނާތީ އެވެ. އެމްޑީޕީގެ މެނިފެސްޓޯގައިވާ ވައުދުތަކާއި ސިޔާސަތުތައް ތޮއްޑޫ ދާއިރާގައި ތަންފީޒު ކުރުމުގައި އެ ބޭފުޅާގެ ބައިވެރިވުން އޮތުމަށް ބޭނުންވާތީ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ނަޝީދު ކުރެއްވި ތުހުމަތަކަށް ރައްދު ދެއްވަމުން މާރިޔާ ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެސް އިދިކޮޅު ޕާޓީ ދޫކުރައްވައި މެމްބަރުން އެމްޑީޕީއާ ގުޅިވަޑައިގަތް ކަމަށާއި އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ ހޯއްދެވީ ވެސް އެގޮތަށް ކަމަށް ވިދާޅުވި އެވެ.

"އެ ބޭފުޅާގެ ވެރިކަމުގައި ހިނގި ކަންކަމާ ދޭތެރޭ އެ ބޭފުޅާގެ އަރިހުގައި ވެސް އައްސަވާލައްވާ، އަޅުގަނޑަކީ ވެރިކަމުގައި ހުރި މީހެއް ނޫން،" މާރިޔާ ވިދާޅުވި އެވެ.

ޝިޔާން އަލުން އެމްޑީޕީ އަށް ސޮއިކުރެއްވުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ބިރެއް ނެތި ދައުލަތުގެ ފައިސާ ބޭނުންކޮށްގެން މެނެބަރުން "ގަންނަމުންދާ" ކަަމަށް ތުހުމަތު ކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވީ އެކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވާނެ މޮޅެއް ނޯންނާނެ ކަމަށާއި ވާނީ ގެއްލުން ކަމަށެވެ.