އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދައުވަތު ދޭން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ނިންމައިފި އެވެ.
07 އޮކްޓޯބަރ 2023
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދައުވަތު ދޭން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ނިންމައިފި އެވެ.
އަންނަ މަހުގެ 17 ގައި ބާއްވާ މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން އަންނަނީ ހަމަޖައްސަމުންނެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ "ދަ ހިންދޫ" ނޫހަށް އިއްޔެ ދިން އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އެ ރަސްމިއްޔާތަށް މޯދީ އަށް ދައުވަތު ދެއްވުމަށް މުއިއްޒު ބޭނުންފުޅުވެ އެވެ.
އެ އިންޓަވިއުގައި ނަޝީދު ވިދާޅުވީ މުއިއްޒަކީ "އެންޓި-އިންޑިއާ" އަދި "ޕްރޯ-ޗައިނާ" ބޭފުޅަކަށް ވެސް ނުވާނެ ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"ބައިނަލްއަގުވާމީ މީޑިއާތަކުން ރާއްޖޭގެ ރިޔާސީ އިންތިހާބަކީ ޗައިނާ އާއި އިންޑިއާ ދެމެދު އޮތް ވާދަވެރިކަމެއްގެ ގޮތުގައި އަދި މުއިއްޒަކީ ޕްރޯ-ޗައިނާ ބޭފުޅެއްގެ ގޮތުގައި ސިފަކުރިޔަސް، އެއީ ހަގީގަތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އިންތިހާބީ ރައީސްގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު މެންދުރު ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ އަށް ދައުވަތު ދިންތޯ ބައެއް ނޫސްވެރިން ސުވާލުކުރުމުން ވިދާޅުވީ އެ ރަސްމިއްޔާތަށް އަވަށްޓެރި ގައުމުތަކުގެ ވެރިންނަށް ދައުވަތު ދިނުމުގެ ކަންކަން ކުރައްވަމުން އަންނަ ކަމަށެވެ. ދައުވަތު ދެނީ އިންޑިއާ އަށް އެކަނި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުގައި ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވި އެންމެ ބޮޑު ސަބަބަކީ "އިންޑިއާ އައުޓް" ކެމްޕެއިނެއް ނޫނެވެ. އެ އިންތިހާބު އެމްޑީޕީ އަށް ނާކާމިޔާބުވީ ރައްޔިތުން އެހެން ވެރިއަކު ބޭނުންވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ވިދާޅުވި އެވެ.
"އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގި ކެމްޕެއިން އޮތީ ވަރަށް ބޮޑަށް މަޑުޖެހިލައިފައި އަދި އެއީ އެ ކެމްޕެއިންގެ މައިގަނޑު ސަބަބެއް ވެސް ނޫން... އަޅުގަނޑަށް ހީވަނީ އެ ބޭފުޅާ [މުއިއްޒު] އަޅުގަނޑުމެންގެ ފޮރިން ޕޮލިސީ ދަމަހައްޓަވާނެހެން. އެ ބޭފުޅާއަށް ވެސް އެނގިވަޑައިގަންނަވާ ރާއްޖެ-އިންޑިއާ ގުޅުމަކީ އެތައް ޒަމާނެއްވީ ގުޅުމެއް ކަން. އަދި އަޅުގަނޑަކަށް ވެސް ނުފެނޭ ސަރުކާރު ބަދަލުވުމަކުން އެކަމަށް [ދެ ގައުމުގެ ގުޅުމަށް] ބަދަލެއް އައިސްދާނެ ތަނެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް ރާއްޖޭގައި ތިބި އިންޑިއާގެ 75 ސިފައިންގެ މީހުން މިތަނުގައި ތިބެން މުއިއްޒު ހުރަސް ނާޅުއްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް، މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށެވެ. އެކަން ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އަދި އެކަން ކުރައްވާނީ ވެސް ހާރިޖީ ގުޅުންތަކަށް ބުރު ނާރާނެ ގޮތަށް ޑިޕްލޮމަސީގެ ރީތި އުސޫލުތަކުގެ ތެރެއިން ކަމަށް އިންތިހާބީ ރައީސް ވިދާޅުވެފައި ވެ އެވެ.
ހުވާކުރާ ރަސްމިއްޔާތަށް ސަރަަހައްދުގެ ވެރިންނަށް ދައުވަތު
ނަޝީދު ދެއްކެވި ވާހަކަތައް މުއިއްޒުގެ ވިސްނުމާ ހިލާފު!
ބޭރު ސިފައިން ބޭރުކުރަން ވޯޓު މުހިންމު: މުއިއްޒު
ސިފައިން ގެންދަން އިންޑިއާއިން ވެސް އިށީންނާނެ:މުއިއްޒު
"ޔާމީންގެ ވާހަކަތަކާ ހެދި ގައުމީސަލާމަތަށް ނުރައްކާވޭ"
"އިންޑިއާ އައުޓް" އިން ގެއްލުން ލިބޭނެ ވަރު ބަލަނީ
އިންޑިއާގެ އެއްބަސްވުންތައް ނުދައްކާ ކަމުގެ ޝަކުވާ
އުތުރު ތިލަފަޅު އެއްބަަސްވުމުގެ ކޮޕީއަކަށް އެދިއްޖެ
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
އިންޑިއާގެ އެއްބަސްވުންތަކާ ބެހޭ މައްސަލަ ބޭރުކޮށްލައިފި