Roadha Mihaaru

އިންޑިއާގެ އެއްބަސްވުންތައް ހާމަކުރަން ގޮވައިލި މައްސަލަ ބޭރުކޮށްލައިފި

ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރަން ސަރުކާރަށް ގޮވާލައި އިދިކޮޅުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

އިންޑިއާގެ އެއްބަސްވުންތަކާ ބެހޭ މައްސަލަ ބޭރުކޮށްލައިފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

07 އޮކްޓޯބަރ 2020

ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރަން ސަރުކާރަށް ގޮވާލައި އިދިކޮޅުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ އިންޑިއާއާ އެކު ރާއްޖޭން ސޮއިކޮށްފައިވާ އެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރައިފާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.

އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތެރެއިން ޝިޔާމް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ އެ ގައުމުން އެންމެ ފަހުން ރާއްޖެއަށް ދިން ޑޯނިއާ މަތިންދާބޯޓް ދިނުމަށް ވެފައިވާ އެއްބަސްވުމާ މެދުގަ އެވެ. އެ ބޯޓް އޮޕަރޭޓްކުރުމާއި މަރާމާތުކުރުމުގެ ކަންތައްތަކަށް އިންޑިއާ ސިފައިންގެ އެތައް ބަޔަކު ރާއްޖޭގައި ތިބޭ އިރު އެ އެއްބަސްވުމުގައި އޮތީ ކޮން ކަމެއްކަން ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށް އޭނާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވި އެވެ.

ކުއްލި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި އައްޑޫގައި އިންޑިއާގެ އެހީގައި ގާއިމްކުރާ ޕޮލިސް އެކަޑަމީގެ މައްސަލަ ހިމެނެ އެވެ.

އިއްޒަތްތެރި މެމްބަރު ތިޔަ އެދިވަޑައިގަންނަވާ މައުލޫމާތު، ރަނގަޅަށް މިމަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ގުޅޭ ކޮމިޓީ މެދުވެރިކޮށްގެން އިއްޒަތެރި މެމްބަރަށް ހޯއްދެވޭނެ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މިމަޖިލީހަށް ބަލައިގަނެވެން އޮތް ކުއްލި މައްސަލައެއް ނޫން: ނަޝީދު

ޝިޔާމް ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތްކަން އިއުލާނުކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ގައުމީ ސަލާމަތާއި ގުޅޭ ކަންކަމާއި ޚާރިޖީ ގުޅުންތަކާ ބެހޭ ނިންމުންތަކަކީ ކޮމާންޑާ އިންޗީފްގެ ހައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާއަށް ހާއްސަ ކަންތައްތައް ކަމަށެވެ. ރައްޔިތުން އެއްވެސް ޒިންމާއެއް އުފުލަން ޖެހޭ ކަހަލަ އެއްބަސްވުމެއްގައި ދައުލަތުން ސޮއިކުރާ ނަމަ މަޖިލީހުން ރުހުން ހޯދާ ކަމަށާއި އެފަދަ އެއްބަސްވުމެއްގައި ސޮއިކުރާ ނަމަ މަޖިލީހުން ހުއްދަ ހޯދާނެ ކަމާ މެދު ޝަައްކެއް ނުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަދި އިއްޒަތްތެރި މެމްބަރު ތިޔަ އެދިވަޑައިގަންނަވާ މައުލޫމާތު، ރަނގަޅަށް މި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ގުޅޭ ކޮމިޓީ މެދުވެރިކޮށްގެން އިއްޒަތެރި މެމްބަރަށް ހޯއްދެވޭނެ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މިމަޖިލީހަށް ބަލައިގަނެވެން އޮތް ކުއްލި މައްސަލައެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ކުއްލި މައްސަލަ ބަލައިނުގެންނެވުމަށް ނަޝީދު ނިންމެވުމުން ނުރުހުން ފާޅުކުރައްވައި ޝިޔާމް ވިދާޅުވީ މިިއީ ޑިމޮކްރަސީގައި މަޖިލީހުން ފަހަތަށް ފިޔަވަޅެއް އެޅި ދުވަހެއް ކަމަށާއި އެކަމާ ވަރަށް ހިތާމަކުރައްވާ ކަމަށެވެ.

"މިސަރުކާރު އޮތްހާ ދުވަހަކު، މި މަޖިލިސް އަޅުގަނޑަށް ފެންނަނީ ތަޅުލާފައި ބަހައްޓަން،" އޭނާ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް އެ މައްސަލައިގައި ނުރުހުން ފާޅުކުރެއްވި އެވެ. ކުއްލި މައްސަލަ ބޭރުކޮށްލީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ކޮން މާއްދާއެއްގެ ދަށުންތޯ އޭނާ ސުވާލުކުރެއްވި އެވެ. ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން ޖާބިރު އެ ސުވާލުކުރެއްވުމުން ނަޝީދު ވިދާޅުވީ ގަވައިދުގެ ކޮންމެ މާއްދާއަކުން ވެސް އެ މަނިކުފާނަށް އެ ފަދަ ނިންމެވުންތަކަށް ޖާގަ ލިބޭ ކަމަށެވެ.

"ފުރަތަމަ ކަމަކަށް ކަން ވާން ޖެހޭ ކުއްލި، ކިހިނެއްތޯ ކުއްލި ވެވެނީ އެ ބޭފުޅުންގެ ސަރުކާރުން ފަށައިގެން ހިނގަމުން އަންނަ ކަމެއް؟" ޝިޔާމް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ނުޖެހޭ ސަބަބެއްގެ ގޮތުގައި ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު އަސްކަރީ ގޮތުން އޮތް ގުޅުމުގެ ބޮޑު މަސައްކަތްކޮށްފައި އޮތީ ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުންނެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާ މެދު ކަންބޮޑުވުން ފާޅުކޮށް "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނަކީ ހައްދުފަހަނައެޅި ބަޔަކު ހިންގާ ކެމްޕޭނެއް ކަަމަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ތުހުމަތު ވެސް އެއާ އެކު ތަކުރާރުކުރެއްވި އެވެ.