އުތުރުތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާއެކު ރާއްޖެ އިން ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
14 މާޗް 2022
އުތުރުތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާއެކު ރާއްޖެ އިން ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، އދ. މަހިބަދޫގައި މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްދު ދެއްވަމުންނެވެ.
ޔާމީން ވިދާޅުވެފައިވާ ގޮތުގައި، އުތުރުތިލަފަޅުގައި އޮންނާނީ އިންޑިއާ ސިފައިންގެ މިލްްކުވެރިކަމެވެ. އަދި އިންޑިއާގެ މަނަވަރުތައް ހުއްދައެއް ނެތި އުތުރުތިލަފަޅުގައި ބަނދަރު ކުރެވޭނެ ކަމަށާއި ބޭނުން ހަތިޔާރެއް ވެސް އެތެރެ ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެކަމަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އުތުރުތިލަފަޅުގެ އެއްބަސްވުން މަޖިލީހުގައި ދިރާސާ ކޮށްފައިވާ ކަމަށާއި އެ ތަނުގައި ގާއިމުކުރާ ފެސިލީޓީތަކާއި އިންފްރާސްޓްރަކްޗާތަކާއި އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް އަދި އެކި ބޭނުންތަކަށް ހަރުކުރާ ސާމާނުތަކަކީ ހަމައެކަނި ދިވެހި ދައުލަތުގެ މިލްކެއް ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވިގޮތުގައި، އުތުރުތިލަފަޅުގެ އެކި ވަސީލަތްތައް ބޭނުންކުރާނީ އެކިއެކި ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ސަރަހައްދުގެ ސަވައިލެންސަށް ބޭނުންވާ މަސައްކަތް ކުރުމާއި އެ މަސައްކަތަށް ބޭނުންވާ އުޅަނަދު މަރާމާތު ކުރުމަށެވެ.
"އިންޑިއާ ސިފައިން ބޭނުންވާ ހަތިޔާރެއް ވެއްދޭނެ ކަމަށް ބުނާ ވާހަކައަކީ ވެސް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް. ދިވެހި ސަރުކާރުން ވެފައިވާ އަސްކަރީ ގުޅުން ގާއިމް ކުރުމާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކާ ފެތުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާތެރިކަން ހުރި އަދި ހާރިޖީ ގުޅުންތަކަށް ހީނަރުކަން އަތުވެދާނެ ކަމަކަށް ވާތީ އަޅުގަނޑު މަޖިލިސް ރައީސްގެ ހައިސިޔަތުން މެމްބަރުންނަށް ދަންނަވަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން އިންޑިއާއާއެކު އެކުލަވާލާފައިވާ އެއްބަސްވުންތައް މަޖިލީހުގެ 241 ކޮމިޓީ އަށް ގެނެސްގެން ކުރި ދިރާސާތަކާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުުން ފާޅު ކުރާ މައްސަލައަކީ އެއްވެސް އެއްބަސްވުމެއްގެ ހާޑް ކޮޕީ މެމްބަރުން އަތަށް ނުދިނުމެވެ. އޭގެ ބަދަލުގައި ކޮމިޓީގައި ދެއްކީ އެއްބަސްވުންތަކުގެ ފޮޓޮއެއް ފެންނަ ޕްރެޒެންޓޭޝަނެކެވެ.
ނަޝީދު ވިދާޅުވީ ސްކްރީން މެދުވެރިކޮށް އެއްބަސްވުންތައް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ދެއްކި ނަމަވެސް އެއީ އަސްލު އެއްބަސްވުންތައް ކަމަށް 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ. އެކަމަކު، އެ އެއްބަސްވުންތަކުގެ ކޮޕީ މެމްބަރުން އަތަށް ނުދެއްވީ ނަޝީދު ވިދާޅުވިގޮތުގައި މައުލޫމާތު ބޭރުވެދާނެތީ އެވެ.
"ހާޑް ކޮޕީ ހިއްސާ ނުކުރީ އެއްބަސްވުމަކީ ދޭދޭ ގައުމުތަކަށް ވެފައިވާ އެއްބަސްވުންތަކަށް ވެފައި ސޯޝަލް މީޑިއާގައި އާންމު ވެއްޖެ ނަމަ ދެ ގައުމުގެ މަސްލަހަތަށް ބުރޫއަރާފާނެތީ،" ނަޝީދު ވިދާޅުވި އެވެ.
އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން ޔާމީން އެންމެ ފަހުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޑިފެންސް މިނިސްޓްރީން ވެސް ވަނީ ބަޔާނެއް ނެރެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ ރާއްޖޭގެ އެއްވެސް ތަނެއްގައި ހަތިޔާރު އެޅި ސިފައިން ނުތިބޭނެ ކަމަށާއި ދިވެހި ސަރުކާރުގެ ހުއްދަ ނުހޯދާ އެއްވެސް މަނަވަރަކަށް ކައިރި ވެސް ނުކުރެވޭނެ ކަމަށެވެ.
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
އިންޑިއާގެ އެއްބަސްވުންތައް ނުދައްކާ ކަމުގެ ޝަކުވާ
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!
"އިންޑިއާ އައުޓް" އިން ގެއްލުން ލިބޭނެ ވަރު ބަލަނީ
އިންޑިއާގެ އެއްބަސްވުންތަކާ ބެހޭ މައްސަލަ ބޭރުކޮށްލައިފި
"ވޯޓަކީ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތްވާ ފުރުސަތު"
ބެނާއެއް ހަޖަމް ނުވުމަކީ ނުރައްކާ އޮތް ވަރު: އަދުރޭ
ޔާމީންގެ ގެކޮޅުގައި ދެމި ބެނާ ނަގަން ގޮވާލައިފި
ޗައިނާ އޮތީ އޮތް ތަނުގައި، ގާތްވީ އިންޑިއާ: ޔާމީން
އިންޑިއާގެ އެއްބަސްވުންތައް ހާމަކޮށް، އުވާލާނެ: ޝިޔާމް