Roadha Mihaaru

އިންޑިއާ އައުޓް ކެމްޕެއިނުން ލިބޭ ގެއްލުން ބަލަން ދިރާސާއެއް ހަދަނީ

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން އިން ގައުމަށް ލިބޭނެ ގެއްލުންތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ދިރާސާއެއް ހަދަން ފާސްކޮށްފި އެވެ.

"އިންޑިއާ އައުޓް" އިން ގެއްލުން ލިބޭނެ ވަރު ބަލަނީ
މޫސާ ރަޝީދު
މޫސާ ރަޝީދު

07 ފެބުރުއަރީ 2022

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން އިން ގައުމަށް ލިބޭނެ ގެއްލުންތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ދިރާސާއެއް ހަދަން ފާސްކޮށްފި އެވެ.

މަޖިލީހުގެ 241 ކޮމިޓީ އަށް ވަޑައިގެން މައްސަލަ ހުށަހަޅުއްވަމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބައިނަލްއަގުވާމީ ގުޅުން ގާއިމް ކޮށްފައިވާ ގައުމުތަކާ ދެކޮޅަށް އިންތިޒާމް ވެގެން ރާއްޖޭގައި ހަރަކާތް ހިންގަން ފަށައިފި ރާއްޖެ އަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ދެނެގަތުމުގެ ތަސައްވަރެއް އޮންނަން ޖެހޭ ކަމަށެވެ.

ސިޔާސީ ޕާޓީ ނުވަތަ ވަކި ޝަހުސިއްޔަތަކަށް ފާޑުކިޔެދާނެ ކަމަށާއި ނަމަވެސް ބައިނަލްއަގުވާމީ ގުޅުން އުފައްދާފައި އޮތް ގައުމަކާ އިދިކޮޅު ހަރަކާތްތަކެއް ހިންގުމުން އެ ގައުމު ދެކޭނެ ގޮތާއި އެ ގައުމުން ދިވެހިންނާ ގުޅޭ ގޮތުން އަމަލު ކޮށްފާނެ ގޮތައް ބަލައި ދިރާސާ ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ މި ބާވަތުގެ ކަންކަން ތިބޭފުޅުން ބައްލަވާ އުސޫލުން ވީހާވެސް ގިނަ މާހިރުންނާ ވާހަކަ ދައްކަވާ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މި ބާވަތުގެ ހަރަކާތް ހިންގަމުން ދޭތޯ ނުވަތަ ނުދޭތޯ ކިހިނެއް ދެކޭނެ ކަމެއްތޯ މިކަންކަމާ ގުޅޭ ގޮތުން ވިސްނެވުން އެދި ދިރާސާއެއް ހައްދަވައި ދެއްވުން،" ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑަށް ފެނުނު ތަނުގައި މީގެން އަޅުގަނޑުމެންނަށް ލިބިދާނެ ދެރަތަކެއް ވޭ -- ނަޝީދު

އެ މައްސަލާގައި ކޮމިޓީ މެންބަރުންގެ ހިޔާލު ހޯދުމަށް ހުޅުވާލުމާއެކު ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނަކީ ގާނޫނުއަސާސީގައި ލިބޭ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުގެ ތެރެއިން ހިންގާ ހަރަކާތެއް ކަމަށާއި އެ މައްސަލަ ކޮމިޓީ އަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ނަޝީދު ހުށަހެޅުއްވި މައްސަލަ ކޮމިޓީން ބޭރު ކޮށްލަން ގައްސާން ހުށަހެޅުއްވި އެވެ.

އިންޑިއާ އައުޓް ކެމްޕެއިންގެ މައްސަލަ ބޭރުކޮށްލަން ގައްސާންގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ. އޭނާ ވިދާޅުވީ އެއީ ސީރިއަސް މައްސަލައެއް ކަމަށާއި ނަމަވެސް މިހާ ހިސާބަށް މިކަން ދިޔައީ ސަރުކާރުން އެއްބަސްވުންތައް ފޮރުވައިގެން ތިބުމުން ކަމަށެވެ.

"އަޅުގަނޑު ވެސް ގަބޫލު ކުރާ ގޮތުގައި މިއީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިންގާ ހަރަކާތެއް. ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި އެބަ ބުނޭ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް،" އުޝާމް ވިދާޅުވި އެވެ.

ގައްސާން އާއި އުޝާމްގެ އިތުރުން އެ ހުށަހެޅުމާ ދެކޮޅުވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް އެ ކޮމިޓީގައި އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ފާހެއް ނުވި އެވެ.

އެ މައްސަލާގައި އެމްޑީޕީގެ މެންބަރުން މަޝްވަރާ ކުރެއްވީ ދިރާސާގައި ހިމަނަން ޖެހޭ ދާއިރާތަކާއި ސުވާލު ކުރާނެ އިދާރާތަކާ ބެހޭ ގޮތުންނެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވީ ކޮމިޓީ އަށް އެމްއެންޑީއެފް އާއި ފުލުހުންނާއި ހޯމް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީ ހާޒިރު ކުރުމަށެވެ.

މީގެ އިތުރުން އެ ދިރާސާގެ ތެރެއިން އިންޑިއާ އައުޓް ކެމްޕެއިން ކުރުމުން ގައުމީ ސަލާމަތަށް ކުރާ ނުރައްކަލާއި، އިންޑިއާ އިން މުދާ އެތެރެކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭނެ ގެއްލުންތަކާއި އެކަމަށް ފަންޑު ކުރާ މީހުންނާއި އެކަން ހުއްޓުވުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ވެސް ދިރާސާ ކުރުމަށް އެމްޑީޕީގެ އެކި މެންބަރުން ހުށަހެޅުއްވި އެވެ.

އިދިކޮޅު ދެ ޕާޓީން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިން ފެށުމުގެ ކުރިން އެ ދެ ޕާޓީން ވަނީ އެ ހަރަކާތުގައި ބައިވެރިވުމަށް އެހެން ހުރިހާ ސިޔާސީ ޕާޓީތަކަށް ސިޓީ ފޮނުވައިފަ އެވެ. ނަމަވެސް އެއްވެސް ޕާޓީއަކުން އެ ދައުވަތު ގަބޫލެއް ނުކުރި އެވެ.

އޭގެ ފަހުން އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުން މިނިވަންވެ އެ ކެމްޕެއިން އިތުރަށް ފުޅާކޮށް ރާއްޖޭގެ އެކިއެކި ރަށްރަށަށް ވަޑައިގެން އިންޑިއާ ސިފައިންނާ ދެކޮޅަށް ގެންދަނީ އަޑު އުފުލަމުންނެވެ. އެކަމާ ގުޅިގެން ސަރުކާރާއި ކޯލިޝަން ޕާޓީތަކުގެ ވިސްނުން ހުރި ގޮތާ މެދު އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އިންޑިއާ އައުޓް ކެމްޕެއިނުން ލިބޭނެ ގެއްލުންތައް ދިރާސާ ކުރަން ނިންމާފައިވާ އިރު އެމްޑީޕީން އަންނަނީ އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ބިލެއް ޑްރާފްޓް ކުރަމުންނެވެ.