Roadha Mihaaru

ނަޝީދު ނުރުހުން ވުމުން އިންޑިއާއާ ދެކޮޅު ޕެޓިޝަނުން ޒަމީރުގެ ސޮއި ނަގައިފި

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ޕެޓިޝަނުގައި މާލޭ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރު ކުރެއްވި ސޮއި އަނބުރާ ގެންދަވައިފި އެވެ.

ނަޝީދު ނުރުހޭތީ ޒަމީރުގެ ސޮއި ނަގައިފި
އާނިފާ ހުސެއިން ސިރާޖް
އާނިފާ ހުސެއިން ސިރާޖް

10 އޮކްޓޯބަރ 2021

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ޕެޓިޝަނުގައި މާލޭ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރު ކުރެއްވި ސޮއި އަނބުރާ ގެންދަވައިފި އެވެ.

އޭނާގެ ނިންމުން ކުއްލި ގޮތަކަށް މި ބަދަލުކުރެއްވީ، ސޮއި އަނބުރާ ގެންދަން ގޮވާލައި އެމްޑީޕީގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮފިން މިއަދު ބަޔާނެއް ނެރެފައި ވަނިކޮށެވެ. އިދިކޮޅުގެ އެފަދަ ޕެޓިޝަނެއްގައި ސޮއިކުރުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފު އަމަލެއް ކަމަށް ބުނެ ބަޔާނުގައި ވެ އެވެ.

މިކަމާ ގުޅިގެން ޒަމީރު ވިދާޅުވީ، "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުގައި ސޮއިކުރެއްވީ، އެ ޕެޓިޝަނުގައި ފާޅުކޮށްފައި ހުރި ކަންބޮޑުވުންތަކާ މެދު އާންމުކޮށް ވާހަކަ ދެއްކެވިި އެ ކަންތައްތައް ހަގީގަތުގައި އޮތް ގޮތް ރައްޔިތުންނަށް ސާފުވުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

"އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އަވައްޓެރިޔާ. ޕެޓިޝަންގެ ޒަރީއާ އިން ހާސިލުކުރުމަށް އަޅުގަނޑު އުންމީދުކުރި ނަތީޖާ އަކީ ބައެއް ރައްޔިތުންގެ ހިތްތަކުގައި އޮތް ނުތަނަވަސް ކަމަށް ޖަވާބު ހޯދައި ކިލަނބުކަން ފިލުވައިލުން،" ޒަމީރު ވިދާޅުވި އެވެ.

އެކަމަކު އެ ޕެޓިޝަންގައި ސޮއިކުރެއްވުމަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރުހިވަޑައިނުގަނަންވާ ކަމަކަށް ވާތީ، ސޮއި އަނބުރާ ގެންދެވީ ކަމަށް ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި ވަސީލަތްތައް ރާއްޖެ އިން ބޭލުމަށް އިންޑިއާގެ ސަރުކާރަށް ގޮވާލައި މިދިޔަ މަހުގެ ފަހުކޮޅު އިދިކޮޅު ކޯލިޝަނުން ފެށި ޕެޓިޝަން ހުށަހަޅާނެ ވަކި ތާރީހެއް އެ ޕާޓީން އަދި ހާމައެއް ނުކުރެ އެވެ.

އެ ޕެޓިޝަނުގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ސަރުކާރާ އެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމުކޮށް، ރާއްޖޭގައި އެ ގައުމުގެ އަސްކަރީ ބޭނުންތަކަށް ތަންތަން ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި އަދި މި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފާނެތީ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް އެ ޕެޓިޝަނުގައި އެދިފައި ވެ އެވެ.