Roadha Mihaaru

އިންޑިއާއާ ދެކޮޅު ޕެޓިޝަންގައި އެމްޑީޕީގެ ކައުންސިލަރު ޒަމީރު ސޮއިކުރުން އަނބުރާ ގެންދަން ގޮވާލައިފި

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ޕެޓިޝަނުގައި މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރު ސޮއިކުރެއްވުމުން އޭނާގެ ދާއިރާ އިން އެކަން ކުށްވެރިކޮށްފި އެވެ.

އިންޑިއާއާ ދެކޮޅު ޕެޓިޝަނުގައި ޒަމީރު ސޮއިކުރުން ގޯސް
އާނިފާ ހުސެއިން ސިރާޖް
އާނިފާ ހުސެއިން ސިރާޖް

10 އޮކްޓޯބަރ 2021

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ޕެޓިޝަނުގައި މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރު ސޮއިކުރެއްވުމުން އޭނާގެ ދާއިރާ އިން އެކަން ކުށްވެރިކޮށްފި އެވެ.

މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެމްބަރު ޒަމީރު، ޕީޕީއެމް/ޕީއެންސީގެ އެ ޕެޓިޝަންގައި ސޮއިކުރެއްވުމުން، އެކަން ކުށްވެރިކޮށް، އެމްޑީޕީގެ އެ ދާއިރާގެ ގޮފިން ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ ހިންގާ ސިޔާސީ ހަރަކާތެއްގައި، އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައި، ކާމިޔާބު ކުރެއްވި ކައުންސިލަރަކު ސޮއިކުރެއްވުމަކީ އިދިކޮޅު ފަރާތްތަކަށް ވާގިވެރިވުން ކަމަށް ދެކޭ ކަމަށެވެ.

އެމްޑީޕީން ބުނިގޮތުގައި، ޒަމީރުގެ އެ ކަމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފު އަމަލެކެވެ. އެހެންވެ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރި އެވެ.

އެމްޑީޕީގެ ހާރިޖީ ސިޔާސަތަކީ އެހެނިހެން ގައުމުތަކާ އެކު ހާރިޖީ ގުޅުން ވަރުގަދަކޮށް ދެމެހެއްޓުން ކަމަށާއި ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ޒަމާންތަކެއްވީ ހަރުދަނާ ގުޅުންތަކެއް އޮންނަ އަވަށްޓެރި ގައުމެއް ކަން ބަޔާނުގައި ފާހަގަކުރި އެވެ.

"އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ ހިންގާ އިންޑިއާ މިލިޓަރީ އައުޓް ހަރަކާތަކީ ރާއްޖެ އާއި އަވަށްޓެރި އިންޑިއާ ދެމެދު އޮންނަ ވަރުގަދަ ގުޅުންތައް ހީނަރުކޮށް ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި، ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް މަގުފަހިވާ ގޮތަށް ރޭވިގެން ކުރިއަށް ގެންދާ ވިޔާނުދާ އަމަލަކަށް ވާތީ، އިދިކޮޅުން ހިންގާ މިފަދަ ނޭއްގާނީ ހަރަކާތްތަކުގައި އެމްޑީޕީގެ މެދު ދާއިރާގެ ކައުންސިލް މެންބަރު ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ބަޔާނުގައި ބުންޏެވެ.

އިންޑިއާގެ ސިފައިންނާ ދެކޮޅު ޕެޓިޝަންގައި ސޮއިކުރުން އިދިކޮޅުން ކުރިއަށް ގެންދަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިންޑިއާގެ ސިފައިންނާ ދެކޮޅު ޕެޓިޝަންގައި ސޮއިކުރުން އިދިކޮޅުން ކުރިއަށް ގެންދަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އަދި އެފަދަ ޕެޓިޝަނެއްގައި ސޮއިކުރުމަކީ ރާއްޖޭގެ ސަލާމަތާއި ގައުމުގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަން އަންނާނެ ކަމެއް ކަމަށް ބުނެ، "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަންގައި ޒަމީރު ކުރެއްވި ސޮއި އަނބުރާ ގެންދެވުމަށް ގޮވައިލި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި ވަސީލަތްތައް ރާއްޖެ އިން ބޭލުމަށް އިންޑިއާގެ ސަރުކާރަށް ގޮވާލައި މިދިޔަ މަހުގެ ފަހުކޮޅު އިދިކޮޅު ކޯލިޝަނުން ފެށި ޕެޓިޝަން ހުށަހަޅާނެ ވަކި ތާރީހެއް އެ ޕާޓީން އަދި ހާމައެއް ނުކުރެ އެވެ.

އެ ޕެޓިޝަނުގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ސަރުކާރާ އެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމުކޮށް، ރާއްޖޭގައި އެ ގައުމުގެ އަސްކަރީ ބޭނުންތަކަށް ތަންތަން ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި އަދި މި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފާނެތީ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް އެ ޕެޓިޝަނުގައި އެދިފައި ވެ އެވެ.