Roadha Mihaaru

"އިންޑިއާ އައުޓް" އަށް އަމާޒުކޮށް ހަދާ ބިލް: ހިޔާލުފާޅުކުރުމަށް އޮތް ހުރަހެއް؟

"އިންޑިއާ އައުޓް" ޓީޝާޓު ނުލެވޭނެ ކަމާއި ވަކި ގައުމަކާ ދެކޮޅަށް ރައްޔިތުން ނެރެގެން ސިޔާސީ ހަރަކާތް ނުހިންގޭނެ ކަމަށް ސަރުކާރު ކޯލިޝަންގެ ހުރިހާ ޕާޓީތަކުން ތަކުރާރުކޮށް ގޮވާލަމުން ދިޔަ ނަމަވެސް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ގެންދެވީ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލައި، ކެމްޕެއިން އިތުރަށް ފުޅާ ކުރައްވަމުންނެވެ.

އިންޑިއާގެ ދިފާއުގައި ބިލެއް: ހިޔާލުފާޅުކުރުމަށް ހުރަސް
މޫސާ ރަޝީދު
މޫސާ ރަޝީދު

31 ޖެނުއަރީ 2022

"އިންޑިއާ އައުޓް" ޓީޝާޓު ނުލެވޭނެ ކަމާއި ވަކި ގައުމަކާ ދެކޮޅަށް ރައްޔިތުން ނެރެގެން ސިޔާސީ ހަރަކާތް ނުހިންގޭނެ ކަމަށް ސަރުކާރު ކޯލިޝަންގެ ހުރިހާ ޕާޓީތަކުން ތަކުރާރުކޮށް ގޮވާލަމުން ދިޔަ ނަމަވެސް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ގެންދެވީ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލައި، ކެމްޕެއިން އިތުރަށް ފުޅާ ކުރައްވަމުންނެވެ.

އެންމެ ފަހުން އެމްޑީޕީން ނިންމީ ގައުމެއްގެ ހާރިޖީ ގުޅުމަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް މުޒާހަރާ ކުރުމާއި ސިޔާސީ ހަރަކާތް ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި ގާނޫނެއް އެކުލަވައިލުމަށެވެ. އެ މަސައްކަތް ފަށައި ޑްރާޓް އެކުލަވައިލުމާ އެކު އެއީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

"ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" ނަމުގައި ނުވަ މާއްދާގެ މައްޗަށް އެކުލެވޭ އެ ބިލުގެ ޑްރާފްޓުގައިވާ ގޮތުން ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ ބާރުވެރިކަމުގެ ދަށުގައި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ވާކަން ދެއްކުމާއި އެކަމާ ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގުމަކީ ކުށެކެވެ.

އޭގެ އަދަބަކީ 20،000ރ. އިން ޖޫރިމަނާ ކުރުން ނުވަތަ އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭ ބަންދު ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުމެވެ.

ނަމަވެސް އެމްޑީޕީއަކީ ފެށުނީއްސުރެ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރަމުން އައި ޕާޓީއެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވި އެއް ކަމަކީ ވެސް އެފަދަ ގޮތަކަށް މިނިވަންކަމަށް ހުރަސް އަޅާ ފަދަ ގާނޫނުތައް ހެދުމެވެ. އެކަމާ އެންމެ ބާރަށް އަޑު އުފުލީ އަދި އެފަދަ ގާނޫނުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވީ ވެސް އެމްޑީޕީ އަށެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ޓްވިޓާގައި ވިދާޅުވީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރުން ޖިނާއީ ކުށަކަށް ހެދުމަކީ އެމްޑީޕީން ކުރާނެ ކަމެއް ކަމަށް ދުވަހަކު ވެސް އުންމީދު ނުކުރައްވާ ކަމަށެވެ.

ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަކާލާތު ކުރައްވައިފާނެ ކަމަށް ހީނުކުރައްވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

"އެ ބޭފުޅުން އެ ބިލާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވާނެ ކަމަށް އުންމީދު ކުރަން. ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އިންޑިޔާ އާ ގުޅޭ ސިޔާސަތަށް ފާޑު ކިޔުން ޖިނާއީ ކުށަކަށް ނުހެދޭނެ،"-- ޑރ. ޝަހީދު

"އެ ބޭފުޅުން އެ ބިލާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވާނެ ކަމަށް އުންމީދު ކުރަން. ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އިންޑިޔާ އާ ގުޅޭ ސިޔާސަތަށް ފާޑު ކިޔުން ޖިނާއީ ކުށަކަށް ނުހެދޭނެ،" ޝަހީދު ވިދާޅުވި އެވެ.

ނަޝީދު ވެރިކަމުގައި އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނެވި ދިޔާނާ ސައީދު ވެސް ވަނީ އެ މައްސަލާގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ދިޔާނާ ވިދާޅުވި ގޮތުގައި އޭނާ ހުންނެވީ އިންޑިއާއާ އެކުގަ އެވެ. އަދި އެ ގައުމާ ވީހާވެސް ގާތް ގުޅުމެއް ބާއްވަން ތާއީދު ކުރައްވަ އެވެ.

ނަމަވެސް ރާއްޖެއަކީ ޑިމޮކްރަޓިކް ގައުމެއް ކަމަށާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ އަސާސީ ހައްގެއް ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"ހާރިޖީ ސިޔާސަތަށް ފާޑު ކިޔުމަކީ ވެސް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ތެރެއިން ލިބޭ ހައްގެއް. ސަރުކާރަށް ދޮގު ހަބަރު ފެތުރުމާ ދެކޮޅަށް ފިޔަވަޅު އެޅިދާނެ، ނަމަވެސް ހިޔާލު ފާޅު ކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމަކަށް ތާއީދެއް ނުކުރާނަން،" ދިޔާނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އަދި އެ ހަބަރަށް ކޮމެންޓު ކުރި ގިނަ ބަޔަކު ވަނީ ސަރުކާރަށް ހިޔާލު ފާޅު ކުރުމުގެ ހައްގަށް ހުރަސް ނާޅާ އެ މައްސަލަ ޓެކުލް ކުރެވޭނެ އިތުރު ގޮތެއް ނެތްތޯ ސުވާލު އުފައްދައިފަ އެވެ. މި ދަނޑިވަޅުގައި އެފަދަ ގޮތަކަށް ހަރުކަށި ކަން ދައްކައިގެން ސަރުކާރަށް ލިބޭ ގެއްލުން އިތުރަށް ބޮޑުވާނެ ކަމަށް އެމްޑީޕީ އަށް ތާއީދު ކުރާ ގިނަ ބަޔަކު ބުންޏެވެ.

އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި އިންޑިއާ އައުޓް ކިޔުން ނުވަތަ އެ ކެމްޕެއިނަކީ ގާނޫނެއް ހަދައިގެން ހުއްޓުވޭނެ ކަމެއް ކަމަށް ސަރުކާރުން ދެކުމަކީ ކުށް ހީއެކެވެ.

އެފަދަ ގާނޫނަކުން ހިޔާލު ފާޅު ކުރުމުގެ މިިނިވަންކަމަށް ހުރަސް އެޅުމުގެ ބަދަލުގައި އެ އެއްބަސްވުންތައް ސިއްރު ނުކޮށް ވީހާވެސް ބޮޑަށް ކަންކަން ހާމަ ކޮށްގެން ކުރިޔަށް ދާނަމަ މިހާރު މި އޮތް ހަލަތަށް ކަންކަން ނުދާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން "މިހާރު" އާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ހަނި ނުކުރެވޭނެ ކަމަށް އެމްޑީޕީގެ މެންބަރުން ވެސް ގަބޫލު ކުރާނެ އެވެ. ނަމަވެސް ޑިމޮކްރަސީގެ ޗެމްޕިއަނުން ކަމަށް ބުނެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައި ނުގަނެވޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ ގުޅިގެން ގައުމުގެ ދިފާއުގައި ނިކުންނަ ދިވެހިންނަށް ޖިނާއީ އަދަބުތައް ލިބޭ ގޮތަށް އެއްވެސް ބިލެއް ފަރުމާ ނުކުރެވޭނެ. އެއީ ތަންކޮޅެއް ބޮޑު ވަރު. އެ ބިލު މަޖިލީހަށް ހުށަނާޅާ އަނބުރާ ގެންދަވަން ގޮވާލަން،" ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް: އޭނާ ވިދާޅުވަނީ އެ ބިލުން ފެންނަނީ އިންޑިއާގެ ނުފޫޒު އޮތް ވަރު ކަމަށް. -- ފައިލް ފޮޓޯ: މިހާރު

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް: އޭނާ ވިދާޅުވަނީ އެ ބިލުން ފެންނަނީ އިންޑިއާގެ ނުފޫޒު އޮތް ވަރު ކަމަށް. -- ފައިލް ފޮޓޯ: މިހާރު

ޝިޔާމް ވިދާޅުވި ގޮތުގައި އޭގެން ވެސް ފެންނަނީ އިންޑިއާގެ ނުފޫޒު ދައުލަތުގެ ހުރިހާ ބާރަކަށް އޮތް ވަރެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެ ބިލަކީ ވެސް ސީދާ އިންޑިއާ އިން ސްޕޮންސާ ކޮށްފައިވާ ބިލެއް ކަމަށާއި އެކަން ކުރަނީ ޕްރެޝަރާ ހެދި ކަމަށެވެ.

"ޑިފެންސް މިނިސްޓަރު ވެސް އެބަ އެއްބަސްވޭ ސިފައިން އެބަތިބިކަން. އެ މީހުން ނެރެން އަޅުގަނޑުމެން ބޭނުން ވަނީ މިތަނުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނެއް ނޫން. މިއީ ފާޅު ކުރެވޭނެ ހިޔާލެއް،" -- ޝިޔާމް

"ޑިފެންސް މިނިސްޓަރު ވެސް އެބަ އެއްބަސްވޭ ސިފައިން އެބަތިބިކަން. އެ މީހުން ނެރެން އަޅުގަނޑުމެން ބޭނުން ވަނީ މިތަނުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނެއް ނޫން. މިއީ ފާޅު ކުރެވޭނެ ހިޔާލެއް،" ޝިޔާމް ވިދާޅުވި އެވެ.

"ގިނަ ބައެއްގެ ހައްގުތައް ހިމާޔަތް ކުރެވޭނީ ހުއްޓުވައިގެން"

މި މައްސަލާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަލީ އާޒިމް "މިހާރު" އަށް ވިދާޅުވި ގޮތުގައި ޔާމީން އިސްވެ މިހާރު ހިންގަވާ ކަމަކީ އެއް ގޮތަކަށް ވެސް މިލިޓަރީ ބަޔަކާ ހެދި، ނޫނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ދިމާވެގެން ކުރާ ކަމެއް ނޫނެވެ.

ރައީސަކު އެފަދަ ގޮތަކަށް ނިކުމެ ވަކި ގައުމަކާ ޖައްސާލައިގެން ހިންގާ ކަމެއްގެ ސަބަބުން މުސްތަގުބަލުގައި ރާއްޖޭގައި ބޮޑު ދާހިލީ ހަނގުރާމައެއް ވެސް ހިނގާފާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެ ހިސާބަށް ކަންތައް ދިޔުމުގެ ކުރިން ގާނޫނަކުން ވެސް އެކަން ހުއްޓުވައިފި ނަމަ ގިނަ ބައެއްގެ އެތައް ހައްގެއް ސަލާމަތް ކުރެވޭނެ ކަމަށް އާޒިމް ގަބޫލު ކުރައްވަ އެވެ.

އާޒިމް: އިންޑިއާ އައުޓްގެ ސަބަބުން ދާހިލީ ހަމަނުޖެހުމެއް އުފެދިދާނެ -- ފައިލް ފޮޓޯ: މިހާރު

އާޒިމް: އިންޑިއާ އައުޓްގެ ސަބަބުން ދާހިލީ ހަމަނުޖެހުމެއް އުފެދިދާނެ -- ފައިލް ފޮޓޯ: މިހާރު

ދެން މީގެ 15 ވަރަކަށް އަހަރު ފަހުން ބިރުވެރި ދާހިލީ ހަނގުރާމައަކަށް ގޮސް އެއް ގައުމެއްގެ ސިފައިން މިތަނަށް އަރާ ހިސާބަށް ދިޔައީމަ ބުނާނެ އޭރު އެކަންކަން ހުއްޓުވަން ނޫޅުނީ ކީއްވެހޭ. އެއީ މި ކުރާ ކަމަކީ -- އާޒިމް

"އެންމެނަށް ވެސް އެނގޭ އެމްޑީޕީ ގާތީ އިންޑިއާ އާ ކަން ޕީޕީއެމް ގާތީ ޗައިނާ އާކަން. މާދަމާ ޕީޕީއެމް ސަރުކާރެއް އައިމަ އޮޓޮމެޓިކުން އެމްޑީޕީ މީހުން ގޮވަން ފަށާނެ ޗައިނާ އައުޓޭ. ދެން މީގެ 15 ވަރަކަށް އަހަރު ފަހުން ބިރުވެރި ދާހިލީ ހަނގުރާމައަކަށް ގޮސް އެއް ގައުމެއްގެ ސިފައިން މިތަނަށް އަރާ ހިސާބަށް ދިޔައީމަ ބުނާނެ އޭރު އެކަންކަން ހުއްޓުވަން ނޫޅުނީ ކީއްވެހޭ. އެއީ މި ކުރާ ކަމަކީ،" އާޒިމް ވިދާޅުވި އެވެ.

އަނެއްކަމަކީ އެއްވެސް މިނިވަންކަމެއް ދޫކޮށްލައިގެން ތިބެވޭނެ ހުދޫދާ މެދު ކުރާ ބަހުސެވެ. ހިޔާލު ފާޅު ކުރުމުގެ ނަމުގައި އާންމު އިޖްތިމާއީ މިންގަނޑާއި އަދި އޭގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ލިބޭނެ ފަދަ ކަންކަން ކުރާއިރު އެކަން ނުހުއްޓުވާ ހުންނަންވީތޯ އާޒިމް ސުވާލު ކުރެއްވި އެވެ.

"ކުރިއަރަމުން އަންނަ ގައުމެއްގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނުނަސް، މުޖުތަމައު ގަބޫލު ނުކުރާ ވަރުގެ ކަންކަން ގައުމުގެ ކުރިއެރުމަށްޓަކައި ހުއްޓުވަން މަޖުބޫރު ކުރަން ޖެހޭ. އެއީ އެންމެންގެ ލާބަ އާއި މަންފާއަށް ޓަކައި، މިދަނޑިވަޅަށް އެކަނި ހިފަހައްޓައިފައި ފަހުން ދޫކޮށްލަން ވިޔަސް އެފަދަ ކަންކަން ކުރަން ޖެހޭ،" އާޒިމް ވިދާޅުވި އެވެ.

ނަން ނުޖަހަން އެދިވަޑައިގެން، އެމްޑީޕީގެ އެހެން މެންބަރަކު ވިދާޅުވި ގޮތުގައި މިއީ ހިޔާލު ފާޅު ކުރުމަށް ހުރަސް އެޅުން ކަމަށް ޕީޕީއެމް އިން މިހާރު ބުނި ނަމަވެސް އެއީ އެ ޕާޓީން ވެސް ގަބޫލު ކުރާ ކަންކަމެވެ.

ޔާމީންގެ ސަރުކާރުގައި އަބުރުގެ ބިލާއި ދިފާއު ކުރުމަށާއި ޗައިނާ އާ ދެކޮޅަށް އެމްޑީޕީން ކުރި ކެމްޕެއިން އަދި ސައުދީ އަރަބިއްޔާ އަށް ފ. އަތޮޅުގެ ރަށެއް ވިއްކާލުމާ ދެކޮޅަށް އަޑު އުފުލުމުން ޔާމީން ވެސް އެ ހައްގު ވަކި ހުދޫދެއްގެ ތެރޭގައި އޮންނަން ޖެހޭ ކަމަށް ވަކާލާތު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ބަޔަކަށް އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި އަނެއް ބައި މީހުންގެ ހައްގުތަކަށް އަރަން ޖެހިފަ އަބަދު މި އޮންނަނީ، އިންޑިއާ އައުޓް ކިޔުން ނުހުއްޓުވައިފި ނަމަ ބޮޑު ގައުމަކުން އަޅުގަނޑުމެންނަށް ލިބެމުން އަންނަ އެހީތައް ހުއްޓިއްޖެ އާ އެ ގެއްލެނީ އިތުރު ބައެއްގެ ހައްގުތަކެއް،" އޭނާ ވިދާޅުވި އެވެ.