Roadha Mihaaru

"އިންޑިއާ އައުޓް" ގާނޫނަކުން ނުހުއްޓުވޭނެ، ވެރިކަމުގައި ވެސް ނުތިބެވޭނެ: ޔާމީން

ގާނޫނަކުން މަނާ ކޮށްގެން "އިންޑިޔާ އައުޓް" ކެމްޕެއިން ނުހުއްޓުވޭނެ ކަމަށާއި މީހުން ޖަލަށް ލައިގެން މާ ގިނަ ދުވަހު ވެރިކަމެއް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

"އިންޑިއާ އައުޓް" ގާނޫނަކުން ނުހުއްޓުވޭނެ: ޔާމީން
މޫސާ ރަޝީދު
މޫސާ ރަޝީދު

02 ފެބުރުއަރީ 2022

ގާނޫނަކުން މަނާ ކޮށްގެން "އިންޑިޔާ އައުޓް" ކެމްޕެއިން ނުހުއްޓުވޭނެ ކަމަށާއި މީހުން ޖަލަށް ލައިގެން މާ ގިނަ ދުވަހު ވެރިކަމެއް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ލީޑަރު އެހެން ވިދާޅުވިއިރު، ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާ ދެކޮޅަށް، ޕީޕީއެމް/ޕީއެންސީން ވަރުގަދަ ކެމްޕެއިނެއް ކުރިއަށް ގެންދާތީ، ހާރިޖީ ގުޅުންތަކަށް ބުރޫ އަރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގާ މީހުންނަށް ފިޔަވަޅު އެޅުމަށް އެމްޑީޕީން މިހާރު ވަނީ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ.

އެކަމާ ގުޅިގެން ޗެނަލް13ގެ ޕްރޮގްރާމެއްގައި، ޔާމީން ރޭ ވިދާޅުވީ އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފު ނުވާ ގޮތުގެ މަތިން ވާހަކަ ދެއްކުމަކީ އަސާސީ ހައްގެއް ކަމަށާއި އެއީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮތް ފުރުސަތެއް ނޫން ކަމަށެވެ.

"އިންޑިޔާ އައުޓް" ކިޔައިގެން ޖަލަށް ލެވޭނެ ގާނޫނެއް ފާސްކުރިޔަސް ރައްޔިތުންނެއް އެކަން ބަލައިނުގަންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެ ކެމްޕެއިން ވެސް ނުހުއްޓޫވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންގެ ވިސްނުމަކަށް ބަދަލެއް ނުގެނެވޭނެ،" ޕީޕީއެމްގެ ރައީސް ވިދާޅުވި އެވެ.

ރައްޖޭގައި އުޅޭ ޑޮކްޓަރުންނާއި ނަރުހުންނަށް ދެން ވެސް ނުރައްކަލެއް އަންނަންޏާ އެކަން ކުރާނީ ވެސް އެމްޑީޕީން. އެއިން ކޮންމެވެސް މީހަކަށް ގެއްލުމެއް ދެންޏާ ދޭނީ ވެސް އެމްޑީޕީގެ ފަރާތުން. ދީފަ ބުނާނެ މި އޮތީ މި ހަރަކާތުގެ ސަބަބުން ނުރައްކަލެއް އައިސްފައޭ،"--- ޔާމީން

އެ މަނިކުފާނު ވިދާޅުވިގޮތުގައި، މިހާރު ވެސް "އިންޑިޔާ އައުޓް" ޖެހި ޓީޝާޓް ލައިގެން އުޅޭ ޕީޕީއެމްގެ ސަޕޯޓަރުންގެ ޓީޝާޓް ފުލުހުން މެދުވެރިކޮށްގެން ބާލުވަ އެވެ. އެފަދަ ގޮތަކަށް ކަންކަން ކުރަން ބޭނުން ނަމަ މިހާރު ވެސް އެ ކެމްޕެއިން ކުރާ މީހުން ޖަލަށް ލެވިދާނެ ކަމަށާއި އެކަމަކު އެގޮތަށް ދައުލަތް ހިންގޭނީ ދުވަސްކޮޅެއް ވަންދެން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އިންޑިޔާ އައުޓް" ކެމްޕެއިން ހުއްޓުވައިލުމަށްޓަކައި ސަރުކާރުން މީގެ ކުރިން ވެސް އެތައް ކަމެއް ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ކިޔަން ފެށީ އެ ކެމްޕެއިންގެ ސަބަބުން އިންޑިޔާގައި އުޅޭ ދިވެހިންނަށް ދަތިތައް ކުރިމަތިވާނެ ވާހަކަ ކަމަށާއި ނަމަވެސް އެ ވާހަކަ ނުހިނގި ކަމަށް ޔާމީން ވިދާޅުވި އެވެ. މިހާރު ފަށައިގެން އުޅެނީ އެ މަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖޭގައި އުޅޭ އިންޑިއާގެ ޑޮކްޓަރުންނާއި ޓީޗަރުންނަށް ވާ އުނދަގޫތަކުގެ ވާހަކަ ކަމަށް ވިޔަސް އެ ވާހަކަތައް ވެސް ނުހިނގާނެ އެވެ.

"ރައްޖޭގައި އުޅޭ ޑޮކްޓަރުންނާއި ނަރުހުންނަށް ދެން ވެސް ނުރައްކަލެއް އަންނަންޏާ އެކަން ކުރާނީ ވެސް އެމްޑީޕީން. އެއިން ކޮންމެވެސް މީހަކަށް ގެއްލުމެއް ދެންޏާ ދޭނީ ވެސް އެމްޑީޕީގެ ފަރާތުން. ދީފަ ބުނާނެ މި އޮތީ މި ހަރަކާތުގެ ސަބަބުން ނުރައްކަލެއް އައިސްފައޭ،" ޔާމީން ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނާ ދެކޮޅަށް އެމްޑީޕީން ޑްރާފްޓް ކުރަމުން އަންނަ ބިލުގައި އަދި އޮތީ އެފަދަ ހަރަކާތްތަކުގައި ބައިވެރިވާ މީހުން 20،000ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭ ބަންދު ކުރުން ނުވަތަ ޖަލަށް ލުމެވެ.

ނަމަވެސް އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމަށް ބުނެ އެ ޕާޓީގެ ގިނަ މެންބަރުން ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.