ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ޕީޕީއެމް/ ޕީއެންސީން ވަރުގަދަކޮށް ޖެއްސި ކެމްޕެއިން، "އިންޑިއާ އައުޓް" މަޑުޖެހުނީ އެ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ސަބަބުން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
03 ސެޕްޓެމްބަރ 2022
ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ޕީޕީއެމް/ ޕީއެންސީން ވަރުގަދަކޮށް ޖެއްސި ކެމްޕެއިން، "އިންޑިއާ އައުޓް" މަޑުޖެހުނީ އެ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ސަބަބުން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އެ ހަރަކާތް ކުއްލިއަކަށް މަޑުޖެހުނީ ކީއްވެތޯ އާއި އެ ސަބަބަކީ ރައީސްގެ ގަރާރުތޯ "ސަންގު ޓީވީ" އިން ކުރި ސުވާލެއްގެ ޖަވާބުގައި ޔާމީން ވިދާޅުވީ "ހަމަ އެހެން އެއްވެސް ސަަބަބެއް ނެތް" ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގަރާރު ނެރުއްވީ ގާނޫނާ ހިލާފަށް ކަމަށާއި އެކަމަކު ރައީސް ގަރާރެއް ނެރުއްވައިފި ނަމަ، އެކަން ފުލުހުން ތަންފީޒު ކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އިންޑިއާ އައުޓް ހަރަކާތް ހިންގުމަކަށް ރަށަކަށް ކުރި ދަތުރެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ--
އެހެންވެ، އެ ހަރަކާތް ބޭއްވުމަށް މަގުތަކަށް ނުކުތުމުން ފުލުހުން ހުރަސް އަޅަމުންދާ ކަމަށާއި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އެއީ ގާނޫނާ ހިލާފު ގަރާރެއް ކަމަށް ވިޔަސް އެއީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް އޮތް ކަމަށް ވަންޏާ ފުލުހުން ތަންފީޒު ކުރާނެ. އެހެންވެ ރައްޔިތުން މުޒާހަރާއެއް ކުރިޔަސް ރައްޔިތުން އަޑުއުފުލަން ނުކުތީމަ ވެސް ފުލުހުން ރައްޔިތުންނާ މެދު ކަންތައް ކުރާ ގޮތް ކޮންމެ މުޒާހަރާއަކުން ފެނިގެންދޭ،" އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ނުކުންނަވާ ކެންޑިޑޭޓް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވިގޮތުގައި، "އިންޑިއާ އައުޓް" ހަރަކާތް ހުއްޓިފައި އޮތީ އެ ހަރަކާތް ހުއްޓާލަން އިދިކޮޅުން ބޭނުންވެގެނެއް ނޫނެވެ. ހަމައެކަނި ސަބަބަކީ ގާނޫނީ ދަތިކަން ކަމަށް ވިދާޅުވި އެވެ.
"އެ ގަރާރު އޮތީމާ އިތުރު ހަމަނުޖެހުމަކަށް ދާން ބޭނުން ނުވީމާ އެ ހަރަކާތް ހުއްޓިފައި އޮތީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ގަރާރު އޮތްހާ ހިނދަކު "އިންޑިއާ އައުޓް" ހަރަކާތްތައް އެއްވެސް ގޮތަކަށް ކުރިއަށް ނުގެންދާނެތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ އިންޑިއާއާ ދެކޮޅު ހަރަކާތް ކުރިއަށް ދާނެ ކަމަށާއި އެކަމަކު އެ މަނިކުފާނު ރަށްރަށަށް ދަތުރުފުޅު ކުރައްވަން ބޭނުން ނުވަނީ ކަމަށެވެ.
"ރައީސް ކަމަށް ކުރިމަތިލަނީ ވެސް ގާނޫނު ތަންފީޒުކުރާ މީހެއް ކަމަށް ގަބޫލު ކުރެވޭތީ. ޕާޓީން ރިޔާސީ ޓިކެޓް ލިބިފައިވާ މީހަކަށް ކަނޑައެޅިގެން އެ ކަހަލަ ގަރާރެއް، އެއީ ގާނޫނާ ހިލާފު ގަރާރަކަށް ވިޔަސް ގާނޫނާ ހިލާފަށް ނުކުތުމަކީ ހަަމަޖެހޭ ކަމަކަށް ނުވާތީ އަޅުގަނޑު އެ ކަމުގައި ނޫޅެނީ،" ޔާމީން ސީދާ އިސް ފެއްޓެވި ހަރަކާތާ މިހާރު އެ މަނިކުފާނު ދުރުގައި ހުންނެވި ސަބަބާ ގުޅޭ ގޮތުން ވިދާޅުވި އެވެ.
ގާނޫނަށް އިހުތިރާމުކުރުމުގެ ގޮތުން އެ ހަރަކާތް މަޑުޖައްސައިލީ ކަމަށް ޔާމީން ވިދާޅުވިއިރު، އެ މަނިކުފާނު ކުރިން ތަކުރާރުކޮށް ވިދާޅަމުން ގެންދެވީ ގާނޫނަކުން ވެސް އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައެޅުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ހަރަކާތް ހުއްޓުވުމުގެ ގަރާރެއް ނެރުއްވައިފަ އެވެ.
އެ ގަރާރުގައި ރައީސް ވިދާޅުވީ، އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށާއި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށެވެ.
ރައީސް އެގޮތަށް ގަރާރު ނެރުއްވިއިރު، ރާއްޖޭގައި އުޅޭ އިންޑިއާގެ ޓީޗަރުންނާ ދިމާކޮށް ރަށުން ފޭބުމަށް ގޮވައި ސްކޫލުތަކުގެ ފާރުގައި ވެސް އިންޑިއާ އައުޓް ޖެހި މައްސަލައެއް ވަރަށް ބޮޑުވި އެވެ.
އެ ގަރަރާ ގުޅިގެން ފުލުހުން ވަނީ އިދިކޮޅުން ބާއްވަމުން ގެންދިޔަ އެއްވުންތައް ރޫޅާލައިފަ އެެވެ. އަދި ފަހުން އެ ހަރަކާތް ބޭއްވުމަށް އެއް ގޮތަކަށް ވެސް ޖާގައެއް ނުދެ އެވެ.
އިންޑިއާ އައުޓް ބެނާ ދެމުން ޕީޕީއެމުން ކުށްވެރިކޮށްފި
އިންޑިއާއަށް ގޮސްފިނަމަ ދެން ދާންޖެހޭނީ ޖަލަށް: ސަމަދު
އަދުރޭ ވިދާޅުވީ އެއީ ހަރާމް ހުކުމެއް ކަމަށް
ޔާމީން ހުކުމް ވެސް ގުޅުވީ އިންޑިއާއާ!
އިިދިކޮޅުގެ އެންމެ ބޮޑު އަމާޒަކީ އިންޑިއާ ބަލިކުރުން
"ވޯޓަކީ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތްވާ ފުރުސަތު"
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!
ބެނާ ނެގުމަކީ މުދަލުގެ ހައްގަށް އަރައިގަތުން: ވަކީލުން
އިންޑިއާގެ މުސްލިމުންގެ ދިފާއުގައި ޕީޕީއެމުން ނުކުންނަނީ
ބެނާއެއް ހަޖަމް ނުވުމަކީ ނުރައްކާ އޮތް ވަރު: އަދުރޭ