Roadha Mihaaru

"އިންޑިއާ އައުޓް" ބެނާ ނެގުމަކީ މުދަލުގެ ހައްގަށް އަރައިގަތުން: ޔާމީންގެ ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނެގުމަކީ މުދަލުގެ މިނިވަންކަމުގެ ހައްގަށް އަރައިގަތުން ކަމަށް އެ މަނިކުފާނުގެ ވަކީލުން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ބެނާ ނެގުމަކީ މުދަލުގެ ހައްގަށް އަރައިގަތުން: ވަކީލުން
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

22 މެއި 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނެގުމަކީ މުދަލުގެ މިނިވަންކަމުގެ ހައްގަށް އަރައިގަތުން ކަމަށް އެ މަނިކުފާނުގެ ވަކީލުން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައިބައިގެން ދިއުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި ބެނާ މިދިޔަ މަހު ފުލުހުން ނެގީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.

އެ އަމުރު ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ، އެ ބެނާ ހަރުކޮށްފައި ހުރީ ޔާމީންގެ އަމިއްލަ ގެކޮޅުގައި ކަމަށެވެ. އަދި އެއީ ގާނޫނާ ހިލާފު އެއްޗަކަށް ނުވާއިރު، ބެނާ އަތުލުމަކީ ގާނޫނުއަސާސީގެ 40 ވަނަ މާއްދާއިން ލިބިދޭ އަމިއްލަ އަށް މުދާ ބޭނުން ކުރުމާއި މިލްކު ކުރުމުގެ ހައްގާ ހިލާފު ކަމެއް ކަމަށް ޝިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާންމު މަސްލަހަތަށް ގެއްލުންވާ ކަމުގެ ތުހުމަތު ފުލުހުން ކުރިޔަސް، އެހެން މީހުންނަށް އުނދަގޫ ނުވާ ގޮތަށް ތަނެއްގައި ބެނާއެއް ހަރުކުރުމަކީ މަސްލަހަތަށް ގެއްލުން ވާނެ ކަމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ވަކި ކަމަކަށް ތާއީދު ހޯދަން ނުވަތަ ވަކި ކަމަކާ ދެކޮޅު ހެދުމުގެ ގޮތުން ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ އާންމު މަސްލަހަތަށް ގެއްލުން ދިނުން ކަމަށް ނުބެލެވޭނެ ކަމަށް ގާނޫނުލްއުގޫބާތުގައި އޮންނަ ކަން ފާހަގަ ކުރެއްވި އެވެ.

ޝިޔާޒް ވިދާޅުވިގޮތުގައި، ގޭގައި ހުރެގެން ހިޔާލު ފާޅުކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ވާނެ ކަމެއް ކަމަށް ނުބުނެވޭނެ އެވެ. އާންމު ތަންތަނުގައި ކުރާ ކަންކަމާއި މީހުން އަމިއްލަ ގޭގައި ތިބެގެން ހިޔާލުފާޅުކުރުމަކީ ތަފާތު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން ވެސް ބައިވެރިވެ ވަޑައިގަތް މިއަދުގެ އަޑުއެހުމުގެ ވަގުތު ހަމަވުމުން އިތުރު އަޑުއެހުމެއް ބާއްވާނެ ކަން ބެންޗުން އިއުލާން ކުރެއްވި އެވެ. އިދިކޮޅު ލީޑަރު ޔާމީން މިއަދު އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ.

ފަނޑިޔާރު ހަސަން ޝަފީއު ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.