ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
29 މެއި 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
އިދިކޮޅު ލީޑަރު ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހު ފުލުހުން ގެންދިޔައީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރާކަމުގެ ތުހުމަތު ކޮށެވެ. އެ އަމުރު އިސްތިއުނާފު ކުރަން ހުށަހެޅުއްވީ ޔާމީންގެ ފަރާތްޕުޅުންނެވެ.
ކްރިމިނަލް ކޯޓުގެ އަމުރު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކުރެއްވީ މައިގަނޑު ދެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ކޯޓު އަމުރު ނެރެދޭންޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ނިންމި ނިންމުމަށް ވާސިލްވި ސަބަބެއް އެނގެން ނެތުމާއި ބެނާ ނެގުމަށް ފުލުހުން ތުހުމަތުކުރި ކުށާއި ފުލުހުން އަމަލުކުރި ގޮތުގެ މައްސަލަ އެވެ.
އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއްގެ ތުހުމަތުގައި ބެނާ ނެގުމުގެ އަމުރަކަށް ފުލުހުން އެދުނުއިރު، ބެނާއެއް ހަރުކުރުމުން އާންމު މަސްލަހަތު ގެއްލޭ ގޮތެއް ފުލުހުންނަށް ބުނެ ނުދެވޭ ކަމަށެވެ.
ގާނޫނުލްއުގޫބާތުގައި އާންމު މަސްލަހަތަށް ގެއްލުންވާ ކަންކަން މާނަކޮށްދީފައި އޮތްގޮތުން، އެއީ އާންމު ތަނެއްގައި ހުރެގެން ކުރާ އަމަލަކަށް ވުން ލާޒިމް ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
އިންޑިއާ އައުޓް ބެނާ ނެގި މައްސަލާގައި މިއަދު ހުކުމް އިއްވަނީ
ފަނޑިޔާރު ނިޔާޒް ވިދާޅުވީ ބެނާއެއް ހަރުކުރުމަކީ ކުށެއް ކަމަށް ބެލިޔަސް، އެ ބެނާ އަމިއްލަ އަށް ނަގަން ޔާމީނަށް ފުލުހުން ކުރިން އެންގީ ކޮން ހަމައަކުން ކަން އެނގެން ނެތް ކަމަށެވެ. ކޯޓު އަމުރުގެ ދަށުން ހޯދަން ބޭނުންވާ ހެކި ކަމަށް ބުނެ ފުލުހުން އެ ގެކޮޅުން ގެންދިޔައީ ހަމައެކަނި އެ ބެނާ ކަން ފާހަގަކޮށް، ފަނޑިޔާރު ނިޔާޒް ވިދާޅުވީ، އޭގެ ކުރިން އެ ބެނާ އަމިއްލަ އަށް ނަގަން ފުލުހުން އެންގުމުން އެއީ ހަގީގަތުގައި ވެސް ހެއްކެއްތޯ ނުވަތަ ނޫންތޯ ސާފުނުވާ ކަމަށެވެ.
ފަނޑިޔާރު ނިޔާޒް ވިދާޅުވި ގޮތުގައި ކޯޓު އަމުރެއް ހޯދައިގެން ޔާމީންގެ ގެކޮޅަށް ފުލުހުން ވަދެ، އެ ބެނާ ނެގުން ވެސް ގޯހެވެ. އެއީ އެ ބެނާ ހުރީ ދޫވެހިގޭގެ މަތީގައި ހުރި ދަގަނޑު ހޮޅިތަކަކަށް އައްސާފައި ކަމަށް ވާތީ އެވެ. އެހެންވެ، ކޮންމެހެން އެ ގެކޮޅަށް ވަނުމެއް ނެތި ވެސް ގެކޮޅުގެ ބޭރުން ފުލުހުންނަށް އެ ބެނާ ނެގުމުގެ ފުރުސަތު އޮތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ގާނޫނުތައް ހުރި ގޮތުން ކޯޓު އަމުރު ހޯދައިގެން ތަންތަނަށް ވަންނަން ޖެހޭނީ އެ ތަނަކަށް ވަނުން ނޫން ގޮތެއް ނެތް ހާލަތުގައި އެކަނި ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ބެނާ ނަގަން ނެރުނު އަމުރަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ އަމުރެއް ކަމަށް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި ބުނެފައި ވިޔަސް، ފަނޑިޔާރު ނިޔާޒް ވިދާޅުވި ގޮތުގައި އެއީ އެ މައްސަލައިގެ ތެރެއިން ގޮތެއް ނިންމޭ ވަރަށް ވުރެ ބޮޑަށް ދުސްތޫރީ މައްސަލަތަކާ ގުޅޭ ކަމެކެވެ. ސަބަބަކީ ގާނޫނުއަސާސީން ލިބިދޭ ކޮންމެ ހައްގަކާ އެކު، ގައިދުތަކެއް ވެސް އޮންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީންގެ ގެކޮޅުގައި އިންޑިއާ އައުޓް ބެނާ ހަރުކޮށްފައި
ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން ޝަފީއު ފާހަގަކުރެއްވީ ކޯޓު އަމުރު ނެރެންޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ގޮތެއް އެ އަމުރުން އެނގެން ނެތް މައްސަލަ އެވެ. އޭނާ ވިދާޅުވީ ފުލުހުން ހުށަހަޅާފައިވާ ހެކިތައް ބަޔާން ކުރުމަށް ފަހު، އެކަށީގެންވާ ސަބަބެއް އޮތް ކަމަށް އަމުރުގައި އޮތަސް، އެ އަށް ވާސިލްވި ގޮތެއް އަމުރުން އެނގެން އޮންނަން ޖެހޭނެ ކަމަށެެވެ.
ފަނޑިޔާރު ޝަފީއު ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުގެ އަމުރު ދަމަހައްޓައިދޭން ހައި ކޯޓުގައި ދައުލަތުން ވެސް އެދިފައެއް ނެތެވެ.
ފަނޑިޔާރު ނިޔާޒްގެ ރައުޔަށް ފަނޑިޔާރު ޝަފީއު ވެސް ތާއީދު ކުރެއްވި އެވެ. އަދި ފަނޑިޔާރު ޝަފީއުގެ ރައުޔަށް ފަނޑިޔާރު ނިޔާޒް ތާއީދު ކުރެއްވި އެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރު ޝަހީދު އެ ދެ ރައުޔަށް ތާއީދު ކުރެއްވި އެވެ.
އެހެންވެ، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކުރީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ބެނާ ނެގުމަކީ މުދަލުގެ ހައްގަށް އަރައިގަތުން: ވަކީލުން
ޔާމީންގެ ގެކޮޅުން ބެނާ ނަގަން ނެރުނު އަމުރު ހައިކޯޓަށް
ބެނާ ނަގަން އެންގުން:ޔާމީން ހުށަހެޅުއްވި މައްސަލަ ބޭރު
"ވޯޓަކީ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތްވާ ފުރުސަތު"
"އިންޑިއާ ސިފައިން ތިބިކަން ނުވަތަ ނެތްކަމެއް ނޭނގޭ"
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!
ފާރުތަކުގައި އިންޑިއާ އައުޓް ލިޔުނު މީހާ ހައްޔަރުކޮށްފި
ރާއްޖެއިން އިންޓެލް ހޯދަނީ އިންޑިއާއިން އެކަނި: ޔާމީން
ޔާމީން ހުކުމް ވެސް ގުޅުވީ އިންޑިއާއާ!
ފުލުހުންގެ ނަމާއި މައުލޫމާތު ހާމަކުރުން ހުއްޓުވައިފި