Roadha Mihaaru

ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާ ނަގަން ނެރުނު އަމުރު އިސްތިއުނާފަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާތައް ނަގަން ނެރުނު އަމުރު އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ޔާމީންގެ ގެކޮޅުން ބެނާ ނަގަން ނެރުނު އަމުރު ހައިކޯޓަށް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

17 މެއި 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާތައް ނަގަން ނެރުނު އަމުރު އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން އިސްވެ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައިބައިގެން ދިއުމަށް ގޮވާލައި ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގައި ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި ބެނާ މިދިޔަ މަހު ފުލުހުން ނެގީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ގެކޮޅަށް ވަދެ އެވެ.

އެ އަމުރު އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ ކަން ޔާމީންގެ ވަކީލުންގެ ޓީމުން ކަށަވަރުކޮށް ދިނެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ޔާމީންގެ ގެކޮޅުގެ އިތުރުން ޕީޕީއެމްގެ އޮފީހާއި އަމިއްލަ މީސްމީހުންގެ ގޭގޭގައި ވެސް "އިންޑިއާ އައުޓް" ބެނާތައް ހަރުކުރުމުން އެ ތަކެތި ފުލުހުން ނެގި އެވެ. ފަހުން ސްޕެލިންގާއި ކުރެހުން ބަދަލުކޮށްގެން ވެސް "އިންޑިއާ އައުޓް" ބެނާތައް ހެދި އެވެ. އެ ބެނާތައް ވެސް އިތުރު އަމުރުތައް ހޯދައިގެން ފުލުހުން ނެގި އެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ މަހު ވަނީ ރިޔާސީ ގަރާރެެއް ނެރުއްވައިފަ އެވެ.