Roadha Mihaaru

ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ނިންމޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް: ޖޭޕީ

ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ނިންމޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ، އިދިކޮޅު ކޯލިޝަނުން އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ކުށްވެރިކޮށްފި އެވެ.

ބޭރުގެ ސިފައިން ތިބި ކަމުގެ ގާނޫނީ ހަމައެއް ނެތް:ޖޭޕީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

26 ޑިސެމްބަރ 2021

ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ނިންމޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ، އިދިކޮޅު ކޯލިޝަނުން އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ކުށްވެރިކޮށްފި އެވެ.

ޕީޕީއެމް/ޕީއެންސީން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭގޮތުން، ސަރުކާރުގެ ކޯލިޝަންގެ އެއް ޕާޓީ، ޖޭޕީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ފަސްގަނޑުގައި ބޭރު އެއްވެސް ގައުމެއްގެ ސިފައިން ބޭތިއްބުމާއި ރާއްޖޭގެ އެއްވެސް ތަނެއް އަސްކަރީ ބޭނުމަށް ބޭރުގެ ބަޔަކަށް ދިނުމަކީ ގާނޫނުއަސާސީ ބުނާގޮތުން އެއްވެސް ވެރިކަމަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

ރާއްޖޭގެ އެއްވެސް ތަނެއް މިލްކު ކޮށްދިނުމާއި އަސްކަރީ ބޭނުންތަކަށް ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އެހެންވެ، އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އެކުލަވައިލި އެއްވެސް މަޖިލީހަކުން ރާއްޖޭގެ އެއްވެސް ތަނެއް އަސްކަރީ ބޭނުމަށް ދިނުމަށް ފާސްކޮށްފައި ނުވާތީ، ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ނިންމޭނެ ގާނޫނީ ހަމައެއް އޮތް ކަމަކަށް ނުދެކޭ ކަމަށް ޖޭޕީގެ ބަޔާނުގައި ބުންޏެވެ.

"ދޭދޭ ގައުމުތަކުގެ މެދުގައި އުފައްދާ ބައިލެޓްރަލް ގުޅުންތަކުގެ ތެރެއިން ދެ ގައުމުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން ހިންގާ ތަމްރީނުތަކުގެ ބޭނުމަށާއި ތައުލީމާއި ހުނަރު އިތުރު ކުރުމުގެ ބޭނުމާއި ކާރިސާތަކުން ސަލާމަތް ވުމަށް ކުރިއަށް ގެންދެވޭ ހަރާކާތްތަކަށާއި ދެ ގައުމުގެ ސަލާމަތާއި ގުޅިފައިވާ ބޯޑަރު ބެލެހެއްޓުމާއި ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ އެކިއެކި ހަރާކާތްތަކާއި ހުއްޓުމެއް ނެތި ކުރަންޖެހޭ އެކި ތަމްރީނު ތަކާ ގުޅިގެން ވަކި މުއްދަތަކަށް އެއް ގައުމުގެ ސިފައިން އަނެއް ގައުމުގައި ތިބުމަކީ ދެ ފަރާތަށް ފައިދާ ލިބޭ ކަންކަމެވެ،" ޖޭޕީން ބުންޏެވެ.

އެ ޕާޓީން ބުނިގޮތުގައި، ބުނީ އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ގުޅުންތަކެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގެންފައިވާ އުސޫލެއް ކަމަށެވެ. އެ ފަދަ ބޭނުމެއްގައި ހަތިޔާރު ނުލައި ޔުނީފޯމުގައި އެހެން ގައުމެއްގެ ސިފައިން ހަރަކާތްތެރިވުމަކީ އަސްކަރީ ހަރަކާތެއް ކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން ސިޔާސީ ބޭނުމަށް ކޮށް އުޅޭ ކަމެއް ކަމަށް ޖޭޕީން ދެކެ އެވެ.

"އެހެން ކަމުން އިންޑިއާ މިލިޓަރީ އައުޓްގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއް ކަމަށް ދުށުމުގެ ވަރަށް ފުޅާ ޖާގައެއް އެބައޮތެވެ،" ބަޔާނުގައި ބުންޏެވެ.

ރާއްޖެ އިން އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި ބޭނުންކުރި "އިންޑިއާ މިލިޓަރީ އައުޓް" އަށް ފަހު، ދެން އެންމެ ގިނައިން ބޭނުން ކުރަނީ "އިންޑިއާ އައުޓް" ސްލޯގަން އެވެ. ޖޭޕީން ބުނީ ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގައި ދެބަސް ނުވެވޭ ހަގީގަތަކީ ހުރިހާ ގައުމަކުން ވެސް އެ ގައުމެއްގެ އަވަށްޓެރި ގައުމުތަކާއި ކުދި ބޮޑު އެންމެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމެވެ.

"ޒަމާނުއްސުރެ ގާތް އެކުވެރި ގައުމެއްގެ ގޮތުގައި އޮތް އަވަށްޓެރި އިންޑިޔާއަށް ނިސްބަތްކޮށް އިންޑިއާ އައުޓްއޭ ގޮވުމަކީ މި ދެ ގައުމުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމުގައި މި ފާޓީން ދެކެމެވެ. ސިޔާސީ މަގުސަދެއް ހާސިލްކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ މިފަދަ އަމަލުތަކުން މި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ވިޔަފާރި އަދި އެ ނޫންވެސް ޒާތީ އެކިއެކި މުއާމަލާތްތަކަށް ސީދާކޮށް އަދި ނުސީދާކޮށް ވެސް ހުރަސްއެޅި، ޒާތީ ރުޅިވެރިކަމާއި ބަދަލު ހިފުން ފަދަ ނުރަނގަޅު ކަންކަން އުފެދިގެން ހިނގައިދާނެތީ އިންތިހާއަށް ކަންބޮޑުވަމެވެ،" ޖޭޕީގެ ބަޔާނުގައި ވެ އެވެ.

އިންޑިއާއާ ދެކޮޅު ކެމްޕެއިންގެ ސަބަބުން ރާއްޖެއަށް ދިގުމުއްދަތަކަށް ގެއްލުން ލިބުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މި ގައުމުގެ ސަލާމަތާއި މިނިވަންކަން ދެމެހެއްޓުމުގައި ފާރަވެރިއެއްގެ ގޮތުގައި ޖޭޕީ އަބަދު ވެސް އޮންނާނެ ކަމުގެ ޔަގީންކަން އެ ޕާޓީން ދީފައިވެ އެވެ.