Roadha Mihaaru
ސިފައިން ގެންދަން އިންޑިއާއިން ވެސް އިށީންނާނެ:މުއިއްޒު

ފުރަތަމަ ދުވަހު ވެސް މުއިއްޒު ފައްޓަވަނީ އިންޑިއާ ސިފައިން ފޮނުވާލުމުގެ ވާހަކަތައް!

08 ސެޕްޓެމްބަރ 2023

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ވެރިކަމަށް އޭނާ ހޮވައިފި ނަމަ ފުރަތަމަ ދުވަހު ވެސް ކުރައްވާނެ ކަމަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވައިލުމުގެ ކަންކަން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ވެރިކަމަށް އޭނާ ހޮވައިފި ނަމަ ފުރަތަމަ ދުވަހު ވެސް ކުރައްވާނެ ކަމަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވައިލުމުގެ ކަންކަން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

"ރެސްޕެކްޓްފުލީ އަޅުގަނޑު ދަންނަވާނަން ސޮރީއޭ މިތާނކު ނުތިބެވޭނެއޭ. އަވަށް [އިންޑިއާގެ ސިފައިން] ގެންދަވާށޭ،" މާލޭގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަފުލާއެއްގައި އޭނާ ވިދާޅުވި އެވެ.

އެމްއެެންޑީއެފުން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ނޮވެމްބަރު 2021 ގައި ބުނެފައި ވަނީ ޑޯނިއާ މަތިންދާބޯޓު ދުއްވަން އިންޑިއާގެ 25 މީހުން ތިބޭނެ ކަމަށާއި ހެލިކޮޕްޓަރާ އެކު، ޖުމްލަ 75 މީހުން ތިބޭނެ ކަމަށެވެ. އެއްބަސްވުމުގައި އޮތީ ދެ ގައުމު ގުޅިގެން ޑޯނިއާ ދުއްވަން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެކަމަކު، މިދިޔަ ހަފުތާގައި ބޭއްވި ސަންގު ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މިލިޓަރީ މަސައްކަތެއް ކުރާކަށް ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މި ވެރިކަމުގައި ވެސް ގާއިމްވެ ނެތް ކަމަށެވެ.

"އެކްސަސައިޒްތައް ހިންގަން އިންޑިއާ އިން ވެސް އާދޭ. ލަންކާ އިން އެމެރިކާ އިން އާދޭ. އިނގިރޭސިން ވެސް މިތަނުގައި ހަރަކާތްތެރިވޭ،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓް މުއިއްޒު ރޭ ވިދާޅުވީ، މިއީ 21 ވަނަ ގަރުނު ކަމަށް ވާއިރު އެވޭލާ ޒަމާނުގައި ކަން ކުރި ގޮތަށް ބާރު ހިންގައިގެން މިހާރު ކަންކަން ނުކުރެވޭނެ ކަމަށެވެ. ވިދާޅުވީ އެއް ގައުމުން އަނެއް ގައުމަށް ގުޅުން ބާއްވަނީ "މިއުޗުއަލް ރެސްޕެކްޓް" ގެ ތެރެއިން ކަމަށާއި އޭނާގެ ސަރުކާރެއްގައި އިސްކުރާނީ ގައުމުގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރާ ގައުމުތަކާ އެކު ގުޅުން ބާއްވަން ކަމަށެވެ.

ރެސްޕެކްޓްފުލީ އަޅުގަނޑު ދަންނަވާނަން ސޮރީއޭ މިތާނކު ނުތިބެވޭނެއޭ. އަވަށް [އިންޑިއާގެ ސިފައިން] ގެންދަވާށޭ،"--- މުއިއްޒު

"ހަގީގަތުގައި މިއީ ދިވެހިންގެ ކަނޑު. ދިވެހިރާއްޖެ މި ކަނޑުގައި ބެހިފައި އޮތް ވަރު މާ ބޮޑު އިންޑިއާ އަށް މި ކަނޑު ނިސްބަތްވާ ވަރަށް ވުރެ އަސްލުގައި. މި ތަނަށް ކިޔަންވީ ދިވެހި ކަނޑު،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ކުރިއަށް އޮތް ޖީލުތަކަށް ގެންގޮސްދޭން ޖެހޭނެ ކަމަށެވެ. އިންޑިއާ ވިޔަސް އަދި އެހެން ގައުމުތަކުން ވެސް ރާއްޖެއާ އެކު އެކުވެރިކަމާ އެކު މަސައްކަތް ކުރާނީ އޭރުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާ ސިފައިންގެ މައްސަލާގައި ހައްލު ނެރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަމިއްލަ ނަފުސަށް އެބައޮތެވެ.

މާލޭގައި ކެމްޕެއިން ޖަގަހައް ހުޅުވަން ރޭ ބޭއްވި ހަފުލާއަކަށް މުއިއްޒު ވަޑައިގެން ޒުވާނުންތަކަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

މާލޭގައި ކެމްޕެއިން ޖަގަހައް ހުޅުވަން ރޭ ބޭއްވި ހަފުލާއަކަށް މުއިއްޒު ވަޑައިގެން ޒުވާނުންތަކަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

"ހަމަ އިންޑިއާ އިން ވެސް މި ކަމުގައި އަޅުގަނޑުމެންނާ އެކު އިށީންނާނެ. އިށީނދެފައި ހަމަ ރީތިކޮށް މި ކަން ހައްލު ކޮށްގެން މި ތަނުން އިންޑިއާ ސިފައިން ވެސް ގެންދާނެ. އެ ބޭފުޅުން ވެސް ބޭނުންވާނެ މި ތަނުގައި އެ ބޭފުޅުންގެ ޕްރޮޖެކްޓްސްތައް ހިންގަން. އެކަން ވެސް ހިނގާނީ އެ އެގްރީމަންޓްތަކުގެ ކަންތައް ބަލާފައި،" އިންޑިއާގެ ޕްރޮޖެކްޓްތަކަށް ޖާގަ އޮންނާނީ އުސޫލުން ބޭރުން ނުވަތަ ރާއްޖޭގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ހުރި އެއްބަސްވުންތައް ބަލާނެ ކަމުގެ އިޝާރާތް ކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އިންޑިއާގެ މަޝްރޫއުތައް އޭނާގެ ވެރިކަމެއްގައި ކުރިއަށް ގެންދާނީ ގޯސްކޮށް ހުރި އެއްބަސްވުންތައް ހައްލު ކޮށްގެން ކަމަށެވެ.

މާލޭގައި ކެމްޕެއިން ޖަގަހައް ހުޅުވަން ރޭ ބޭއްވި ހަފުލާއަކަށް މުއިއްޒު ވަޑައިގެން ބަޔަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

މާލޭގައި ކެމްޕެއިން ޖަގަހައް ހުޅުވަން ރޭ ބޭއްވި ހަފުލާއަކަށް މުއިއްޒު ވަޑައިގެން ބަޔަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

އޭނާ ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާނެ ކަމަށެވެ. އެކަމަކު ތަކުރާރުކޮށް ވިދާޅުވީ، އުސޫލުން ބޭރު އެއްބަސްވުންތައް ބައްލަވާނެ ކަމަށެވެ.

"އަޅުގަނޑު މި އަންނަނީ ވަކި ޕާޓީއަކަށް ވެރިކަން ކުރާކަށް ނޫން. ދިވެހި ކޮންމެ ރައްޔިތަކަށް ކުރާ ވެރިކަމެއް ކުރަން. ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް. މި ގައުމަށް ހަމަޖެހުން އަންނާނީ އެ ވިސްނުން އިސްކޮށްގެން،" މުއިއްޒު ވިދާޅުވި އެވެ.