Roadha Mihaaru
އުތުރު ތިލަފަޅު އެއްބަަސްވުމުގެ ކޮޕީއަކަށް އެދިއްޖެ

އުތުރު ތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް ހޯދަން އެދިއްޖެ

13 އޮކްޓޯބަރ 2021

އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުން ހޯދުމަށް ޑިފެންސް މިިނިސްޓްރީގައި އެދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުން ހޯދުމަށް ޑިފެންސް މިިނިސްޓްރީގައި އެދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ އެއްބަސްވުން ހޯދަން ޑިފެންސް މިނިސްޓްރީގައި އެދޭނެ ކަމަށް ނަޝީދު އިއްޔެ ވިދާޅުވީ ރާއްޖެ އިން އިންޑިއާއާ އެކު ހަދަމުންދާ ބައެއް އެއްބަސްވުންތަކުގެ ސަބަބުން، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ވިދާޅުވެ، އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ހުށަހެޅުއްވުމުންނެވެ.

މިދިޔަ މަހު ނަޝީދަށް ފޮނުވި ސިޓީއެއްގައި އާދަމް ޝަރީފު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާ އަކީ ރަހުމަތްތެރި ދެ ގައުމަށް ވާއިރު، ދެ ގައުމުގެ ދެމެދުގައި އޮންނަން ޖެހޭ އިތުބާރާއި އެކުވެރިކަމަށް ބުރޫ އަރާ ފަދަ ކަންކަން ވުމަކީ ގައުމުގެ ރައްޔިތުންނާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެ ކަމެއް ކަމަށެވެ.

މިދިޔަ މެއި މަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ފަސް މަސް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމަކީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާ ކުރަމުންދާ މައްސަލައެއް ކަމަށެވެ.

"އެ [އެގްރިމެންޓު] ލިބުމުން [ސަލާމަތީ ހިދުމަތްތަކާ ބެހޭ] ކޮމިޓީން އެ ދިރާސާ ކުރާނެ. އަދި އެ ކޮމިޓީން އެކަމާ ގުޅޭ ރިޕޯޓު ނެރުއްވާނެ. އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަން،" ނަޝީދު ވިދާޅުވި އެވެ.

އުތުރު ތިލަފަޅު އެގްރީމެންޓު ހާމަނުކުރަން ސަރުކާރުން އުޅެނީ އޭގައި ރާއްޖޭގެ މިނިވަންކަމާއި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ހިމަނާފައިވާތީ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމަކީ ފޮރުވިފައި އޮތް ސިއްރެއް ނޫން ކަމަށެވެ. އެއީ ދޭދޭ ގައުމުގެެ މެދުގައި ވެފައިވާ ދިވެހި ދައުލަތުގެ އެގްރީމެންޓެއް ކަމަށާއި އެ ކަން ދައުލަތުން ކުރަމުންދަނީ ސިއްރެއްގެ ގޮތުގައި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.