Roadha Mihaaru
މިނިސްޓަރު މާރިޔާ ވެސް މަޖިލިހަށް ހާޒިރު ކުރަނީ

އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމުން މާރިޔާ މަޖިލިހަށް ހާޒިރުކުރަނީ

11 ފެބުރުއަރީ 2019

އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އިންޑިއާ އަކީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި މައްސަލާގައި އޭނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން މިއަދު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އިންޑިއާ އަކީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި މައްސަލާގައި އޭނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން މިއަދު ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ. މިއީ، މި ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުން މެމްބަރުންނަށް ލިބިދީފައިވާ ބާރުގެ ދަށުން މި ސަރުކާރުގެ މިނިސްޓަރަކު މަޖިލީހަށް ހާޒިރު ކުރަން ހުށަހެޅި ދެ ވަނަ ފަހަރެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި "ހިޔާ" މަޝްރޫއުން ދޫކުރި 7،000 ފްލެޓާ ގުޅޭ ގޮތުން ޖަވާބުދާރީ ކުރުވަން ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު މަޖިލީހަށް ހާޒިރުކޮށް ދިނުމަށް އެދި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ ހުށަހަޅުއްވައިފަ އެވެ.

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޓޮމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން މިނިސްޓަރާ މަތިކޮށްފައިވާ ގާނޫނީ އެންމެ ބޮޑެތި ޒިންމާތަކުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް، ހިމާޔަތް ކުރުން ހިމެނޭ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ އިއްޒަތާއި ކަރާމާތާއި ދައުލަތުގެ ޝާނާއި ޝައުކަތު ދައްކުވައިދީ ހިފެހެއްޓުމާއި ރާއްޖޭގެ ކަނޑާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކުރުމުގެ ސިޔާސަތު ކަނޑައެޅުމަކީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން ވަޒީރާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މާރިޔާ މިނިސްޓަރުގެ މަގާމުގައި ހުންނަވައި ފާޅުކުރައްވަމުން ގެންދަވާ ސިޔާސަތުތަކުން ނުވަތަ ވާހަކަތަކުން ޒިންމާތައް އަދާކުރެއްވޭތޯ، ތޯރިގް ހުށަހެޅުއްވި ސުވާލުގައިވެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅުނު ނަމަވެސް، އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭ ނަމަ، އެކަން ކުރެވޭނެ ކަމަށެވެ.

އިންޑިއާ އަކީ އަސްކަރީ ގޮތުން ބާރުގަދަ ބައެއްގެ ގޮތުގައި ސިފަކުރައްވައި، މާރިޔާ ވަނީ އިންޑިއާ އަސްކަރިއްޔާ އަށް ތައުރީފް ކުރައްވައިފަ އެވެ. އިންޑިއާ އިން ބޭނުންވެއްޖެ ނަމަ، ރާއްޖެ ހިފިދާނެ ކަމަށް މާރިޔާ ވިދާޅުވުމުން، ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ.

މާރިޔާގެ ވާހަކަ އަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި، މިއީ ރާއްޖޭގެ މިނިސްޓަރަކަށް ހުންނަވައިގެން ދެއްކެވޭނެ ފަދަ ވާހަކަތަކެއް ނޫނެވެ. މިއީ، ގައުމީ ސަލާމަތާ ގުޅުން ހުރި ވާހަކައެއް ކަމަށާއި މާރިޔާ ދިވެހިންގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް އެ މީހުން ބުންޏެވެ. އަދި ބައެއް މީހުން ވަނީ ޑިފެންސް މިނިސްޓަރު ކަމުން މާރިޔާ އިސްތިއުފާ ދިނުމަށް ވެސް ގޮވާލައިފަ އެވެ.