30 ޖެނުއަރީ 2019
އިންޑިއާ ދަތުރުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ ފަދަ އަސްކަރީ "ސިއްރު" އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައި ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ ދަތުރުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ ފަދަ އަސްކަރީ "ސިއްރު" އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައި ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު "މިހާރު" އަށް މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ހަފުތާއެއްހާ ދުވަހުގެ ރަސްމީ ދަތުރުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުފޫޒު ފޯރާނެ ފަދަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވާ ކަމަށް ކުރަމުންދާ ތުހުމަތާ ގުޅިގެންނެވެ. މިނިސްޓަރުގެ އިންޑިއާ ދަތުރާ ގުޅުވައި ކުރާ އެއް ތުހުމަތަކީ ބޭރުގެ ސިފައިން ރާއްޖޭގައި ބައިތިއްބަން އެއްބަސްވުމެވެ.
މިއީ، ރާއްޖެ އަށް ބޭރުގެ ނުފޫޒު ވެއްދުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވަނީ ނުރުހުން ފާޅުކުރައްވައިފަ އެވެ.
ޚަލީލް، އޭނާގެ ޓުވީޓްތަކުގައި ވިދާޅުވީ ގައުމުތަކުގެ ނުފޫޒުން އެއްކިބާވެ، މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުން މުހިއްމު އިރު، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މިސްރާބު ހުރީ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ ގޮތަކަށް ކަމަށެވެ. މިހާރު އޮތް އެއް ބިރަކީ، ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާ ގުޅޭ ގޮތުން އެކުލަވާލަމުން އަންނަ އެއްބަސްވުންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރާ އެކު މާރިޔާ މަޝްވަރާ ކުރައްވަނީ.
ހަލީލު ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރައި ބޭރުގެ ނުރަނގަޅު ނުފޫޒު ރާއްޖެ އަށް ވަނުމަށް މަގުފަހިވާ ފަދަ އެއްބަސްވުންތަކުގައި ރައްޔިތުންގެ ރުހުން ނެތި ސޮއިކުރެވިގެން ނުވާނެ އެވެ. އޭގެތެރޭގައި، އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި އާދަޔާޚިލާފު ގޮތަކަށް ކަނޑާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Ehen gaumehge sifain Raajjeyga beythibbumai, rajjeyge sarahahdhu "belehettumuge" namuga aadhayaa khiyaaf gothakah kandai vaige sarahahdhu beynun kurumuge furusathu dheegen nuvaane.
— Dr. Abdulla Khaleel (@abkhaleel) January 29, 2019
Mi ee Inthikhaabu kaamiyaabu kohdhinumuge agu nama, rayyithun sarukaarai dhekolhah thedhuvaane!
ޚަލީލްގެ ޓުވީޓް.
އިންޑިއާ ސަރުކާރާ އެކު އެފަދަ އެއްބަސްވުމެއް އޮތް ނަމަ، ހާމަކުރަން ސޯޝަލް މީޑިއާގައި ބައެއް މީހުން ގޮވާލަމުން ދަނީ، އިންޑިއާ އިން ރާއްޖެ އަށް ނުފޫޒު ފޯރުވައި އަސްކަރީ ކަންކަމުގައި ވެސް އަތްގަދަކުރުމުގެ ފުރުސަތު މި ސަރުކާރުން ދެމުން އަންނަ ކަމަށް ނުރުހުން ފާޅުކުރުންތަކާ އެކުގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އިންޑިއާ އިން އެދޭ މިންވަރަށް ދާޚިލީ ކަންކަމުގައި ނުފޫޒު ފޯރުވަން ޔާމީންގެ ސަރުކާރުން ފުރުސަތު ނުދީގެން، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރި ކަމަށް ވެސް އެ ސަރުކާރުގެ އިސް ބޭފުޅުން ތުހުމަތު ކުރެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ޑިފެންސް މިނިސްޓަރު މާރިޔާ: އަސްކަރީ ގުޅުންތައް ބަދަހިކުރުމުގައި ރާއްޖެ އަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވި.
ދެ ގައުމުގެ ހީނަރުވެފައި އޮތް ގުޅުން ބަދަހިވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމުންނެވެ. އެމަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތެވެ. އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ އެއްބަސްވުން ވެސް އާކުރި އެވެ. ގައުމަކަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް ވަޑައިގަތީ ވެސް އިންޑިއާ އަށެވެ. އެ ދަތުރުފުޅުގައި ހިލޭ އެހީ އާއި ބަޖެޓް ސަޕޯޓްގެ ގޮތުގައި 1.4 މިލިއަން ޑޮލަރު ދޭން އިންޑިއާ އިން ވައުދުވި އެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު މާރިޔާ އެ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރާއި އަސްކަރިއްޔާގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި އެވެ. ރަސްމީ ދަތުރަކަށް ވުމާ އެކު ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމާއި އަސްކަރީ ދާއިރާ އިން ވެސް އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދެވިދާނެ ގޮތާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ދައުރުގައި ކުރެވިފައި ހުރި އެއްބަސްވުންތަކާއި މަސައްކަތްތައް ކުރިއަށް ގެންދާ ވާހަކަ ދެކެވުނު. އެ ނޫން އެއްވެސް ވާހަކައެއް އަދިއެއް އަޅުގަނޑުމެންގެ ތެރޭގައި ނުދެއްކޭ. އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށް، އެކަހަލަ އެއްވެސް ކަމެއް މި ދަތުރުގައި ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
"ޑިފެންސް ޓޯކްސް ކުރިއަށް ގެންދިއުމަކީ އެއްބަސްވުމަކާ ހަމައަށް އާދެވުމެއް ނޫން."
#BridgesofFriendship Hon'ble Min of Defence Maldives Ms. Mariya Ahmed Didi & Chief of Defence Force Maj Gen Abdulla Shamal visit IFC-IOR & IMAC and hold discussions over a range of issues pertaining to enhancing of Maritime Domain Awareness in the region @SpokespersonMoD pic.twitter.com/tBTJHrrq5h
— SpokespersonNavy (@indiannavy) January 25, 2019
މިނިސްޓަރު މާރިޔާގެ ދަތުރާ ގުޅޭ ގޮތުން އިންޑިއާގެ އަސްކަރިއްޔާގެ ޓުވީޓެއް.
މާރިޔާ އިންޑިއާގައި: އެ ދަތުރުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ވާހަކަތައް ދެއްކެވި ކަމަށް ވިދާޅުވި.
އިންޑިއާގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މާރިޔާގެ ދަތުރުގައި، އެ ގައުމުން ރާއްޖެ ސަރަހައްދުގައި ބަހައްޓަން ނިންމި ރާޑަރު ސިސްޓަމްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. ކޯސްޓަލް ސަވައިލަންސް ރާޑަރު ސިސްޓަމްތައް (ސީއެސްއާރުއެސް) ޓްރާންސްމިޓް ކުރުން ހުއްޓާލުމުން އެކަމުގެ ދަތިތައް އިންޑިއާ އަށް ކުރިމަތިވަމުން އަންނަ ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެ ސަރަހައްދުގައި 10 ރާޑަރު ސިސްޓަމް ބަހައްޓަން 2016 ގައި ދެ ގައުމުން އެއްބަސްވެފައި ވިޔަސް މިހާތަނަށް ބަހައްޓާފައި ވަނީ، އެނގިފައިވާ ގޮތުގައި، ހަތަރު ރާޑަރު ސިސްޓަމެވެ. ބާކީ ހުރި ސިސްޓަމްތައް ހަރުކުރަން މިނިސްޓަރު މާރިޔާ އަށް ހުށަހަޅާނެ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
މި ރާޑަރުތަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ނުކުރެއްވިއަސް އެއްބަސްވުމާ އެއްގޮތަށް ރާޑަރުތައް ހަރުކުރަން ބޭނުންވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާޑަރު އެއްބަސްވުމަކީ ވެސް ޔާމީން ސަރުކާރުގައި ވެފައި އޮތް އެއްބަސްވުމެއް ކަމަށާއި އެއާ ގުޅޭ ވަކި އިތުރު ކަމަކަށް މި ސަރުކާރުން އެއްބަސްވެފައެއް ނޯންނާނެ ކަމަށެވެ. އެއްބަސްވުމާ އެއްގޮތަށް، ރާޑަރުތައް ހަރުކުރަން މަޝްވަރާ ކުރިތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އެ ވާހަކަތައް ދެކެވުނު ކަމަށެވެ.
"ކުރީއްސުރެން ހުރި އެއްބަސްވުންތައް، ހުއްޓިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދާ ވާހަކަ ދެއްކި. އެނގިވަޑައިގަންނަވާނެ ޔާމީންގެ ސަރުކާރުގައި އެކި ތަންތަނުގައި ރާޑަ ސިސްޓަމްތައް ހަރުކުރަން ބުޑު ޖަހާފައި ހުރީ. އެއްޗެހިތައް ކުރިއަށް ގެންދާ ވާހަކަ ދެއްކި،" މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި އޭގެ ފައިދާ ރާއްޖެ އަށް އެބަ އޮތެވެ. މިސާލެއް ނަންގަވަމުން ވިދާޅުވީ 12 މީހުންނާ އެކު މި ހަފުތާގައި ގެއްލުނު ދޯނި އޮތް ސަރަހައްދު ހޯދުމުގައި، ރާޑަރު ސިސްޓަމްތައް މަސައްކަތް ކުރާ ނަމަ، ދިވެހި އަސްކަރިއްޔާ އަށް ވެސް ފަސޭހަވާނެ ކަމަށެވެ. ކަނޑުމަތިން އުޅަނދެއް ގެއްލިއްޖެ ނަމަވެސް އެއާ ހިސާބަށް އެމްއެންޑީއެފަށް ގާތްކުރެވެނީ އެތައް ދުއްވުންތަކަކާ އެކު ތެލެއް އަންދާފައި ކަމަށް ވިދާޅުވި އެވެ.
"ރާޑަ ހުންނަ ކަމަށް ވާ ނަމަ، އެ ސްޕޮޓް ކުރެވޭނެ އެއްޗެއް އުޅެންޏާ. އަޅުގަނޑުމެން ރާޑަރު ހަރުކުރިއަސް ނުކުރިއަސް ސެޓްލައިޓް މެދުވެރިކޮށް އެ މީހުންނަށް ފެނޭ ހުރިހާ އެއްޗެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާޑަރު އެއްބަސްވުންތަކާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާ އިތުރު މަޝްވަރާއެއް ބާއްވާނެތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ދެ ގައުމަކީ އަބަދުވެސް ވާހަކަ ދައްކައިގެން ކަންކަން ކުރިއަށް ގެންދާ ބައެއް ކަމަށެވެ. ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމުގެ ތަމްރީނުތަކާއި އެ ނޫން ވެސް އެހީތައް ބިނާވެފައި އޮންނަނީ އެ އުސޫލަށް ކަން ފާހަގަކުރެއްވި އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ: އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު މިއަދު މާލެ ވަޑައިގަންނަވާނެ.
އިންޑިއާގެ ދެ ހެލިކޮޕްޓަރާ ހެދި އުފައްދާ ޝައްކުތަކަށް މިނިސްޓަރު ވިދާޅުވީ ދިވެހި އަސްކަރިއްޔާ އިން އުދުހެން އެންގި ތަނަކަށް ނޫނީ، އެއްވެސް ހެލިކޮޕްޓަރެއް ނުޖައްސާނެ ކަމަށެވެ. އޭގައި ވެސް ކޮންޓްރޯލް އޮތީ ދިވެހި އަސްކަރިއްޔާ އަށް ކަން ފާހަގަކުރައްވައި އެކަމުގައި ސުވާލު އުފައްދަންވީ ކަމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
A 65 year old lady suffering from Stage 4 terminal breast cancer was returned yesterday by helicopter to her native island from Male for terminal care so that she could be close to her relatives ?? pic.twitter.com/SYGvLmDFss
— Mariya Didi ? (@MariyaDidi) January 26, 2019
ދިވެހިންގެ ފުރާނަ އަށް ނުރައްކާވާ ހާލަތުގައި އެންމެ އަވަހަށް އެހީއެއް ފޯރުވެން އޮތީ، ދެ ހެލިކޮޕްޓަރު ރައްޖޭގައި އުދުހޭތީ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ފާނަބަސަންދު ފަދަ ބައްޔެއްގައި މީހަކަށް މަތިންދާ ބޯޓުން ދަތުރު ނުކުރެވުނަސް އެންމެ އަވަހަށް އެހީއެއް ފޯރުކޮށްދެވެނީ ދެ ހެލިކޮޕްޓަރަށެވެ.
ދެ ގައުމުގެ ގުޅުން ބަދަހިކަމާ އެކު އޮތުން މުހިއްމު ކަން ފާހަގަކުރައްވައި، އަސްކަރީ ގުޅުންތައް ބަދަހިކުރުމުގައި ރާއްޖެ އަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމުން މާރިޔާ ހޫނު ފެނަށް
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
އިންޑިއާގެ އެހީގެ ސާމާނު ސެނަހިޔާ ހޮސްޕިޓަލަށް
މިނިސްޓަރު މާރިޔާ ވެސް މަޖިލިހަށް ހާޒިރު ކުރަނީ
މާރިޔާގެ ވާހަކަ ފަތުރަނީ އޮޅުވާލައިގެން: ޑިފެންސް
އަސްކަރީ އެހީތެރިކަން ބޭނުމީ އިންޑިއާއިން އެކަނި:މާރިޔާ
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ