Roadha Mihaaru
މާރިޔާގެ ވާހަކަ ފަތުރަނީ އޮޅުވާލައިގެން: ޑިފެންސް

މާރިޔާގެ ވާހަކަ އޮޅުވާލީ ސުލްހަ މަސަލަސްކަން ގެއްލުވާލަން: މިނިސްޓްރީ

07 ފެބުރުއަރީ 2019

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާގެ ނޫސް ޗެނަލަކަށް ދެއްވި އިންޓަވިއުގެ ޚަބަރު ފަތުރަމުން ދަނީ އޮޅޭ ގޮތަށް ކަމަށާއި އެއީ ސުލްހަ މަސަލަސްކަން ނަގައިލުމަށް ކުރާ ކަމެއް ކަމަށް ޑިފެންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާގެ ނޫސް ޗެނަލަކަށް ދެއްވި އިންޓަވިއުގެ ޚަބަރު ފަތުރަމުން ދަނީ އޮޅޭ ގޮތަށް ކަމަށާއި އެއީ ސުލްހަ މަސަލަސްކަން ނަގައިލުމަށް ކުރާ ކަމެއް ކަމަށް ޑިފެންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާރިޔާގެ ވާހަކަ އޮޅޭ ގޮތަށް ހަބަރުފަތުރަމުން ދަނީ ސިޔާސީ މަންފާ ހޯދަން ކަމަށެވެ. އޭނާ ދެއްކެވި ވާހަކައަކީ އިންޑިއާ އަސްކަރިއްޔާގެ ހައިބަތު ކިތަންމެ ބޮޑު ނަމަވެސް ދެގައުމުން އަބަދުވެސް ދެގައުމުގެ ސިޔާދަތަށް އިހުތިރާމް ކުރާކަމަށް ވިދާޅުވެ ދެއްކި ވާހައެއް ކަމަށް ވެސް ބުނެފައި ވެ އެވެ.

"... އެހެން ނަމަވެސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގެ ތެރެއިން ބައެއް އުނިކޮށް ދެއްކެވި ވާހަކަފުޅު އޮޅޭ ގޮތަށް ފަތުރަމުންދާ ހަބަރުތަކަކީ ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށް ފަރުރާ ހަބަރުތަކެކެވެ،" ބަޔާނުގައި ވެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އެކަމަކު، ހަމަ އެ ނޭވާގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭނަމަ، އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިންޑިއާ އަކީ އަސްކަރީ ގޮތުން ބާރުގަދަ ބައެއްގެ ގޮތުގައި މާރިޔާ ވަނީ ސިފަ ކުރައްވައި، އިންޑިއާ އަސްކަރިއްޔާ އަށް ތައުރީފް ކުރައްވައިފަ އެވެ.

މާރިޔާގެ ވާހަކަ އަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި، މިއީ ރާއްޖޭގެ މިނިސްޓަރަކަށް ހުންނަވައިގެން ދައްކަވަން ޖެހޭ ފަދަ ވާހަކަތަކެއް ނޫނެވެ. މިއީ، ގައުމީ ސަލާމަތާ ގުޅުން ހުރި ވާހަކައެއް ކަމަށާއި މާރިޔާ ދިވެހިންގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް އެ މީހުން ބުންޏެވެ. އަދި ބައެއް މީހުން ވަނީ ޑިފެންސް މިނިސްޓަރު ކަމުން މާރިޔާ އިސްތިއުފާ ދިނުމަށް ވެސް ގޮވާލައިފަ އެވެ.