Roadha Mihaaru
ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމުން މާރިޔާ ހޫނު ފެނަށް

އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމުން މާރިޔާ ހޫނު ފެނަށް

07 ފެބުރުއަރީ 2019

އިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވުމާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުގެ ފާޑުކިއުން އޭނާ އަށް އަމާޒުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވުމާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުގެ ފާޑުކިއުން އޭނާ އަށް އަމާޒުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

އެކަމަކު، ހަމަ އެ ނޭވާގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭނަމަ، އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިންޑިއާ އަކީ އަސްކަރީ ގޮތުން ބާރުގަދަ ބައެއްގެ ގޮތުގައި މާރިޔާ ވަނީ ސިފަ ކުރައްވައި، އިންޑިއާ އަސްކަރިއްޔާ އަށް ތައުރީފް ކުރައްވައިފަ އެވެ.

މާރިޔާ ދެއްކެވި ވާހަކައިގެ ވީޑިއޯ

"އިންޑިއާ އިން ބޭނުންނަމަ، އެކަން (ރާއްޖެ ހިފުން) ކުރެވިދާނެ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާގެ ވާހަކަ އަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި، މިއީ ރާއްޖޭގެ މިނިސްޓަރަކަށް ހުންނަވައިގެން ދައްކަވަން ޖެހޭ ފަދަ ވާހަކަތަކެއް ނޫނެވެ. މިއީ، ގައުމީ ސަލާމަތާ ގުޅުން ހުރި ވާހަކައެއް ކަމަށާއި މާރިޔާ ދިވެހިންގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް އެ މީހުން ބުންޏެވެ. އަދި ބައެއް މީހުން ވަނީ ޑިފެންސް މިނިސްޓަރު ކަމުން މާރިޔާ އިސްތިއުފާ ދިނުމަށް ވެސް ގޮވާލައިފަ އެވެ.

ނިހާން ކުރެއްވި ޓުވީޓު.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިންގެ ހަށިގަނޑުގައި ފުރާނަ ހުއްޓާ އިންޑިއާ އަށް ރާއްޖެ ހިފިޔަ ނުދޭނެ ކަމަށެވެ. އަދި ފަހަރުގައި މާރިޔާ އަށް އެގޮތް ކަމު ނުގޮސްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާން ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވައި، ނިހާން "މިހާރު" އަށް ވިދާޅުވީ ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ނަގާލުމަށް ކުރާ ކޮންމެ ކަމަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މާރިޔާގެ ވާހަކަތަކަކީ ނުރައްކާތެރި ވާހަކަތަކެއްގެ ގޮތުގައި ނިހާން ސިފަ ކުރެއްވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ އެއްވެސް ކަމަކަށް ޖާގަ ނުދެވޭނެ އެވެ.

މެމްބަރު ޓޮމް ކުރެއްވި ޓުވީޓު.

މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައިކަން ބޮޑު ސިންގާއަކަށް ވެދުން ކުރާ ޅަ ފުއްލާއަކަށް ރާއްޖެ ހަދާ ތަން ބަލަން ދިވެހިން ނުތިބޭނެ ކަމަށެވެ. އަދި މާޒީގައި ކާބަފައިން ވަނީ އެކަން ދައްކައިދީފައި ކަމަށް ވެސް ޓޮމް ވިދާޅުވި އެވެ.

މާރިޔާގެ ވާހަކަތަކާ މެދު ހިތްހަމަނުޖެހުނު ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ މާރިޔާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، މަގާމުން ދުރު ކުރުމަށް ގޮވާލައިފަ އެވެ. އަދި އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އެއްބާރުލުން ދިނުމަށް ވެސް ބައެއް މީހުން ގޮވާލި އެވެ.

އަބްދުﷲ ބިން ޖަނާބް ނަމުގައި ޓުވިޓާގައި ޝުއޫރު ފާޅުކުރި ސަލަފްގެ ރައީސް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ވަސީލަތްތައް މަދުވެފައި، ބިދޭސީންގެ އެހީތެރިކަން ލިބިގެން ފުއްދާލައި ގައުމެއް ކަމަކު، ގައުމަކީ މުސްލިމް ގައުމެއްގެ ހައިސިއްޔަތުން ކަރާމާތާއި އިއްޒަތް ލިބިގެންވާ ކަމަށެވެ. އަދި މުސްލިމުންގެ ވަޒަނުގެ ހިމާޔަތުގައި ގުރުބާންވާނެ ދަރިން ވެސް މި ފަސްގަނޑުގައި މަދެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދަ ހިންދޫ" އަށް މާރިޔާ ދެއްވި އިންޓަވިއުއެއްގައި މީގެ ކުރިން ވިދާޅުވީ އިންޑިއާ ފިޔަވައި އިތުރު ގައުމެއްގެ ފަރާތުން ރާއްޖެ އަށް އަސްކަރީ އެހީތެރިކަން ހޯދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރާއްޖެ އަށް ދިމާވާ ކަންކަމުގައި އިންޑިއާ އިން އަބަދު ވެސް އެހީތެރިވަނީ ގާތް ރަހްމަތްތެރިއެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލަ އާއި 2004 ވަނަ އަހަރު ރާއްޖެ އަށް އެރި ސުނާމީ ކާރިސާއާ ގުޅިގެންނާއި 2014 ވަނަ އަހަރު މާލެ އަށް ފެނުގެ ދަތިކަން ދިމާވެގެން އިންޑިއާ އިން ރާއްޖެ އަށް ބޮޑު އެހީތެރިކަމެއް ދީފައިވާ ކަން މާރިޔާ ފާހަގަ ކުރެއްވި އެވެ.