Roadha Mihaaru
އިންޑިއާ-ޗައިނާގެ ވާދަވެރިކަމުގެ ގޮންޖެހުން ރާއްޖެ އަށް

އިންޑިއާ-ޗައިނާ ކަހަލަ ބޮޑެތި ގައުމުތަކުގެ ވާދަވެރިކަމާ ހުރެ، ރާއްޖެ އަށް ގޮންޖެހުން އޮވޭ: މާރިޔާ

14 ސެޕްޓެމްބަރ 2022

އިންޑިއާ އާއި ޗައިނާ ކަހަލަ ބޮޑެތި ގައުމުތަކުގެ ވާދަވެރިކަން އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިތުރުވި ވަރަކަށް އޭގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިންޑިއާ އާއި ޗައިނާ ކަހަލަ ބޮޑެތި ގައުމުތަކުގެ ވާދަވެރިކަން އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިތުރުވި ވަރަކަށް އޭގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.

ސިފައިން 150 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި އޭނާ ވިދާޅުވީ، ކުރިމަވެދާނެ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ދިފާއީ ދާއިރާގެ ޕޮލިސީ ކަނޑައަޅާ 'ޑިފެންސް ވައިޓް ޕޭޕަރު' އާއި 'ނޭޝަނަލް މެރިޓައިމް ސެކިއުރިޓީ ސްޓްރެޓެޖީ' ޝާއިއުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި އިންޓަގްރޭޓެޑް ބޯޑާ މެނޭޖްމަންޓް ސްޓްރެޓެޖީއެއް އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެ އެވެ.

ޑިފެންސް ޑިޕްލޮމެސީއަކީ ރާއްޖޭގެ ދިފާއީ ސިޔާސަތުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ސިޔާސަތެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ހަލަބޮލިވަމުންދާ ދުނިޔެއެއްގައި އަވަށްޓެރިންނާ ދުރުވެ، ބައިނަލްއަގްވާމީ މުޖުތަމައުން އެކަހެރިވެފައި އޮވެގެން ރާއްޖެ އަށް ރައްކާތެރިކަން ލިބޭނެކަމަށް ހީވާ ނަމަ، އެއީ ވަރަށް "ކޮށި ވިސްނުމެއް" އެކެވެ.

"މުޅި ސަރަހައްދުގެ އަމާންކަމަށް ނޭދެވޭ އަސަރުކުރާ ގޮތަށް އަމަލުތައް ބަހައްޓައިގެން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތް ކަށަވަރު ކުރެވިދާނެ ކަމަށް ދުށުމަކީ އަވާމެންދުރެއް،" އޭނާ ވިދާޅުވި އެވެ.

ސިފައިންގެ 150 ވަނަ އަހަރީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ 150 ވަނަ އަހަރީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ދުނިޔޭގެ ހުރިހާ ބޮޑެތި ބާރަކުން ވެސް ރާއްޖެ އަށް ބަލާނެ ކަމަށާއި އެކި ކަހަލަ ބޮޑެތި ގޮންޖެހުންތަކާ ރާއްޖެ ކުރިމަތިލާންޖެހޭނެ ކަމަށް މާރިޔާ ވިދާޅުވެ އެވެ. އެކަމަކު، އެ ގޮންޖެހުންތަކާ އެކު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގައުމުގެ ކަންކަން ކުރިއަށް ގެންދަވަނީ ވަރަށް ހިކުމަތްތެރިކަމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ދިވެހިރާއްޖޭގެ ޒައާމަތުގައި އެ ހުންނެވީ ރާއްޖެ އިން ޒައްރެއްގެ މިންވަރު ވެސް ބޭރު ގައުމަކަށް ދޫކޮށްލައްވާނެ ވެރިއެއް ނޫން،" މާރިޔާ ވިދާޅުވި އެވެ.

ރާއްޖެއަކީ 99.7 ޕަސެންޓް ކަނޑު އެކުލެވޭ ގައުމަކަށް ވާތީ ރާއްޖޭގެ މުޅި ބޯޑަރަކީ ކަނޑު ކަމަށާއި ދިވެހިންގެ ދިރިއުޅުން ވެސް ގައުމުގެ އިގްތިސޯދު ވެސް އަދި ރާއްޖޭގެ ސަލާމަތްވެސް ގުޅިފައި ވަނީ ކަނޑާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އެހެންވެ، ކާރިސާތަކުން ދިވެހިން ސަލާމަތް ކުރުމަށް ތަމްރީނުވެ، ވަސީލަތްތައް ހޯދައިގެން ތިބެންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސިފައިންގެ 150 ވަނަ އަހަރީ ޖަލްސާގައި ސިފައިން ބައިވެރިވަނީ-- ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ 150 ވަނަ އަހަރީ ޖަލްސާގައި ސިފައިން ބައިވެރިވަނީ-- ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު ކޯސްޓް ގާޑުގެ ހުރިހާ ބޮޑެތި އުޅަނދުތަކެއްހެން އޮތީ ނުދުއްވޭ ހާލަތުގައި ނަމަވެސް އެންމެ އުޅަނދެއް ފިޔަވައި ބާކީ ހުރިހާ އުޅަނދަކީ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދާ އުޅަނދުތައް ކަމަށެވެ. އަދި ކޯސްޓް ގާޑް ހުރަވީގެ ހާލަތު ދަށްވަމުންދާތީ އޭގެ ބަދަލުގައި އެހެން އުޅަނދެއް ލިބޭނެ މަގު ރައީސް ހޯއްދަވާފައިވާ ކަމަށް ވިދާޅުވި އެވެ.

"ކަނޑު ބެލެއްޓުމާއި ސާޗް އެންޑް ރެސްކިއު އަދި ކަނޑުމަތީގައި ހިނގާ އަލިފާނާއި އެހެން ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާ މުދާ ސަލާމަތްކުރުމަށް އެހެނިހެން އުޅަނދުތަކާއި ވަސީލަތްތައް މި ދަނީ ހޯދަމުން،" މާރިޔާ ވިދާޅުވި އެވެ.

ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލަތްތައް ހޯދައި އެ އެއްޗެހި ބޭނުންކޮށްގެން ގިނަ ތަމްރީނުތަކެއް ވެސް ހިންގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިންޑިއާގެ ހިލޭ އެހީގައި ސިފަވަރުގައި ހަދަމުން އަންނަ ކޯސްޓް ގާޑް ބަނދަރާއި ޑޮކްޔާޑްގެ ސަބަބުން ސިފައިންގެ އުޅަނދުތައް މަރާމާތުކޮށް، ބެލެހެއްޓުމަށާއި މެރިޓައިމް ދާއިރާގެ ތަމްރީނުތަކާއި ޑައިވިން އަދި ސެލްވޭޖް އޮޕަރޭޝަން ހިންގަން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސިފައިންގެ ބަޑި ޖެހުމުގެ ހުނަރު މަތީ މިންގަނޑެއްގައި ދެމެހެއްޓުމަށާއި ފަޔާ ފައިޓަރުންގެ ތަމްރީނު އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރެއްވި އެވެ.

މާރިޔާ ވިދާޅުވީ، ނޮވެމްބަރު 2018 އާ ހަމައަށް ސިފައިންނަކީ ޑިމޮކްރެޓިކް ނިޒާމަށް އޮތް ބޮޑު ބިރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އައި ނަމަވެސް އެ ވިސްނުން ބަދަލުކޮށް، މީހުންގެ ލޯތްބާއި އިހުތިރާމު ސިފައިންނަށް މިހާރު ލިބެމުން އަންނަ ކަމަށެވެ.