Roadha Mihaaru
ހާލަތަށް ބަލައި ސިފައިން ނިންމާނީ ރަނގަޅަށް: އާދަމް

ވަގުތާއި ހާލަތަށް ބަލައި އަސްކަރިއްޔާއިން ނިންމާނީ އެންމެ ރަނގަޅަށް: އާދަމް ޝަރީފް

17 މާޗް 2021

ދިވެހިން މިއަަދު ވެސް އެންމެ އިތުބާރުކުރާ އެއް މުއައްސަަސާ އަކީ ދިވެހި އަސްކަރިއްޔާ ކަމަށާއި އެތަނުން ނިންމުންތައް ނިންމާނީ ވަގުތާއި ހާލަތަށް ބަލައި އެންމެ ރަނގަޅަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދިވެހިން މިއަަދު ވެސް އެންމެ އިތުބާރުކުރާ އެއް މުއައްސަަސާ އަކީ ދިވެހި އަސްކަރިއްޔާ ކަމަށާއި އެތަނުން ނިންމުންތައް ނިންމާނީ ވަގުތާއި ހާލަތަށް ބަލައި އެންމެ ރަނގަޅަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެެވެ.

ސިފައިންގެ ތަމްރީނުތައް ގިރިފުށި ނޫން އެހެން ތަނަކަށް ބަަދަލުކުރަން ގޮވާލައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމު ހުށަހަޅުއްވާފައިވާ މައްސަލައިގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަން މިއަދުގެ ޖަލްސާގައި ލިބިވަޑައިގެންނެވި ފުރުސަތުގައި އާދަމް ޝަރީފު މުޅިންހެން ދެއްކެވީ އުތުރު ތިލަފަޅުގައި ހަދާ ކޯސްޓް ގާޑު ބަނދަރުގެ ވާހަކަ އެވެ.

އުތުރު ތިލަފަޅުގައި ސިފައިންނަށް ހާއްސަ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން ރާއްޖޭން އިންޑިއާއާ އެކު ސޮޮއިކޮށްފައިވާ އެގްރިމެންްޓްގެ ޑްރާފްޓެއް ކަމަށް ބުނެ ބަޔަކު އާއްމުކޮށްފައިވާ ޑޮކިއުމެންޓާ ބެހޭ ގޮތުން އެމްްއެންޑީއެފުން އިއްޔެ މީޑިއާ ބްރީފިންއެއް ބޭއްވި އެވެ. ސަދަން އޭރިއާ ކޮމާންޑަރު ފިޔަވައި ސިފައިންގެ ހުރިހާ ޖެނެރަލުން އެ ބްރީފިންގައި ބައިވެރިވެވަޑައިގަތެވެ.

އެ ބްރީފިން ގެ ވާހަކައިން ފައްޓަވަމުން އާދަމް ޝަރީފު ވިދާޅުވީ ދިވެހިން އަދިވެސް އެންމެ އިތުބާރުކުރާ މުއައްސަސާ އަކީ އަސްކަރިއްޔާ ކަމަށެވެ. އުތުރުތިލަފަޅަކީ ސިފައިން ބޭނުންވެގެން ސިފައިންގެ ލީޑަޝިޕުން ބޭނުންވާ ގޮތަށް އެއްބަސްވުން ހަދައިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ޕްރެސް ބްރީފިންގައި ސިފައިން ވަނީ ބުނެފަ އެވެ. އަދި އެއީ ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހިމެނޭ އެއްބަސްވުމެއް ނޫން ކަމަށް ވެސް ބުންޏެވެ.

"އަދި ދިވެހި އަސްކަރިއްޔާއިން ނިންމާ ނިންމުންތަކަކީ އެ ވަގުތެއްގެ ވަގުތާ ހާލަތަށް ބަލާފައި އެންްމެ އެކަށީގެންވާ ނިންމުންކަމަށް ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިމައްސަލަ [އުތުރު ތިލަފަޅުގެ މައްސަލަ] އާ ގުޅިގެން ވެސް އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި އަސްކަރިއްޔާއިން މިވަގުތު ނިންމާނީ އެއީ މިހިނދަށް އެންމެ ރަނގަޅުގޮތް ކަމަށް އަޅުގަނޑު މިދެކެނީ،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވި އިރު އުތުރު ތިލަފަޅު ތަރައްގީކުރަން ރާއްޖޭން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުންކަމަށް ބުނެ ދައުރުކުރަމުންދާ ލިއުމަކީ ހަގީގީ ލިއުމެއް ކަމަށް ބަލައިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ސިފައިންނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ އުތުރު ތިލަފަޅުގެ މައްސަލައާ ބެހޭ ގޮތުން ދައްކަމުންދާ ވާހަކަތަކާ ބެހޭ ގޮތުން ސިފައިން މީޑިއާއާ ބައްދަލުކޮށް ވާހަކަ ދެއްކުމަށްވުރެ ރަނގަޅުވީހީ ޑިފެންސް މިނިސްޓަރު (މާރިޔާ އަހުމަދުދީދީީ) މީޑިއާއާ ބައްދަލުކުރެއްވުން ކަމަށެވެ. އޭނާ ވިދާޅުވީ ސިފައިންގެ އެންމެ ޑެކަރޭޓެޑް އޮފިސަރުން އަރުއްވައިގެން އިއްޔެ އެ ވާހަކަ ދެއްކެވީ ރައްޔިތުން އެންމެ އިތުބާރު ކުރާނީ އޭރުން ކަަމަށް ވާނެތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ދިވެހި އަސްކަރިއްޔާއިން އެވާހަކަ ދެއްކުމަށް ވުރެ އެކަން ކުރައްވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ދިފާއީ ވަޒީރު. އެކަން އެގޮތަށް ކުރެއްވުނު ނަމަ އަޅުގަނޑު ދެކޭ ގޮތުގައިި އެއީ، ސިޔާސީ ގޮތުން ކުރެވިފައި އޮތް މަަަސައްްކަތަކަށް ވާއިރު އޭގެ ހައްލު ބޮޑުވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގައި ސިފައިންގެ ބަނދަރު ތަރައްގީކުރަން އިންޑިއާއިން އެހީވާން މަޝްވަރާތައް ފެށީ 2013 ވަނަ އަހަރު އެވެ. އެކަމުގެ މަޝްވަރާތައް އެކި ފަހަރު މަތިން ކުރިއަށް ދިޔަ އިރު، އާދަމް ޝަރީފް ވެސް ޑިފެންސް މިނިސްޓަރުކަން ކުރެއްވި އެވެ. އެހެންވެ، އެކަމާ ބެހޭ ގޮތުން މަޖިލީހުގައި މީގެ ކުރިން ވާހަކަ ދެކެވުނު ދުވަހެއްގައި އެމްޑީޕީގެ މެމްބަރުން އޭނާއަށް ފާޑުކިއުން އަމާޒުކުރި އެވެ. އެ ދުވަހު އެ މެމްބަރުންނަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން ބޭނުންވީ ދައުލަތުގެ ހަރަދުގައި ރާއްޖޭން އަމިއްލައަށް އެ މަސައްކަތްކުރަން ކަމަށެވެ.