Roadha Mihaaru
ސިޔާސީބޭނުމަށް ސިފައިންގެ އަގު ވައްޓާލުމަކީ ފިނޑިކަމެއް

ސިޔާސީ ބޭނުމަށް ސިފައިންގެ އަގު ވައްޓާލުމަކީ ފިނޑި އަމަލެއް: މާރިޔާ

15 މާޗް 2021

ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަކައި ސިފައިންގެ އަގު ވައްޓާލުމަކީ ފިނޑި އަމަލެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަކައި ސިފައިންގެ އަގު ވައްޓާލުމަކީ ފިނޑި އަމަލެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ލީކު ކުރެއްވި ލިޔުންތަކަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

އެއީ ސައްހަ ލިޔުންތަކެއް ނޫން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވާ ބަޔާނާއެކު، މިނިސްޓަރު މާރިޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާ ހަވާލާދީ ކަމަށް ބުނެ ހަގީގަތާ ހިލާފު ޚަބަރު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ދިވެހި ސިފައިންގެ އަގު ވައްޓާލަން މަސައްކަތް ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ.

ސިޔާސީ ބޭނުމަށް ސިފައިންގެ އަގު ވައްޓާލުމަކީ ފިނޑި އަމަލެއް ކަަމަށް މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވިއިރު، އެ ބޭފުޅުން އިދިކޮޅުގައި ތިއްބެވި ދުވަސްވަރު އެފަދަ ކަންކަން ތަކުރާރު ކުރައްވާފައިވާ ބުނެ މިހާރުގެ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ޚާއްސަކޮށް މާރިޔާ ނިސްބަތްވާ އެމްޑީޕީ އިދިކޮޅުގައި އޮތް ދުވަސްވަރު ސިފައިންނަށް ޖޯކު ޖެހުމާއި ޖެއްސުން ކުރުން ފަދަ އަމަލުތައް ފާހަގަވެ އެވެ.

މާރިޔާގެ ޓުވީޓު

ދިވެހި ސަރުކާރުން އިންޑިޔާއާއެކު އެއްބަސްވެފައި ވަނީ އުތުރު ތިލަފަޅުގައި ކޯސްޓް ގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާށާއި މަރާމާތުކުރަން ޑޮކްޔާޑަކާއި ސިފައިން ތިބޭނެ ތަންތަން ހެދުން ފަދަ އެތައް ފެސިލިޓީއާ އެކު ތަރައްގީ ކޮށްދިނުމަަށެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން އެތަން ތަރައްގީ ކުރުމަށް ފަހު އިންޑިޔާ ސިފައިން އެތަނުގައި ގާއިމްވެ ތިބޭނެ އެވެ. އުތުރު ތިލަފަޅު ކޮންޓްރޯލް ކުރާނީ ވެސް އިންޑިއާގެ ސިފައިންނެވެ.

އެކަމަކު، މި ތުހުމަތުތައް ދިވެހި ސަރުކާރާއި އަސްކަރިއްޔާގެ ވެރިން ދޮގު ކުރައްވަ އެވެ.

ލީކްކޮށްގެން އުޅެނީ، އުތުރު ތިލަފަޅުގައި ރާއްޖޭގެ ކޯސްޓް ގާޑަށާއި އެމްއެންޑީއެފްގެ ވައިގެ ބަޔަށް ހާއްސަ ފެސިލިޓީޒްއާ ބެހޭ ގޮތުން ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ކޮޕީއެކެވެ. އެކަން، ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ ސިޓީން އެނގެ އެވެ. އެ ސިޓީގައި އެދިފައި އޮތީ "މި ޑްރާފްޓާ މެދު ދިވެހި ސަރުކާރުން އެއްވެސް ހިޔާލެއް އޮތް ނަމަ އެކަން ހުށައެޅުމަށެ"ވެ.

ޑްރާފްޓްގައި ހިމެނޭ އެއް ކަމަކީ ޔޫޓީއެފް "ހިންގާށާއި އިދާރީ ކަންކަމަށް އެކަށީގެންވާ ވަރަށް އިންޑިއާ ސިފަައިިންނަށް ހުއްދަ ލިބެން ޖެހޭ" ވާހަކަ އެވެ. އެގޮތުން ބަނދަރު ތަރައްގީކުރުމުގެ ކުރިން ޑިޒައިން ކުރުމާއި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު ވެސް، އަދި ފެސިލިޓީ މަރާމާތު ކުރުމާއި ބެލެހެއްޓުމުގައި ވެސް، އެކަމަށް އެކަށީގެންވާ ވަރަށް އިންޑިއާގެ އަސްކަރީ ފަރާތްތަކަށް ފުރުސަތު އޮންނަން ޖެހޭ ކަމަށް، ޑްރާފްޓްގައިވެ އެވެ.

ޔޫޓީއެފް ތަރައްގީކުރަނީ، ދިވެހި ސަރުކަރުގެ ލަފައާ އެކު އިންޑިއާ ސަރުކާރުން ކަނޑައަޅާ ކޮންޓްރެކްޓެއް ކަމަށް ވެސް، އޭގައިވެ އެވެ.