ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާއަށް އެޖެންޑާކުރަން ޖެހޭ ކަަމަށް އެމްޑީޕީން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
07 ނޮވެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާއަށް އެޖެންޑާކުރަން ޖެހޭ ކަަމަށް އެމްޑީޕީން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވެ އެވެ. އެހެންވެ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.
އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވޭ ނަމަ، އާ ރައީސް ހުވާކުރައްވަން ގާނޫނީ ހުރަސްތައް އެބަހުއްޓެވެ. އެކަމަކު، ދައުލަތުން އިއްޔެ ބުނީ މުއިއްޒު ހުވާކުރައްވަން ހުރަހެއް ކުރިމަތިނުވާނެ ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި މިއަދު އަޑުއެހުމުގައި އެމްޑީޕީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ، އިންތިހާބީ ރައީސް ހުވާކުރައްވަން ބާއްވާ ޖަލްސާގެ އެޖެންޑާގެ އެންމެ ކުރީގައި އިތުބާރު ނެތް ކަމުގެ މައްސަލަ ހިމަނަން ޖެހޭނެ ކަމަށެވެ.
"އެއީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. ޖަލްސާގެ ކަންކަން ވެސް ކުރެވޭނެ. އެކަމަކު މަޖިލީހުގެ ގަވައިދުގައި މި ބުނަނީ މަޖިލީހުގައި ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނީ މި ކަންކަން ކޮށް ނިންމާފައޭ،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި އެމްޑީޕީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވާހަކަ ދައްކަަވަނީ: އެ ޕާޓީން ދެކެނީ އިތުބާރު ނެތް ކަމުގައި މައްސަލަ ހުވާކުރާ ޖަލްސާއަށް އެޖެންޑާ ކުރަން ޖެހޭނެ ކަމަށް.
ވަކީލު ހަވާލާދެއްވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާއަށެވެ. އެ މާއްދާގައި ރ. ގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ހުށަހަޅާފައިވާ ވަގުތު އިތުރު އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގަ އެވެ.
ވަކީލު ވިދާޅުވީ އެ މާއްދާގެ މަފްހޫމަކީ އިތުބާރު ގެއްލިފައިވާ ނަމަ މަޖިލީހުން ކުރާ ހުރިހާ މަސައްކަތަކާ މެދު ސުވާލު އުފެދުން ކަމަށާއި އެ އިތުބާރު އަބަދުވެސް އޮންނަން ޖެހޭނެ ކަމަށެވެ.
"އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާ ކަންކަމުގެ ގާނޫނީ ހައިސިއްޔަތާއި ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދުމުގެ ސުވާލު އުފައްދާނެ ޖާގަ އެބައޮތޭ،" މަޖިލީހުގެ މެޖޯރިޓީ މެންބަރުން އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރައްވާފައިވާކަން ފާހަގަކުރައްވައި ވަކީލް އަހްމަދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ތަދައްހުލްވި ޕީޕީއެމް/ޕީއެންސީގެ ވަކީލު އައިޝަތު އާޒިމާ ޝަކޫރާއި މަރިޔަމް ނިހާޔަތު އިއްޔެ ކޯޓުން ނުކުމެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
އެކަމަށް ރައްދު ދެއްވައި، ދުސްތޫރީ މައްސަލައަށް ތަދައްހުލްވި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވަކާލާތު ކުރައްވައި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ބަޖެޓާއި އިންތިހާބީ ރައީސް ހުވާކުރުމުގެ ކަންކަމަށް ހުރަސް ނޭޅޭނެ ކަމަށާއި އެކަންކަމަށް ހައްލު ލިބެން ޖެހޭނެ ކަމަށެވެ.
"... ކިތަންމެ ގިނަ ބަޔަކު ސޮއިކުރައްވާފައި އޮތަސް ވޯޓް އޮފް ނޯ ކޮންފިޑެންސް ފާސް ނުވެއްޖެއްޔާ، އެހެންވީމާ އެ ހާލަތުގައި މަޖިލީހުގެ ރައީސްގެ ބާރުތައް ކުރިއަށް ދާން ޖެހެނީ،" އާޒިމާ ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލު ފާތިމަތު ހަލީމް އިއްޔެގެ އަޑުއެހުމުގައި ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައި ބަޔާން ކުރަނީ މިފަދަ ހާލަތެއްގައި ދެ ކަމެއް ނުކުރެވޭނެ ކަމަށާއި އެއީ މަޖިލީހަށް ހުށަހެޅިފައިވާ ކަމަކަށް ބަހުސް ކުރުމާއި ފާސްކުރަން އޮތް ކަމެއް ފާސްކުރުމެވެ.
"[އެ މާއްދާގައި] ގާނޫނު އަސާސީގެ 114 ވަނަ މާއްދާގައި އެ ބުނާ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ މަސައްކަތެއް ނުހިމެނޭ،" ދައުލަތުން އިއްޔެ ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މަހާޒެވެ.
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
އާ ރައީސް ހުވާކުރުމަށް ހުރަހެއް ނޭޅޭނެ: ސުޕްރީމް ކޯޓު
މަޖިލީހުގެ މައްސަލާގައި އާޒިމާ ފާޑުވިދާޅުވީ އޭޖީއަށް
ނަޝީދުގެ މައްސަލައަށް ޕީޕީއެމް/ޕީއެންސީން ވެސް ވަންނަނީ
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ރުހުން ނުލިބޭ ވަޒީރުން އަލުން މަގާމަށް: ބޮޑުުު ސުވާލެއް
"ރުހުން ނުދިނުމާ ގުޅެނީ ނަޝީދަށް މަގާމު ގެއްލުން"
އެމްޑީޕީން އެދެނީ މަޖިލީހުން ގަވައިދާ ހިލާފު ނުވާން
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގެ ހުކުމް މިއަދު
ނަޝީދުގެ ގަރާރު ކުރިއަށްގެންދަން ނިއުޝާގެ 4 ހައްލެއް