Roadha Mihaaru
ފާރިސްގެ ބޮޑެތި ހުށަހެޅުންތަކެއް ރައީސާއި މުއިއްޒަށް

ގޮތް ނިންމެވުމުގެ ކުރިން، ފާރިސްގެ ބޮޑެތި ހުށަހެޅުންތަކެއް ރައީސާއި މުއިއްޒަށް!

18 ސެޕްޓެމްބަރ 2023

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ޕަސެންޓެއް ލިބުނު އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫންގެ ބޮޑެތި ހުށަހެޅުންތަކެއް އެ އިންތިހާބުގައި އެންމެ ގިނަ ވޯޓާ އެކު ދެ ވަނަ ބުރަށް ދަތުރު ކުރެއްވި ދެ ކެންޑިޑޭޓުންނަށް ހުށަހަޅުއްވައި، އެ ހުށަހެޅުންތައް އާންމު ކުރައްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ޕަސެންޓެއް ލިބުނު އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫންގެ ބޮޑެތި ހުށަހެޅުންތަކެއް އެ އިންތިހާބުގައި އެންމެ ގިނަ ވޯޓާ އެކު ދެ ވަނަ ބުރަށް ދަތުރު ކުރެއްވި ދެ ކެންޑިޑޭޓުންނަށް ހުށަހަޅުއްވައި، އެ ހުށަހެޅުންތައް އާންމު ކުރައްވައިފި އެވެ.

އެންމެ ގިނަ ވޯޓާ އެކު، މި މަހުގެ 30 ގައި ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. އިބްރާހިމް މުހައްމަދު ސޯލިހަށް 86،161 ވޯޓެވެ.

ފުރަތަމަ ބުރުގައި 2،979 ހޯއްދެވި ފާރިސް ވަނީ ދެ ވަނަ ބުރުގައި އޭނާގެ ޓީމުން ތާއީދު ކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ކުރިން، އެ ކެންޑިޑޭޓަކަށް ވެރިކަން ލިބިއްޖެ ނަމަ ފުރިހަމަ ކުރައްވަން ޖެހޭ ކަންކަމުގެ ލިސްޓެއް އާންމު ކުރައްވައިފަ އެވެ. އެ ލިސްޓާ މެދު ދެ ކެންޑިޑޭޓުން ގޮތެއް ނިންމަން ރެއާ ހަމައަށް ފުރުސަތު ދެއްވި ނަމަވެސް އިތުރު ވަގުތު ބޭނުންވާ ކަމަށް އެންގެވުމުން ދެ ވަނަ ބުރުގައި އޭނާ އަމަލު ކުރައްވާނެ ގޮތް ކަނޑައެޅުން މިއަދުގެ ނިޔަލަށް ފާރިސް ވަނީ ފަސްކުރައްވައިފަ އެވެ.

ފާރިސްގެ ހުށަހެޅުއްވުންތަކުގެ ތެރޭގައި އެއްވެސް ގައުމެއްގެ އަސްކަރީ އެއްވެސް ބަޔަކު އުޅޭ ނަމަ އޭގެ ސަބަބާއި އެ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާ ކުރުން އަދި އުތުރު ތިލަފަޅުގެ އެއްބަސްވުމާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހެދުމުގެ އެއްބަސްވުމާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އެއްބަސްވުމާއި އައްޑޫ ޕޮލިސް އެކަޑެމީގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުން ހިމެނެ އެވެ.

ފާރިސްގެ ހުށަހެޅުއްވުންތައް

އެ އެއްބަސްވުންތައް ރައްޔިތުންގެ މަޖިލިހަށް ފޮނުވަން މުއިއްޒަށް، ފާރިސް ކަނޑައެޅުއްވި މުހުލަތަކީ ވެރިކަން ލިބިވަޑައިގަންނަވާތާ ފުރަތަމަ 50 ދުވަހެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަމަ މިހާރުން މިހާރަށް އެއްބަސްވުންތައް މަޖިލިހަށް ފޮނުއްވުމަކީ ފާރިސްގެ ޝަރުތެކެވެ. ބޭރުގެ އަސްކަރިއްޔާގެ މައުލޫމާތު ވެސް މިހާރުން މިހާރަށް ރައްޔިތުންނާ ހިއްސާ ކުރަން ފާރިސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފަ އެވެ. އެ ކަމުގައި މުއިއްޒަށް ދެއްވީ ވެރިކަން ލިބޭތާ ފުރަތަމަ 50 ދުވަހެވެ.

މީގެ އިތުރުން ވެސް ޗާގޮސްގެ މައްސަލައާ ގުޅޭ ކަންކަމާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު މަދުކޮށް، މުސާރަ ކުޑަކުރުމާއި މެމްބަރުން ވަކި ކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި މެމްބަރަކަށް ވުމުގެ ޝަރުތު ޒަމާނީ ގޮތަށް ބަދަލު ކުރުމާއި މެމްބަރުން ވިޔަފާރި ކުރުން މަނާކުރުން ހިމެނެ އެވެ. ދެން މަޖިލިހާ ގުޅޭ ކަންކަމުގެ ތެރޭގައި ފާރިސް ހުށަހެޅުއްވީ އަންހެނުންގެ ނިސްބަތް އިތުރު ކުރުމަށްޓަކައި ކޯޓާއެއް ކަނޑައެޅުމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އިސްރަށްވެހިންނާއި ފަންނީ މީހުންނަށް އެކަނި މަޖިލިހަށް ކުރިމަތިލެވޭ ގޮތް ހެދުމަށްޓަކައި "ނޭޝަނަލް ކޮންސްޓިޓިއުޓަންސީ" ގޮނޑިތަކެއް ހާއްސަ ކުރުމެވެ.

ފާރިސްގެ ހުށަހެޅުއްވުމުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ހޯދައި ދިނުމާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހޯދުމާއި ވެންޓިލޭޓަރު ގެނައުމުގައި ސަރުކާރަށް ގެއްލުނު ފައިސާ ހޯދުން ވެސް ހިމެނެ އެވެ.