Roadha Mihaaru
ހިޔާގެ ލިސްޓުން އުނިކުރި މީހުންނަށް ފްލެޓްދިނުމުގެ ވައުދު

އެންމެ ފުރަތަމަ ވެސް ފްލެޓް ދޭނީ ހިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރި މީހުންނަށް: މުއިއްޒު

21 އޯގަސްޓް 2023

އޭނާގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ވެސް ފްލެޓް ދޭނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާންކުރި ހިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓުން މި ސަރުކާރުން އުނިކުރި މީހުންނަށް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އޭނާގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ވެސް ފްލެޓް ދޭނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާންކުރި ހިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓުން މި ސަރުކާރުން އުނިކުރި މީހުންނަށް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެކުލަވާލި ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި ހިމެނޭ ހައުސިންގެ ސިޔާސަތު އިއުލާންކުރުމަށް ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އާންމުކުރި ހިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓުން މި ސަރުކާރުން ބަޔަކު އުނިކުރީ ނާއިންސާފުން ކަމަށެވެ.

"މިގޮތަށް އުނިކުރި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފްލެޓް ލިބޭ ފަރާތްތަކުގެ ގޮތުގައި އެ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތަކަށް ފްލެޓް ދޭނަން،" އޭނާ ވިދާޅުވި އެވެ.

"އެއީ އެއްކަލަ އަލަތު ކައިވެނީގެ ފްލެޓާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފްލެޓާއި މިހެން ގޮސް ހުރިހާ އެންމެން. އެ ހުރިހާ އެންމެނަށް އިރާދަކުރެއްވިއްޔާ ފްލެޓް ހޯދައިދޭނަން."

މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ހިޔާ ފްލެޓް ލިބޭ މީހުންގެ ކެޓަގަރީ އަށް ބަދަލު ގެނައިއިރު، އަލަތު ކައިވެނީގެ ބައިގެ އިތުރުން ބައެއް ބައިތައް ވެސް އުނިކުރި އެވެ.

ބޯހިޔާވަހިކަމުގެ މެނިފެސްޓޯ އިއުލާންކުރަން ހުޅުމާލޭ ދެވަނަ ފޭސްގައި ބޭއްވި ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބޯހިޔާވަހިކަމުގެ މެނިފެސްޓޯ އިއުލާންކުރަން ހުޅުމާލޭ ދެވަނަ ފޭސްގައި ބޭއްވި ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުއިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ އިއުލާންކުރީ، ގޯތި ލިބޭ މީހުންނަށް ސަރުކާރުގެ އެހީގައި ގެތައް އިމާރާތްކޮށް ދިނުމަށާއި އުމުރުން 18 އަހަރު ފުރޭ ކޮންމެ މީހަކަށް ގޯތި ނުވަތަ ފްލެޓް ދިނުމުގެ ވައުދާ އެކުގަ އެވެ. އޭނާގެ ސަރުކާރެއްގައި ސަރުކާރުން ގާއިމުކުރާ ހާއްސަ ފަންޑެއް މެދުވެރިކޮށް، ބިމުގައި ގެދޮރު އިމާރާތްކޮށް ދޭން ވައުދުވެޑައިގެންނެވި އެވެ.

މުއިއްޒުގެ ވެރިކަމުގައި ފުށިދިއްގަރުފަޅާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ގިނަ ބަޔަކަށް ބިން ދޫކުރަން ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. ފުށިދިއްގަރު ފަޅު އެކަނި ހިއްކައިގެން މިހާރު އޮތް ހުޅުމާލޭގެ ތިން ހުޅުމާލެ ވަރުގެ ބޮޑު ސަރަހައްދެއް ތަރައްގީ ކުރާނެ ކަމަށާއި އެތަނުން 11،000 އަށް ވުރެ ގިނަ ގޯތި ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅީފަޅާއި ގިރާވަރުފަޅާއި ފުށިދިއްގަރުފަޅު ހިއްކައިގެން 65،000 ގޯތި ދެވޭ ގޮތަށް މާލެ ސަރަހައްދު ތަރައްގީކުރުން ވަނީ ޕްލޭންކޮށްފަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ކޮންމެ މީހަކަށް ބޯހިޔާވަހިކަން ލިބުނަސް، ބައެއް މީހުންނަށް ހާއްސަ އިސްކަމެއް ދޭނެ އެވެ. އެކަނިވެރި މައިންނާއި ބަފައިންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ސްކީމްތަކެއް ކޮންމެ ހައުސިން ސްކީމެއްގައި ތައާރަފުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމިއްލަ ބިންތައް އޮތް މީހުންނަށް ވެސް ލުއި ލޯނު ލިބޭ ގޮތަށް ހާއްސަ ޑިވެލޮޕްމަންޓް ބޭންކެއް އުފައްދާނެ އެވެ.