Roadha Mihaaru
މުއިއްޒުގެ ފަހު ޖަލްސާ: ޒިންމާތައް ޑެޕިއުޓީ މޭޔަރަށް

މުއިއްޒުގެ ފަހު ޖަލްސާ: ޒިންމާތައް ޑެޕިއުޓީ މޭޔަރަށް

04 އޮކްޓޯބަރ 2023

މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައިވެރިވެވަޑައިގެންނެވި މާލޭ ސިޓީ ކައުންސިލުގެ އާންމު ޖަލްސާގައި އެ ކައުންސިލުގެ ހުރިހާ އިސް ޒިންމާތަކެއް ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ ހަވާލުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައިވެރިވެވަޑައިގެންނެވި މާލޭ ސިޓީ ކައުންސިލުގެ އާންމު ޖަލްސާގައި އެ ކައުންސިލުގެ ހުރިހާ އިސް ޒިންމާތަކެއް ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ ހަވާލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ އާންމު ޖަލްސާ އަކީ މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެންމެ ފަހު ޖަލްސާ އެވެ. އެ ޖަލްސާގައި މާލޭގެ ހުރިހާ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އެ މަނިކުފާނު މޭޔަރު ކަމުގައި ހޭދަކުރެއްވި މިދިޔަ ދެ އަހަރެއްހާ ދުވަހު ކައުންސިލަރުންނާއި މުވައްޒަފުން މަސައްކަތް ކުރެއްވީ ވަރަށް ގިނަ ގޮންޖެހުންތަކަކާ އެކުގައި ކަމަށެވެ. އެ ހުރިހާ ވަގުތެއްގައި އެ ބޭފުޅުން ކުރެއްވި ހިތްވަރަށާއި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައި މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވާއިރު، އެ ކައުންސިލްގެ މެމްބަރުން އަރިހުގައި މަޑުކޮށްލައްވައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސިޓީ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައި މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވާއިރު، އެ ކައުންސިލްގެ މެމްބަރުން އަރިހުގައި މަޑުކޮށްލައްވައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މުއިއްޒު ވިދާޅުވި ގޮތުގައި، އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވަން ދެން ގާނޫނީ ގޮތުން މޭޔަރުގެ މަގާމުގައި ދެމިހުންނަވާނެ އެވެ. ނަމަވެސް، މޭޔަރުގެ ހުރިހާ ޒިންމާތަކެއް އެ މުއްދަތުގެ ތެރޭގައި އަދާކުރައްވާނީ ޑެޕިއުޓީ މޭޔަރު ނަރީޝެވެ. އެއީ ސިޓީ ކައުންސިލުގެ ގާނޫނީ ޓީމުންނާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް ލަފާ ދީފައިވާ ގޮތް ކަމަށް ވިދާޅުވި އެވެ.

އެގޮތަށް ނިންމެވީ ސަރުކާރު ބަދަލުވުމަށް މި ހިނގާ ޓްރާންސިޝަން ޕީރިއަޑްގެ މަސައްކަތަށް ވަގުތު ދެއްވަން ބޭނުންފުޅު ވާތީ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް މި ޓްރާންސިޝަން ޕީރިއަޑްގައި ޓްރާންސިޝަން މަސައްކަތަށް ވަރަށް ވަގުތު ދޭން ބޭނުން. އެއީ އެހެން ނޫނިއްޔާ 17 ނޮވެމްބަރުގައި މަސައްކަތް ފަށާއިރު، ފުލީ ޕްރިޕެއާޑް ނުވެދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން އަޅުގަނޑުގެ ފުލް ޓައިމް ދޭން ޓްރާންސިޝަން މަސައްކަތް، ކޮމެޓީތައް ހިނގާ ގޮތް، ޑިރެކްޓާ ޖެނެރަލް ކުރައްވާ މަސައްކަތަށް އެހީތެރިކަން ދީ، މުޅި މަސައްކަތް، ހުރިހާ ތަނަކުން މައުލޫމާތު ހޯދައި އެއްކޮށް އެނަލައިޒްކޮށް [ވެރިކަމުގެ ޒިންމާއަށް ތައްޔާރުވާން]."

މާލޭ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެހެން ބައެއް ކައުންސިލަރުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލޭ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެހެން ބައެއް ކައުންސިލަރުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެހެންވެ، ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހު، ގާނޫނީ ޓީމާއި އެލްޖީއޭގެ ލަފާގެ މަތިން އެ މަނިކުފާނު ހުންނަވާނީ ހާއްސަ ހާލަތުގެ ޗުއްޓީއެއްގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މޭޔަރުގެ މަގާމާ މުއިއްޒު ހަވާލުވެވަޑައިގެންނެވީ މެއި 17، 2021 ގަ އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގައި، މޭޔަރުގެ މަގާމު ހުސްވުމުން އެލްޖީއޭ އިން އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގާތާ 60 ދުވަހުގެ ތެރޭގައި އާ މޭޔަރަކު ހޮވުމަށް ބައި-އިލެކްޝަނެއް ބާއްވަން ޖެހޭނެ އެވެ.

ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުމުގެ ޔަގީކަން

މި ސަރުކާރުން މިދިޔަ ދެ އަހަރެއްހާ ދުވަހު މާލޭ ސިޓީ ކައުންސިލަށް އެތައް ގޮތަކުން ފިއްތުންތައް ކުރިމަތިކުރުވި ކަމަށާއި އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އެކަން ނިމުމަކަށް ގެނެސް، ސިޔާސީ ގޮތުން ފިކުރު ތަފާތުވިޔަސް، އެ ކައުންސިލާއި އެހެން ކައުންސިލުތަކަށް ވެސް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީން ކަން ވެސް މުއިއްޒު މިއަދު ދެއްވި އެވެ.

"މި ކައުންސިލުގެ ވެސް މަޑުޖެހިފައި ހުރި ކަންކަން ބާރަށް ހިނގާނެ އޭރުން އިރާދަކުރެއްވިއްޔާ. ހަގީގީ މާނާއިގައި ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރެވިގެން ދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ކައުންސިލްތަކާއި ސަރުކާރާ މެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރި ކުރުވުމަށްޓަކައި ހާއްސަ މިނިސްޓްރީއެއް ވެސް އުފައްދަވަން ނިންމަވައިފަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން އެކަން އިއުލާންކުރެއްވި އެވެ. އެއީ ކައުންސިލްތަކުގެ ބެލެނިވެރިފަރާތް އެލްޖީއޭ އަށް ފުލްޓައިމް މިނިސްޓަރެއް ހަމަޖެއްސުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މިހާރު އާބަންކޯގެ ބެލުމުގެ ދަށުގައި އޮންނަ މާލޭގެ ހަވަނަ އަވަށް، ހުޅުމާލެ މާލޭ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަށް ވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.