Roadha Mihaaru
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ

މުއިއްޒުގެ ކާމިޔާބީ ފާހަގަކުރަން ބާއްވާ އުފާފާޅުކުރުމުގެ ޖަލްސާ މިރޭ ސޯޝަލް ސެންޓަރުގައި

02 އޮކްޓޯބަރ 2023

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެމްޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސްކަމަށް އިންތިހާބު ކުރުމާ ގުޅިގެން ބާއްވަން ނިންމި އުފާފާޅުކުރުމުގެ ޖަލްސާ މިރޭ ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެމްޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސްކަމަށް އިންތިހާބު ކުރުމާ ގުޅިގެން ބާއްވަން ނިންމި އުފާފާޅުކުރުމުގެ ޖަލްސާ މިރޭ ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމައިފި އެވެ.

މުއިއްޒުގެ ބޮޑު ކާމިޔާބީ ފާހަގަކުރުމުގެ ޖަލްސާ ބާއްވަން ރޭ މަސައްކަތްކުރީ އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ. އެކަމަކު، މޫސުން ވަރަށް ބޮޑަށް ގޯސްވެ، މާލެ އަށް ރޭ ވަރަށް ބޯކޮށް ވާރޭ ވެެހި، ފެން ބޮޑުވުމާ ގުޅިގެން އެ ޖަލްސާ މިރެއަށް ފަސްކުރީ އެވެ.

ޕީޕީއެމުން ބުނީ، އިންތިހާބީ ރައީސް މުއިއްޒު ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ހަފުލާ އޮންނާނީ މިރޭ 8:30 ގައި ސޯޝަލް ސެންޓަރުގައި ކަަމަށެވެ.

"ދިވެހި ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަން،" ކެމްޕެއިން ޓީމުން ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް، މުއިއްޒު ކާމިޔާބު ކުރެއްވީ 54 ޕަސެންޓް ހޯއްދަވައިގެންނެވެ. އެ މަނިކުފާނާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ

ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއާ އެކު، މުއިއްޒު ވަނީ ހޮނިހިރު ދުވަހުގެ ރޭ ނޫސްވެރިންނާ ވެސް ބައްދަލުކުރައްވައިފި އެވެ. ހ. މީރުމާ ހޯލުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުކުރެއްވުމުގައި މުއިއްޒު ވިދާޅުވި ގޮތުގައި، މިއީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތެވެ. ގައުމުގެ މަސްލަހަތު އަޅުގަނޑުމެންގެ ކޮންމެ މީހަކަށް ވުރެ މާ ބޮޑު ކަމަށާއި އެންމެންނަކީ ސުލްހަވެރި ބަޔަކަށް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ގައުމަށް ހަމަޖެހުން ގެންނަން ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް އެއްބައިވަންތަކަން އިސްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ގައުމަށް ހަމަޖެހުން ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެ ރޭ މުއިއްޒު ދެއްވި އެވެ.