22 ސެޕްޓެމްބަރ 2023
އޭނާގެ ވެރިކަމެއްގައި އާންމުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވާނެ ކަމަށް އެމްޑީޕީން ބުނަމުން ދާތީ، އެ ކުރާ ތުހުމަތު ދިފާއު ކުރައްވައި، ހަގީގަތުގައި އަނިޔާވެރިވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުގައި ކަމަށް ވިދާޅުވެ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ސަރުކާރަށް ރައްދު ދެއްވައިފި އެވެ.
އޭނާގެ ވެރިކަމެއްގައި އާންމުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވާނެ ކަމަށް އެމްޑީޕީން ބުނަމުން ދާތީ، އެ ކުރާ ތުހުމަތު ދިފާއު ކުރައްވައި، ހަގީގަތުގައި އަނިޔާވެރިވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުގައި ކަމަށް ވިދާޅުވެ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ސަރުކާރަށް ރައްދު ދެއްވައިފި އެވެ.
މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ބ. ކަމަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށެވެ.
ސަރުކާރުން މުއިއްޒުގެ މައްޗަށް އެ ތުހުމަތު ކުރަނީ އޭނާ ތަމްސީލު ކުރައްވާ ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ގިނަ ލީޑަރުންނާއި އަދި އެ މަނިކުފާނާ ހިޔާލު ތަފާތުވި ގިނަ ބަޔަކު ވެސް ޖަލަށް ލުމުންނެވެ. އެ ވެރިކަމުގައި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށާއި ނޫސްވެރިންނަށް ކުރިމަތިކުރުވި ހުރަސްތަކުގެ ސަބަބުންނެވެ.
އޭރު މުއިއްޒު ހުންނެވީ ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް ކަމަށް ވާއިރު، އެ ކަންކަމުގައި ހިމޭނުން ހުންނެވުމަކީ މި ސަރުކާރާއި އެމްޑީޕީގެ ފާޑުކިޔުން އަމާޒުވާ އެއް ކަމެކެވެ.
ޑރ. މުއިއްޒުގެ ކެމްޕެއިނަށް ބ. ކަމަދޫގައި ވަޑައިގަތުމުން މަރުހަބާ ކިޔަން ތިބި މީހުންގެ ސަފުގައި ހުރި ކުޑަކުއްޖަކާ މުއިއްޒު ސަމާސަކުރައްވަނީ.-- ފޮޓޯ: ޕީޕީއެމް
މުއިއްޒު ރޭ ވިދާޅުވި ގޮތުގައި، އަނިޔާއަކީ މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ދޭ އަނިޔާ އެކަންޏެއް ނޫނެވެ. ވަރަށް ގިނަ އެހެން ގޮތްގޮތުން ވެސް ބަޔަކަށް އަނިޔާވެރި ވެވިދާނެ ކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް، ނަފުސާނީ ގޮތުން ބަޔަކަށް ދޭ އަނިޔާއަކީ ވެސް ވަރަށް ބިރުވެރި ކަމެއް ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން ފެންނަނީ އެ ކަހަލަ މަންޒަރެއް ކަމަށެވެ.
ކޮންމެ ރަށެއްގައި ޒުވާނުންނަށް ވަޒީފާ ދީފައި ބިރުދެއްކުމަކީ އަނިޔާވެރިކަން. އެކަމަކީ ނަފުސާނީ އަނިޔާއެއް: މުއިއްޒު
"ކޮންމެ ރަށެއްގައި ޒުވާނުންނަށް ވަޒީފާ ދީފައި ބިރުދެއްކުމަކީ އަނިޔާވެރިކަން. އެކަމަކީ ނަފުސާނީ އަނިޔާއެއް،" އޭނާ ވިދާޅުވި އެވެ.
"ސަފަށް އަރައި، ސަލާން ކޮށްލައިފިއްޔާ ވަޒީފާ އިން ކަނޑާލާނަމޭ. މިކަން ދިމާވެއްޖެ ބައެއް ރަށްތަކުގައި. އިދިކޮޅުގެ ކެމްޕެއިންގައި ބައިވެރިވި ބައެއް ޒުވާނުން [ވަޒީފާތަކުން] ވަކިކޮށްފި."
ކެމްޕެއިން ޖަލްސާތަކުގައި މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ސިޔާސީ މަގާމެއްގައި ހުރި މީހަކު ފިޔަވައި އެކަކު ވެސް އޭނާގެ ސަރުކާރެއްގައި އެއްވެސް ވަޒީފާއަކުން ވަކި ނުކުރައްވާނެ ކަމަށެވެ. މި ސަރުކާރުން ސިޔާސީ ބޭނުމަކަށް ވަޒީފާގެ ބިރު ދައްކާ މީހަކު ވަކިކޮށްފި ނަމަ، އެ ވަޒީފާއެއް އޭނާގެ ވެރިކަމުގައި އަނބުރާ ހޯދައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ކެމްޕެއިނަށް ބ. ކަމަދޫގައި ބޭއްވި ޖަލްސާގައި އޭނާގެ ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: ޕީޕީއެމް
ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭނާއަށް ވޯޓު ދީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ރައްޔިތުން ހޮވައި ދީފި ނަމަ، އެ ބިރުވެރިކަމާއި ނަމާންކަމާއި އަނިޔާވެރިކަން ވެސް ނިމުމަކަށް ގެނެސްދޭނެ ކަމުގެ ޔަގީން ދެއްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން އަނެއްކާވެސް އިންޑިއާގެ ބޭންކަކުން 100 މިލިއަން ޑޮލަރުގެ ބޮންޑެއް ނެގި ވާހަކަ އިވިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް، ސަރުކާރުން މިހާރު އެ ވާހަކަ ދޮގުކޮށްފައި ވާތީ ހަގީގަތެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ހުރިހާ ކަމެއް ވެސް ހުރީ ހަގީގަތެއް ވަކިކުރަން ނޭނގޭ ވަރަށް އޮޅުވާލައިފަ އެވެ.
ވިދާޅުވީ، އެންމެ ކުޑަމިނުން، ސަރުކާރުން ނަގާ ލޯނުތަކުގައި ހުންނަ އިންޓްރެސްޓް ރޭޓު ވެސް ހާމަކޮށްލަން ނުކެރޭ ކަމަށެވެ. ސަރުކާރުން ނަގާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓާއި ލޯނުގެ މުއްދަތު އަހައިފި ނަމަ އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ބުނެ ސަރުކާރުގެ ޖަވާބަކަށް ވަނީ ހަނޑުލާއި ހަކުރާއި ފުށް ލިބުމަށް ހުރަސް އެޅިދާނެ ކަމެކޭ ބުނުމަށް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޯނުތަކުގެ ތަފުސީލު ހާމަކުރުމަކީ ހަނޑޫ ހަކުރު ފުށް ލިބުމަށް އޮތް ހުރަހަކަށް ވަންޏާ، މިއީ ދެން އިނާފް އިޒް އިނާފް. މި ދެން ތަންކޮޅެއް ބޮޑުވަރު ހެން ހީވަނީ: މުއިއްޒު
"އެއީ ނޫސްވެރިން އާރުޓީއައި ފޯމު ލައިގެން މައުލޫމާތު ނުލިބުމުން ކޯޓަށް ދިއުމުން ސަރުކާރުން ދީފައި ހުރި ޖަވާބު،" މުއިއްޒު ވިދާޅުވި އެވެ.
"ލޯނުތަކުގެ ތަފުސީލު ހާމަކުރުމަކީ ހަނޑޫ، ހަކުރު ފުށް ލިބުމަށް އޮތް ހުރަހަކަށް ވަންޏާ، މިއީ ދެން އިނަފް އިޒް އިނަފް. މި ދެން ތަންކޮޅެއް ބޮޑުވަރު ހެން ހީވަނީ."
ޑރ. މުއިއްޒުގެ ކެމްޕެއިނަށް ބ. ކަމަދޫގައި ބޭއްވި ޖަލްސާގައި އޭނާގެ ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: ޕީޕީއެމް
މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖެ އަޅުވެތި ވަނީ މިތަނުގައި ހަމައެކަނި ބޭރުގެ ސިފައިން ތިބެގެނެއް ނޫނެވެ. ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތަކުގެ ސަބަބުން ވެސް ގައުމު މި އޮތީ "އިގުތިސާދީ އަޅުވެތިކަމެއްގައި" ކަމަށް ވިދާޅުވި އެވެ.
"ހަމައެކަނި ބޭރު ސިފައިން މި ތަނުގައި ތިބެގެނެއް ނޫން އަޅުވެތިވާނީ. އިގުތިސާދީ ގޮތުން މި އޮތީ އަޅުވެތިވެފައި. އިގުތިސާދީ ގޮތުން އެއް އަތަކަށް ގޮސް މި އޮތީ އަޅުވެތިވެފައި،" މުއިއްޒު ވިދާޅުވި އެވެ.
މި "އަޅުވެތިކަމުން" އަރައިގަންނަން ބޭނުންވާ ނަމަ، ކޮންމެ ރައްޔިތަކު އަދި ކޮންމެ ޕާޓީއެއްގައި ހުއްޓަސް، ވިސްނުން އެއްގޮތް ކުރަން ޖެހޭ ކަމަށާއި މިއީ ހަގީގަތް ކަން މިހާރު ގަބޫލުކުރަން ވެސް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ، ގައުމަށް މިހެން ވާން ދޫކޮށްލައިގެން ތިބެވޭކަށް ނެތް ކަމަށާއި މި މަހު 30 ގައި ނަގާ ވޯޓުން ރައްޔިތުން މި ސަރުކާރު ބަލިކުރަން ވާނެ ކަމަށެވެ.
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"
އަނިޔާވެރިކަން ތާ އަބަދަށް ނިންމާނަން: މުއިއްޒު
މުދާ ބެހީ ދޮންމަންމާފުޅު އެދުނު ގޮތަށް: ސާޖިދާ
ހދ. އަތޮޅު ކައުންސިލްގެ ރައީސް ޕީޕީއެމަށް
އެކުލަވާލާނީ ދިވެހިން ފަހުރުވެރިވާ ކެބިނެޓެއް: މުއިއްޒު
"އަނިޔާގެއިލްޒާމު މުއިއްޒުގެ އިސްތަށިފުޅުގައި ނޭޅުވޭނެ"